ރާއްޖެއިން ވަގަށް ބޭރު ކުރަން އުޅުނު 81،130 ޑޮލަރު ދައުލަތަށް ނަގައި، އެ މީހާ 12،000ރ އިން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. ވަގަށް އޭނާ ބޭރު ކުރަން އުޅުނު ޑޮލަރުތައް ފެނިފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެ ފިރިހެން މީހާ މިދިޔަ އޮގަސްޓް މަހުގެ 25 ވަނަ ދުވަހު ޔޫއެސް ބަނގްލަރ ފްލައިޓުން ބަންގްލަދޭޝްގެ ޑާކާއަށް ދިއުމަށްޓާކައި އެއާޕޯޓަށް ފުރަން ގޮސް ހުއްޓައެވެ. މިގޮތުން އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން އޭނާގެ ލަގެޖް ބަލައި ފާސް ކުރިއިރު، އޭނާ ގެންގުޅުނު ކަޅުކުލައިގެ ބެކްޕެކެއްގެ ތެރޭގައި އޮތް ހުދުކުލައިގެ ކޮތަޅެއްގެ ތެރޭގައި އޮތް ކެލޮގްސް ބްރޭންޑްގެ ކޯންފްލޭކްސް ޕެކެޓެއްގެ ތެރޭގައި ފޮރުވައިގެން ސިއްރުން ރާއްޖެއިން ބޭރަށް ގެންދަން އުޅުނު ޖުމްލަ 81،130 ޑޮލަރު ފެނިފައި ވެއެވެ.
މި މައްސަލައިގައި އޭނާގެ މައްޗަށް ރާއްޖެއިން ސިއްރުން މުދާ ބޭރު ކުރަން އުޅުނު ދައުވާ ކޮށްފައި ވެއެވެ.
މިއި އިއުތިރާފީ އެއްބަސްވުމެއްގެ މައްޗަށް ބިނާކޮށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށް އެ ހުކުމްގައި ވެއެވެ. އަދި އޭނާ ވަނީ މި މައްސަލައިގައި ވީހާވެސް އަވަހަށް ހުކުމްކޮށް، އޭނާ ރާއްޖެއިން ޑީޕޯޓްކޮށް، ގައުމަށް ދެވޭނެ ގޮތް ހަމަޖައްސާ ދިނުމަށް އެދިފައެވެ.
މިގޮތުން މި މައްސަލައިގައި އޭނާ ކުށްވެރިވެރިވެއްޖެ ކަމަށް ކަނޑައަޅައި، އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން 12،000ރ އިން ޖޫރިމަނާކޮށް، 15ދުވަސް ތެރޭގައި އެ ފައިސާ މީރާއަށް ދައްކަން އަންގައި، އޭނާގެ އަތުން ފެނުނު ޑޮލަރު ކަސްޓަމްސްއަށް ނެގުމަށް އަމުރުކޮށްފައި ވެއެވެ. ޤަވާއިދާ ޚިލާފަށް އުޅޭ ބަގުލަދޭސް މީހުން ހިފާ ޑިޕޯޓް ކުރުމާއި އަދި ބިދޭސީން ޤާވާއިދާ ޚިލާފަށް ކުރާ މިފަދަ ކަންތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުން ދާކަން ފާހަގަ ކުރެވެއެވެ.
Leave a Reply