ރަށުގެ ހަމަހިމޭން މާހައުލުގައި މިހާރު އެންމެ ގަދައަށް ދެކެވޭ ވާހަކައަކީ ޒަކުވާންގެ ބަދަލުވަމުންދާ އުޅުމުގެ ވާހަކައެވެ. ރަށުގެ ގިނަ މީހުންނަށް މިހާރު ގަބޫލުކުރެވެނީ ޒަކުވާން އަކީ މޮޔައެއް ކަމަށެވެ. މަގުމަތިން ފެންނަ ކޮންމެ މީހަކު އޭނާއާ ދިމާލަށް ބަލާލަނީ ހަމްދަރުދީއަށްވުރެ ބޮޑަށް ފަކުރުގަނެފައިވާ ކަހަލަ ގޮތަކަށެވެ. ނަމަވެސް ޒަކުވާން ކުރަމުންދާ އިހުސާސްތަކާއި، އޭނާ ތަހައްމަލު ކުރަމުންދާ ބިރުވެރި ކަންކަން އެހެން މީހުންނަކަށް ނޭނގެއެވެ. އެކަން ގަބޫލުކުރަނީ ހަމައެކަނި ޒައިދާންގެ އާއިލާ މީހުންނެވެ.
“އޭ ޒަކުވާން، ހިނގާ ރުޤިޔާ ކުރަން. އޭރުން ރަނގަޅުވެދާނެ،” ޒައިދާން ބުނެލިއެވެ.
ޒައިދާން އާއި ޒަކުވާން ތިބީ ރަށުގެ ފުއްޓަރު ފަރާތުގައެވެ. ރާޅުތައް ގޮނޑުދޮށަށް ބޮސްދެމުންދާއިރު، އިވޭ އަޑުތަކުން މާހައުލަށް ގެނެސްދެނީ ނާމާންކަމެކެވެ. ނަމަވެސް ޒަކުވާން އިނީ އެހެން ދުނިޔެއެއްގައެވެ. ޒައިދާން ބުނި އެއްޗެއް އޭނާއަށް ނޭނގޭ ކަހަލައެވެ. އޭނާގެ ދެލޯ ހުއްޓިފައިވަނީ ދުރުގައި އޮތް ކަނޑުގެ ފުންމިނަށެވެ.
“އޭ ޒަކުވާން! ކައޭ ރަނގަޅުތަ؟” ޒައިދާން، ޒަކުވާންގެ ކޮނޑުގައި ޖަހާލަމުން ބާރަށް ބުނެލިއެވެ.
ސިހިފައި ކަހަލަ ގޮތަކަށް ޒަކުވާން ބަލާލިއެވެ. “އާނ، އަހަރެން ރަނގަޅު،” މަޖުބޫރު ހިނިތުންވުމަކާއެކު ޒަކުވާން ބުނެލިއެވެ. ނަމަވެސް އޭނާގެ ހިތުގެ ތޅުމެއް ނުހުއްޓެއެވެ. ސަބަބަކީ ޒަކުވާންއާ މާ ދުރު ނޫން ހިސާބެއްގައި، ގަސްތަކުގެ ހިޔަނިތަކުގެ ތެރެއިން އެ އަންހެން ކުއްޖާ ހުއްޓިލައިގެން ހުރިތަން އޭނާއަށް ފެންނާތީއެވެ. އެއީ އިންސާނެއް ބާވައެވެ؟ ނޫނީ އޭނާގެ ފަހަތުން އަޅުވާފައިވާ ކަޅު ހިޔަނި ބާވައެވެ؟
ނަމަވެސް، ޒައިދާންއާ ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް ޒަކުވާންގެ ގަޔަކު ނެތެވެ. އޭނާގެ ހިތުގައި އުފެދުނު ޝައްކާއި ބިރުވެރިކަން ފޮރުވުމަށްޓަކައި، އަވަސް އަވަހަށް އިސްޖަހާލައިގެން ގޭގެ ދޮރާ ދިމާލަށް ހިނގައިގަތެވެ. ޒައިދާން އެއްޗެކޭ ބުނަން އުޅުނު ހެން ހީވި ނަމަވެސް، ޒަކުވާން މަޑެއް ނުކުރެއެވެ. ބާރު ހިނގުމެއްގައި ގެއިން ނިކުމެގެން މިސްކިތާ ދިމާލަށް ދިޔައިރު، އޭނާގެ ހިތުގައި ވަނީ އެންމެ ސުވާލެކެވެ. އޭނާ އެންމެ އިތުބާރުކުރާ އާއިލާގެ މީހުންނާ ބެހޭގޮތުން އެ ފެނުނު ހިޔަނި އެދިނީ ކޮންފަދަ ނުރައްކާތެރި މެސެޖެއް ބާވައެވެ؟ އެ ހިޔަނީގެ ކޮންމެ ހަރަކާތަކުން އޭނާގެ ފުރާނައަށް ނުރައްކާވަމުންދާކަން ޒަކުވާންއަށް ޔަގީންވެއެވެ. ނަމަވެސް އެ ސިއްރު ހިއްސާކުރާނީ ކާކާ ހެއްޔެވެ؟ ކޮންމެ މީހަކުވެސް ބުނާނީ އޭނާ މޮޔަވީ ކަމަށެވެ.
“އަސްލު އަހަރެން މި ރަށުގައި ހުންނަން ބޭނުމެއް ނޫން،” ވަރަށް ބޮޑަށް މާޔޫސްވެފައި ހުރެ ޒަކުވާން ބުނެލިއެވެ.
ޒަކުވާން މިހެން ބުނަން ޖެހުނު އެންމެ ބޮޑު ސަބަބަކީ، ރަށު ތެރޭގައި އޭނާއަށް ކުރިމަތިވަމުންދާ ފުރައްސާރައާއި މަލާމާތެވެ. ކުރިން ރަށުގައި ހުރި އެންމެ ހިތްހެޔޮ، ހަރަކާތްތެރި ޒުވާނާގެ ގޮތުގައި ފާހަގަކުރެވުނު ޒަކުވާން، މިއަދު ފެންނަނީ މުޅިން ތަފާތު މީހެއްގެ ގޮތުގައެވެ. ރީތިކޮށް ހުރި ޒަކުވާން މިހާރު ހުރީ ހިކި އަނަރޫފަވެފައެވެ. އޭނާގެ ދެލޯ ވަޅުވަދެ، މޫނުމަތިން ވަނީ އުޖާލާކަން ގެއްލިފައެވެ.
ކޮންމެ ދުވަހަކު އޭނާއަށް ފެންނަ އެ ބިރުވެރި ހިޔަނިތަކާއި، ނޭނގޭ އަންހެން ކުއްޖާގެ ފާރަލުމުގެ ސަބަބުން އޭނާގެ ނިދި ވަނީ ގެއްލިފައެވެ. ކާހިތްވުމެއް ނެތި، އަބަދު ފިކުރުބޮޑުވެފައި އިނުމުގެ ނަތީޖާއަކީ އޭނާގެ ސިއްހަތު ދަށްވުމެވެ. މީހުންގެ މަލާމާތްތެރި ބަސްތައް އޭނާގެ ކަންފަތަށް އިވޭ ކޮންމެ ފަހަރަކު، އެ ރަށުން ފުރައިގެން ދާން ބޭނުންވާ މިންވަރު އިތުރުވެއެވެ. އޭނާއަށް ހީވަނީ މި ރަށުގެ ކޮންމެ ދިމާލަކުންވެސް އޭނާއަށް ބަލަނީ ނުރައްކާތެރި ލޯތަކެއް ހެންނެވެ.

Leave a Reply