ސްޕެއިންގެ އިރުމަތީ ސަރަޙައްދުތަކަށް ވެހުނު ބޯ ވާރޭއާ ގުޅިގެން ފެންބޮޑުވެ 158 މީހުން މަރުވެއްޖެ އެވެ. މިއީ އެ ގައުމުގެ ތާރީހުގައި ވެސް ފެންބޮޑުވުމާ ގުޅިގެން ދިމާވި އެންމެ ނުރައްކާތެރި ހާދިސާ އެވެ.
މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ވަލެންސިއާ ސަރަހައްދަށެވެ. އެ ސަރަހައްދަށް އަށް ގަޑިއިރު ތެރޭގައި އަހަރެއްގެ ތެރޭގައި އާންމުކޮށް ވެހޭ މިންވަރަށް ވާރޭވެހުނު ކަމަށް ސްޕެއިންގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވެއެވެ.
ފެންބޮޑުވުމާ ގުޅިގެން މަރުވި މީހުންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު ގެއްލިފައިވާ ކަމަށްވެސް ސަރުކާރުން މައުލޫމާތު ދީފައި ވެއެވެ.
ވަލެންސިއާގެ މޭޔަރު މަރިއްޔާ ހޯސޭ ކަތަލާ ވިދާޅުވި ގޮތުގައި، އެ ސަރަހައްދުގެ ރަށްބޭރުން އިތުރު އަށް މީހެއްގެ ހަށިގަނޑު ފެނިފައިވާއިރު މީގެތެރޭގައި ފުލުހެއްގެ ހަށިގަނޑު ވެސް ހިމެނެ އެވެ.
ފެންބޮޑުވުމާ ގުޅިގެން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ ހާލުގައި ޖެހިފަ އެވެ. އަދި ކާބޯތަކެއްޗާއި ސާފު ބޯފެން ލިބުމުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.
މި ހާދިސާގައި އެ ސަރަޙައްދުގެ އުމްރާނީ ވަސީލަތްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބި، 80 ކިލޯމީޓަރުގެ މަގު ހަލާކުވެފައިވާ ކަމަށް ދަތުރުފަތުރާ ބެހޭ ވަޒީރު އޮސްކަރް ޕުއެންތޭ ވިދާޅުވި އެވެ. އަދި ރޭލު ދަތުރުފަތުރުގެ ހިދުމަތް އަލުން ފެށުމަށް ދެތިން ހަފްތާ ނަގާނެ ކަމަށްވެސް ވިދާޅުވި އެވެ.
މޫސުމީ މާހިރުން ބުނާ ގޮތުގައި ސްޕޭނަށް ވެހުނު ބޯ ވާރެއަކީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވި ކަމެކެވެ. އަދި މޫސުމީ ބަދަލުތަކާ ގުޅިގެން ކުރިމަތިވާ ގުދުރަތީ ކާރިސާތަކުގެ ނުރައްކާތެރިކަމާއި ގެއްލުން އިތުރުވަމުންދާ ކަމަށް އެ ފަރާތްތަކުން ފާހަގަ ކުރެ އެވެ.
Leave a Reply