ކަޅު ހިޔަނި 10

ކިޔާލާ.ކޮމް - ކަޅު ހިޔަނި

ކަޅުފޮއި އަނދިރި ރެއެކެވެ. ބޭރުން އިވޭ ވައިގެ ގަދަ އަޑާއި، ގަސްގަހާގެހި ތަޅުވަމުންދާ އަޑު ފިޔަވައި މުޅި މާހައުލު އޮތީ ހަމަހިމޭންކަމުގެ ތެރޭގައެވެ. ޒަކުވާން އޭނާގެ ކޮޓަރީގައި އެކަނި އިނދެ ފޮތެއް ކިޔަން އުޅުނެވެ. ނަމަވެސް، ކުއްލިއަކަށް ކޮޓަރީގެ ފިނިހޫނުމިން ދަށްވެ، މުޅި މީހާ ފިނިވާން ފެށިއެވެ.

“ޒަކުވާން ތި ގެއިން ނިކުމޭ.. އޭރުން ޒަކުވާންއަށް ފަސޭހަ ދިރިއުޅުމެއް ފެންނާނީ.. ތީ ރަނގަޅު ބައެއް ކަމަށް ހެދިގެން އުޅޭ ގޯސް ބައެއް،” ބަރު އަދި ބިރުވެރި އަޑަކުން މި ޖުމްލަ އިވުމާއެކު، ކޮޓަރީގެ ކަނަކުން ކަޅު ހިޔަންޏެއް ފާޅުވާން ފެށިއެވެ.

ޒަކުވާންއަށް ކުރެވުނު އިހުސާސަކީ އޭނާގެ ވަށައިގެންވާ ދުނިޔެ ބަދަލުވަމުންދާ ކަމެވެ. އެ ކަޅު ހިޔަނީގެ ސިއްރަކީ ކޮބައިބާވައެވެ؟ އޭނާގެ އާއިލާއާ ބެހޭގޮތުން އެ ބުނި ވާހަކައިގެ ހަގީގަތަކީ ކޮބައިބާވައެވެ؟ ލޯބިވާ މަންމައާއި ބައްޕައަކީ ހަމަ ހަގީގަތުގައިވެސް އޭނާއަށް އޮޅުވާލާ ބައެއް ހެއްޔެވެ؟ ޒަކުވާން ހުރީ ބިރުން ގަނޑުވެފައެވެ. ގުޑާލަންވެސް ނުކެރިފައި އިންއިރު، އެ ހިޔަނި މަޑުމަޑުން އޭނާއާ ދިމާލަށް ކައިރިވަމުން ދިޔައެވެ.

އެރޭ ދިޔައީ ޒަކުވާންގެ ދިރިއުޅުން އެފުއް މިފުށަށް ޖެހިގެން ދިޔަ އެއް ރެޔަަކަށެވެ. މީގެ ކުރިން ދުވަހަކުވެސް އިހުސާސް ނުކުރާ ފަދަ ބިރުވެރިކަމެއް އޭނާގެ ހިތުގައި ވަނީ ބަސްތީ ހަދާފައެވެ. އެ ހިޔަނި ދެއްކި ވާހަކަތަކުން އޭނާގެ ސިކުނޑި ސުވާލުތަކުން ފުރުނެވެ. އާއިލާގެ މީހުންނަށް ކުރަމުން އައި އިތުބާރު ކުޑަވަގުތުކޮޅެއްގެ ތެރޭގައި ފުނޑުފުނޑުވެގެން ދިޔަ ކަމުގެ އިހުސާސް ކުރެވުނެވެ.

ނޭވާލާން އުނދަގޫވެ، މުޅި މީހާ ތުރުތުރުލަމުން ދަނިކޮށް ކުއްލިއަކަށް ހުރިހާ ކަމެއް ހުއްޓުނު ކަހަލައެވެ. ފަތިސް ނަމާދު ބަންގި ގޮވުމާއެކު ޒަކުވާންއަށް ހޭލެވުނެވެ. އޭނާ އޮތީ އޭނާގެ އެނދުގައެވެ. މުޅި މީހާ ވަނީ ދާ ހިތްލާ ފޯވެފައެވެ.

