އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގައި އަނދަމުންދާ އަލިފާންގަނޑުތައް ނިއްވާނުލެވި ކުރިޔަށްދާތީ އަލިފާނުން އަނދައި އަޅިއަށް ވެފައިވާ ސަރަހައްދުތަކުގެ ބޮޑުމިން ގާތްގަނޑަކަށް 80 އަކަމޭލަށް ވުރެ ބޮޑުވެފައިވާ ކަމަށާ އަލިފާނުގެ ސަބަބުން ކެލިފޯނިއާގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 24 އަށް އަރާފައިވާކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ކެފިފޯނިއާގެ ރަސްމީ ފަރާތްތަކާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާގޮތުން އެ ސްޓޭޓްގެ ލޮސްއެންޖެލިސް ނޫން ބައެއް ސަރަހައްދުތަކަށް ވެސް މިހާރުވަނީ އަލިފާންގަނޑުތައް ފެތުރިފައެވެ. މީގެ ތެރޭގައި އާބާދީ ބޮޑު ސަރަހައްދެއްކަމަށްވާ ސަން ފެނާންޑޯ ވެލީ ވެސް ހިމެނެއެވެ. އަލިފާންގަނޑުތައް ވަނީ އެސަރަހައްދާ ވަރަށް ގާތުގައެވެ.
އަލިފާނުގައި އަނދާފައިވާ ސަރަހައްދުތަކުގެ ބޮޑުމިން ގާތްގަނޑަކަށް 80 އަކަމޭލަށް އަރާނެކަމަށް ބެލެވޭއިރު ފެތުރެމުންދާ އަލިފާނުގައި މިހާތަނަށް 24 މީހަކު މަރުވިކަމަށް ވަނީ ރިޕޯޓްކޮށްފައެވެ. ވައިޖެހޭ މިންވަރު މިހާރުވަނީ ކުޑަވެފައެވެ. އެހެންކަމުން އަލިފާން ފެތުރޭ ބާރުމިނަށް ވަނީ ލަސްކަމެއް އައިސްފައެވެ. ނަމަވެސް އަލިފާންގަނޑު ފެތުރިފައިވާ ސަރަހައްދުތަކުގެ ބޮޑުކަމުން އަލިފާން ނިއްވުމަށްވަނީ ބޮޑެތި ހުރަސްތަކެއް އެޅިފައި ކަމަށް އެމެރިކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ކެލިފޯނިއާގައި އަނދަމުންދާ އަލިފާންގަނޑުތައް ނިއްވާނުލެވޭ މައްސަލައިގެ މަލާމާތް އެސްޓޭޓްގެ ވެރިންނަށާއި އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރައްދު ކުރައްވައި އެބޭފުޅުންގެ ނާގާބިލް ކަމުގެ ވާހަކަ ދައްކަވައި ފާޑުވިދާޅުވެފައެވެ.
ޓްރަމްޕް އޭނާގެ މީޑިއާ ޕްލެޓްފޯމް ކަމަށްވާ “ޓްރުތު ސޯޝަލް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވާ ގޮތުގައި ކެލިފޯނިއާގައި އަދިވެސް ދަނީ އަލިފާންގަނޑުތައް ކޮންޓްރޯލް ނުވެ ފެތުރެމުންނެވެ. މިހެންވަނީ އެސްޓޭޓްގެ ސިޔާސީ ވެރިންގެ ނާގާބިލް ކަމުގެ ސަބަބުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބޭނުންވާ ވަސީލަތްތައް ނެތުމުންނެވެ.
ކެލިފޯނިއާގެ އަލިފާންގަނޑުތައް ނިއްވާލުމުގައި އެމެރިކާގެ އެހެން ސްޓޭޓްތަކުގެ ފަޔާ ފައިޓަރުންވެސް ބައިވެރިވެއެވެ. އަދި އެމެރިކާގެ ނެޝަނަލް ގާޑުންގެ ލަޝްކަރުތަކާއި އެމެރިކާ ސިފައިންވެސް ދަނީ ބައިވެރިވަމުންނެވެ. ނަމަވެސް ކާމިޔާބެއް ނުލިބެއެވެ. މިއާއެކު މިފަދަ ގުދުރަތީ ކާރިސާ ތަކާ ކުރިމަތިލުމަށް އެމެރިކާ ތައްޔާރުވެފައިވާ މިންވަރާ މެދު ވަނީ ބޮޑެތި ސުވާލު ތަކެއް އުފެދިފައެވެ.
ދެވަނަ ފަހަރަށް އެމެރިކާގެ ރިޔާސަތާ ހަވާލުވުމުގެ ރަސްމިއްޔާތަށް ޓްރަމްޕް ތައްޔާރުވަމުންދާއިރު އޭނާގެ ކަމަކީ ކަންކަމަށް ފާޑުކިޔުމާއި ބޮޑާ ބަސްތައް ބުނުމެވެ. ގައުމުތަކަށާއި އެމެރިކާގެ އެތެރޭގެ ބައެއް ފަރާތްތަކަށް ބިރުދެއްކުމާއި އިންޒާރުތައް ދެއްވުމެވެ.
ނަމަވެސް ޚުދު ޓްރަމްޕަކީ ވެސް އޭނާގެ ވެރިކަމުގައި ކޮވިޑްގެ ވަބާ އެމެރިކާއަށް ކުރިމަތިވުމުން އެވަބާގެ ކަންކަން އެކަށީގެންވާ ގޮތުގައި މެނޭޖް ނުކުރެވުނު ބޭފުޅެކެވެ. ކޮވިޑްއާ ކުރިމަތިލުމުގައި ވަރަށް ބޮޑަށް ފެއިލްވެފައިވާ ބޭފުޅެއްގެ ގޮތުގައި ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ.
ރިޕޯޓްތައް ބުނާގޮތުން ކެލިފޯނިއާގެ ލޮސްއެންޖެލިސް ސަރަހައްދުގައި މިދިޔަ ހަފުތާގައި ފެތުރެންފެށި އަލިފާންގަނޑުތައް ކޮންޓްރޯލް ނުވެ ދިގުލައިގެން ދިޔުމުގެ ސަބަބުން މިހާރު އެ އަލިފާންގަނޑުތައް ދަނީ ކެލިފޯނިއާގެ އާބާދީ ބޮޑު ސަރަހައްދެއްކަމަށްވާ ސަން ފެނާންޑޯ ވެލީ އާ ދިމާއަށް ވެސް ފެތުރެމުންނެވެ. މިއީ ވަރަށް ބިރު ހުރިކަމެއްކަމަށް ރިޕޯޓްތައް ބުނެއެވެ.
Leave a Reply