ދުނިޔޭގެ ބޮކްސް އޮފީހުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ޖޭމްސް ކެމަރަންގެ “އެވަޓާ” ފްރެންޗައިޒްގެ ތިންވަނަ ފިލްމު، “އެވަޓާ: ފަޔާ އެންޑް އޭޝް” ޑިޒްނީ+ އިން ސްޓްރީމް ކުރާނެ ތާރީހެއް ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
މި ޚަބަރު ހާމަކޮށްފައިވަނީ އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި ޑިޒްނީގެ “އަޕްފްރަންޓް ޕްރެޒެންޓޭޝަން” ގެ ތެރެއިންނެވެ. އެގޮތުން މި ފިލްމު ޑިޒްނީ+ އަށް ރިލީޒް ކުރާނީ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
“އެވަޓާ: ފަޔާ އެންޑް އޭޝް” ސިނަމާތަކަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ. ޑިޒްނީ+ އިން މި ފިލްމު ސްޓްރީމް ކުރަން ފަށާނީ ސިނަމާތަކުގައި ދެއްކުމަށްފަހު، ޖުމްލަ 196 ދުވަހުގެ މުއްދަތަކަށް ފަހުގައެވެ.
މި ފިލްމަކީ “އެވަޓާ: ދަ ވޭ އޮފް ވޯޓާ” އަށް ފަހު އެ ސިލްސިލާގެ ވާހަކަ ކުރިއަށްދާ ގޮތަށް ތައްޔާރުކޮށްފައިވާ ފިލްމެކެވެ. މި ފަހަރުގެ ފިލްމުން ފެނިގެންދާނީ ޖޭކް ސަލީ އާއި ނެއިޓީރީގެ އާއިލާއަށް ދިމާވާ އާ ގޮންޖެހުންތަކެވެ. އެގޮތުން “އޭޝް ޕީޕަލް” ގެ ނަމުން ނަންދެވިފައިވާ ނާވީންގެ އާ ގަބީލާއަކާ ކުރިމަތިލާންޖެހި، އެ އާއިލާއަށް ބޮޑެތި ހިތާމަތަކަކާ ކުރިމަތިލާން ޖެހޭނެކަމަށް ޚަބަރުތައް ބުނެއެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ފިލްމީ ލޯބިވެރިން ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ މި ފިލްމުގެ ސްޓްރީމިންގ ތާރީހު ހާމަވުމަކީ، އެ ފަރާތްތަކަށް ލިބުނު ވަރަށް އުފާވެރި ޚަބަރެކެވެ. ޖޭމްސް ކެމަރަންގެ މި އާ ފިލްމަކީވެސް ބޮކްސް އޮފީހުގައި އާ ރެކޯޑުތަކެއް ގާއިމުކުރާނެ ފިލްމެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރެއެވެ.

Leave a Reply