ރިސޯޓްތައް އަލުން ތަރައްގީ ކުރުމަށް ދީފައިވާ މުއްދަތަށް ސަރުކާރުން މިދިޔަ އަންގާރަ ދުވަހު ބަދަލުތަކެއް ގެނެސްފި އެވެ.
މިހާރު އެކުލަވާލާފައިވާ ގައިޑްލައިންގައިވާ ގޮތުން ރިސޯޓް ރީޑިވެލޮޕްމަންޓަށް ހުއްދަ ދެވޭނެ އެންމެ ބޮޑު މުއްދަތަކީ ދެ އަހަރެވެ. އެދުމުން އެއް އަހަރު ދުވަހުގެ މުއްދަތެއް ދެވިދާނެ އެވެ.
މި ގެނައި ބަދަލުގައި މިހާރު ބުނެފައި ވަނީ އާންމުކޮށް ރިސޯޓް ތަރައްގީ ކުރުމަށް ދެވޭނެ އެންމެ ބޮޑު މުއްދަތަކީ ތިން އަހަރު ކަމަށެވެ. ނަމަވެސް މުޅި ތަން ތަޅާލައި އަލުން ހަދަމުންދާ ނަމަ ތިން އަހަރާއި ހަ އަހަރާ ދެމެދުގެ މުއްދަތެއް ދެވިދާނެ އެވެ.
އަދި ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ރިސޯޓް އޮޕަރޭޓް ނުކުރެވިއްޖެނަމަ، މަސައްކަތްތެރިންނާއި ބޭނުންވާ ސާމާނު ތައް ލޮކޭޝަންގައި ހުރިކަން ބަޔާންކޮށް ޑިވެލޮޕަރު ބަޔާނެއް ހުށަހަޅައިފިނަމަ އިތުރު މުއްދަތެއް ދިނުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް ވެސް އިސްލާހުގައި ވެ އެވެ.
އަދި އިންސްޕެކްޝަނަށް ފަހު އެ ބަޔާނަކީ ދޮގެއް ކަމަށް މިނިސްޓްރީއަށް ފެނިއްޖެ ނަމަ ހުއްދަ އުވާލުމުގެ އިހްތިޔާރު އެ މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އިސްލާހުގައި ވެ އެވެ.
މީގެ އިތުރުން މުޅި ރިސޯޓް ރީޑިވެލޮޕްމެންޓަށް ބަންދުކުރާނަމަ، ރީޑިވެލޮޕްމަންޓް ޕީރިއަޑަށް ރިސޯޓުގެ ކުލި ކުޑަކުރުމުގެ އިހްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ. ކުއްޔަށް އަލުން އަމަލުކުރަން ފަށާނީ ދީފައިވާ ރީޑިވެލޮޕްމަންޓް ޕީރިއަޑް ނިމުމުންނެވެ.
Leave a Reply