46،000 އަށްވުރެ ގިނަ މީހުން ޝަހީދުވުމަށްފަހު ޣައްޒާގައި ހަމަލާތައް ހުއްޓާލަން އެއްބަސްވެއްޖެ

ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ކެނޑިނޭޅި ދިން ހަމަލާތަކުގައި ފަލަސްތީނުގެ 46،876 މީހުން ޝަހީދުވެ، ޣައްޒާގެ ބޮޑު ބައެއް ހަލާކުވެފައިވަނިކޮށް، ދެ ފަރާތުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެއެވެ.

ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ހުއްޓާލައި، އިޒްރޭލާއި ފަލަސްތީނުން ގައިދީން މިނިވަންކުރުމާ ބެހޭ ގޮތުން ވެފައިވާ އެއްބަސްވުމަށް އިޒްރޭލުގެ ކެބިނެޓުން މިއަދު ރުހުން ދީފިއެވެ.

ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން ތަންފީޒުކުރަން މި ފަށަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަލުން ރައީސްކަމާ ހަވާލުވެ ވަޑައިގަތުމަށް އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ. މި އެއްބަސްވުމަކަށް އާދެވުމުގެ ކްރެޑިޓް ޓްރަމްޕް ނަންގަވާއިރު، އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ބުނަނީ އިޒްރޭލާއި ހަމާސްއިން އެއްބަސްވެފައިވަނީ ބައިޑެން ހުށަހެޅުއްވި ޕްލޭނަކަށް ކަމަށެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ “ރަހީނުން އަނބުރާ ގެނައުމުގެ ޕްލޭން ސަރުކާރުން ވަނީ ފާސްކޮށްފައި” ކަމަށެވެ. މި އެއްބަސްވުމާ އެކު، އާދީއްތަ ދުވަހުން ފެށިގެން ޣައްޒާގައި ހަމަލާތައް ހުއްޓާލަން ޖެހޭނެއެވެ.

އިޒްރޭލުގެ ޖަސްޓިސް މިނިސްޓްރީން ވަނީ އާދީއްތަ ދުވަހުން ފެށިގެން ފަލަސްތީނުގެ 95 މީހަކު މިނިވަން ކުރަން ނިންމައި، އެ މީހުންގެ ލިސްޓެއް އާންމުކޮށްފައެވެ. މީގެ ތެރޭގައި ހިމެނެނީ 69 އަންހެނުންނާއި 16 ފިރިހެނުންނާއި 10 ކުޑަކުދިންނެވެ.

ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައިވަނީ ހަމާސްގެ ބާރުގެ ދަށުގައި އޮންނަތާ އެތައް އަހަރެއް ވެފައިވާ ޣައްޒާގެ ކަންކަމާ ފަލަސްތީނު ސަރުކާރުން ހަވާލުވާން އޮތީ ތައްޔާރަށް ކަމަށެވެ. އަދި ޣައްޒާގެ އާންމުން ދަނީ ހަމަލާތައް ހުއްޓާލުމަށް ކަނޑައަޅާފައިވާ ވަގުތުގެ ވެސް ކުރިން އަލުން އެނބުރި އެ މީހުންގެ ގެދޮރަށް ބަދަލުވަމުންނެވެ.

ނަމަވެސް، އެއްބަސްވުމަށް ފަހުގައި ވެސް އިޒްރޭލުން މިދިޔަ 24 ގަޑިއިރު ތެރޭ ޣައްޒާގެ ފަންސާހަކަށް ސަރަހައްދަކަށް ހަމަލާ ދީ، އެތައް ފަލަސްތީނު ރައްޔިތުންނެއް ޝަހީދުކޮށްލާފައިވާކަން ފާހަގަކުރެވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*