
ޣައްޒާގެ އުތުރު ސަރަހައްދަށް އާންމުން އެނބުރި ދިއުމުގެ ހުއްދަ އިޒްރޭލުން ދިނުމާ ގުޅިގެން، އެތައް ލައްކަ ބަޔަކު އެ ސަރަހައްދަށް ވަދެ، ސުންނާފަތިވެފައިވާ މަންޒަރުތައް ފެނިފައިވެއެވެ.
ގިނަ މީހުންގެ ދެދޮރު ވަނީ އިޒްރޭލުން ބޮން އަޅައި ހަލާކުކޮށްލާފައެވެ. ޣައްޒާގައި ވެރިކަންކުރާ ހަމާސް އިން ބުނެފައިވަނީ އެނބުރި އަންނަ އާންމުންނަށް ހިޔާވަހިކަން ދޭން 135،000 ޓެންޓު ބޭނުންވާ ކަމަށެވެ.
ހަމާސް އިން ބުނަމުންދަނީ ޣައްޒާ ސުންނާފަތިކޮށްލާފައި އޮތަސް އެތަނަށް އެނބުރި އައުމުގެ ފުރުސަތު ލިބުމަކީ ބޮޑު ކާމިޔާބީއެއް ކަމަށާއި ފަލަސްތީނުގެ ބިންތައް ހިފައި ފަލަސްތީނުގެ އާންމުން ވިއްސިވިހާލިކޮށްލަން އިސްތިއުމާރީން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
މި ބަޔާން އައިސްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޣައްޒާ ހުސްކޮށްލައި، އެތަނުގެ އާންމުން އުރުދުން އާއި މިސްރަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ. ނަމަވެސް، އުރުދުން އާއި މިސްރުން ވަނީ މި ވިސްނުމާ ދެކޮޅުހަދާފައެވެ.
އިޒްރޭލުން މިއަދު ބުނެފައިވާ ގޮތުގައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގައި ހަމާސް އިން ދޫކޮށްލަން އިޒްރޭލުން ހުށަހެޅި، ޣައްޒާގައި ބަންދުކޮށްފައިވާ ރަހީނުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ.
އިޒްރޭލާއި ހަމާސް އިން ވެފައިވާ އެއްބަސްވުމަކީ 2023 ގެ އޮކްޓޯބަރު 7 ގައި ފެށުނު ހަމަލާތައް ހުއްޓާލައި، ދާއިމީ ގޮތެއްގައި ހަމަލާތައް ނިމުމަކަށް ގެނައުމުގެ އުންމީދުގައި އެކި މަރުހަލާތަކަށް ބަހާލައިގެން ތަންފީޒުކުރަން ނިންމާފައިވާ އެއްބަސްވުމެކެވެ.
މި ހާދިސާއަކީ ދިގު މުއްދަތެއްގެ ހަނގުރާމައަށް ފަހު ފަލަސްތީނުގެ ރައްޔިތުންނަށް ލިބުނު ކުޑަ ހިތްހަމަޖެހުމެއް ކަމުގައި ބެލެވޭއިރު، ސަރަހައްދުގެ މުސްތަޤުބަލާމެދު އަދިވެސް ގިނަ ސުވާލުތަކެއް އުފެދިފައިވެއެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުން ގޮވާލަމުންދަނީ ދެމެހެއްޓެނިވި ސުލްހައަކަށް މަގުފަހިކުރުމަށާއި، ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމަށް މަގުފަހިކުރުމަށެވެ.
Leave a Reply