ހިތުގެ ތެޅުން ބާރުވެފައި ހުރިއިރު، އޭނާއަށް ވިސްނެމުން ދިޔައީ އެއީ ހުވަފެނެއް ބާވައެވެ ނުވަތަ ހަގީގަތެއް ބާވައެވެ؟ ނަމަވެސް ކޮޓަރީގެ ކަނުގައި އަދިވެސް އެ ފިނިކަން ހުރިހެން އޭނާއަށް ހީވިއެވެ. އެ ކަޅު ހިޔަނި ދިން އިންޒާރާއި، އާއިލާގެ ސިއްރުތަކާ މެދު ވިސްނަމުން، ތެދުވެގެން ގޮސް ފަތިސް ނަމާދަށް ތައްޔާރުވާން ވުޟޫ ކުރަން ފެށިއެވެ. އެކަމަކު އޭނާގެ ދިރިއުޅުން މިހާރު ވަނީ ކުރިން އޮތް ގޮތަށް ނޫންކަން ޒަކުވާންއަށް ޔަގީންވިއެވެ.

ޒަކުވާން ވުޟޫ ކޮށްލައިގެން ހިނގައިގަތީ ފަތިސް ނަމާދަށް ދިޔުމަށެވެ. މޫނުގައި ފެން ފޮދު ޖެހުމުން ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނު ނަމަވެސް، ހިތުގެ ތެޅުން އަދިވެސް ހުރީ އާދައިގެ ވަރަށް ވުރެ ބާރުވެފައެވެ. ކޮޓަރިން ޒަކުވާން ނިކުތް ގަޑިއާއި، އޭނާގެ ބޭބެ ޒައިދާން މިސްކިތަށް ދާން ނިކުތް ގަޑިއާ ދިމާވީ އެއްވަގުތަކަށެވެ.

ޒައިދާން ފެނުމާއެކު، ރޭގައި އެ ކަޅު ހިޔަނި ބުނި ބިރުވެރި ވާހަކަތައް ޒަކުވާންގެ ކަންފަތްދޮށުގައި ގުގުމާލި ކަހަލައެވެ. “ތީ ރަނގަޅު ބައެއް ކަމަށް ހެދިގެން އުޅޭ ގޯސް ބައެއް…” މި ޖުމްލަ ހިތަށް އެރުމާއެކު ޒަކުވާންއަށް ބޭއިޚްތިޔާރުގައި ޒައިދާންގެ މޫނަށް ބަލައިލެވުނެވެ. ޒައިދާން ހުރީ ހައިރާންވެފައި ޒަކުވާންއަށް ބަލާށެވެ. ފަހަރުގައި ޒަކުވާންގެ މޫނުމަތިން ފެންނަން ހުރި ބިރުވެރިކަމާއި، ދާހިތްލާފައި ހުރި ވަރު ފެނިފައި ޒައިދާންއަށް ކަމެއް ފާހަގަކުރެވުނީ ކަމަށްވެސް ވެދާނެއެވެ.

ނަމަވެސް، ޒައިދާންއާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ޒަކުވާންގެ ގަޔަކު ނެތެވެ. އޭނާގެ ހިތުގައި އުފެދުނު ޝައްކާއި ބިރުވެރިކަން ފޮރުވުމަށްޓަކައި، އަވަސް އަވަހަށް އިސްޖަހާލައިގެން ގޭގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. ޒައިދާން އެއްޗެކޭ ބުނަން އުޅުނު ހެން ހީވި ނަމަވެސް، ޒަކުވާން މަޑެއް ނުކުރެއެވެ. ބާރު ހިނގުމެއްގައި ގެއިން ނިކުމެގެން މިސްކިތާ ދިމާލަށް ދިޔައިރު، އޭނާގެ ހިތުގައި ވަނީ އެންމެ ސުވާލެކެވެ. އޭނާ އެންމެ އިތުބާރުކުރާ އާއިލާގެ މީހުންނާ ބެހޭގޮތުން އެ ފެނުނު ހިޔަނި އެދިނީ ކޮންފަދަ ނުރައްކާތެރި މެސެޖެއް ބާވައެވެ؟

Be the first to comment

Leave a Reply

Your email address will not be published.


*