ދެކުނު ކޮރެއާގެ ރައީސް މަޤާމުން ދުރުކުރުމަށް ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި

ދެކުނު ކޮރެއާގެ ރައީސް ޔޫން ސުކް ޔޮލް މަޤާމުން ދުރުކުރުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މިއަދު ވޯޓު ނަގައި ފާސްކޮށްފިއެވެ. މި ވޯޓުގައި 204 މެންބަރުން ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓުދިން އިރު، 85 މެންބަރުން އެ ހުށަހެޅުމާ ދެކޮޅަށް ވޯޓުދިނެވެ.

މި ވޯޓާ ގުޅިގެން ރައީސްގެ ބާރުތަކާއި ޒިންމާތައް ވަނީ އަތުލެވި، ބޮޑުވަޒީރު ހާން ޑަކް ސޫ އާ ހަވާލުކުރެވިފައެވެ. މައްސަލަ ދެން ފޮނުވޭނީ ދުސްތޫރީ ކޯޓަށް ކަމަށާއި، ކޯޓަށް 180 ދުވަސް ލިބޭނެ ކަމަށް ވެއެވެ.

މި ހާދިސާގެ ފަހަތުގައިވަނީ ޔޫން އަސްކަރީ ގާނޫނު އިޢުލާންކުރެއްވުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުމެވެ. ނަމަވެސް ރައީސް ޔޫން ވިދާޅުވެފައިވަނީ އަދި މިހާހިސާބުން ނިންމާނުލައްވާނެ ކަމަށެވެ.

ކޯޓުން ވެސް ރައީސް މަޤާމުން ދުރުކުރަން ނިންމައިފިނަމަ، ޔޫން ވާނީ ދެކުނު ކޮރެއާގެ ތާރީޚުގައި އިތުބާރު ނެތްކަމުގެ ވޯޓަކުން މަޤާމުން ދުރުކުރެވުނު ދެވަނަ ރައީސަށެވެ. މީގެ ކުރިން މިފަދަ ގޮތަކަށް މަޤާމުން ދުރުކުރެވުނީ ގައުމުގެ ފުރަތަމަ އަންހެން ރައީސާ ޕާކް ގުންހޭ އެވެ.

Be the first to comment

Leave a Reply

Your email address will not be published.


*