ދިވެހި ސަގާފީ މިއުޒިކަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ “އެންދެރި ބޮޑުބެރު ގުރޫޕް” އިން ކުރިއަށް އޮތް އަލްޙާ އީދަށް ތައްޔާރުކޮށްފައިވާ މުޅިން އައު ލަވައެއްގެ ޓްރެއިލާ އާންމުންނަށް ދޫކޮށްލައިފިއެވެ.
މި ފަހަރުގެ އީދާ ދިމާކޮށް އެ ގުރޫޕުން ނެރޭ ލަވައިގެ ޓްރެއިލާއާއެކު ދީފައިވާ ޚާއްސަ މެސެޖުގައި ބުނެފައިވަނީ، “މި އީދުގައި ބެރުގެ އަޑު އިތުރަށް ގަދަވެގެންދާނެ ކަމަށާއި، އީދުގެ ދުވަސްތައް އާރޯކަމާއެކު އިހުސާސް ކުރެވިގެންދާނެ” ކަމަށެވެ. އަދި މިއީ ސަގާފަތާއި އިހުސާސްތަކާއި ރޫހާ ގުޅުވައިދޭނެ ފޯރިގަދަ މަސައްކަތެއްކަން އެ ގުރޫޕުން ވަނީ ފާހަގަކޮށްފައެވެ.
އެންދެރި ބޮޑުބެރު ގުރޫޕްގެ ފޭނުންނަށް މިއޮތީ ހަމައެކަނި އައު ލަވައެއްގެ ޚަބަރެއް ނޫނެވެ. މިއަށްވުރެ މާ އުފާވެރި އަނެއް ޚަބަރަކީ، މިއަހަރުގެ އަލްޙާ އީދުގައި އެ ގުރޫޕުގެ ފޯރިގަދަ ހުށަހެޅުންތައް ރާއްޖޭގެ ތިން ރަށަކުން ފެނިގެންދާނެ ކަމުގެ އުފާވެރި ޚަބަރެވެ.
އެ ގުރޫޕުން ތާވަލުކޮށްފައިވާ ގޮތުން، މެއި މަހުގެ 28 ވަނަ ދުވަހު ފެނިގެންދާނީ ތ. ބުރުނީގައެވެ. އޭގެ ފަހުން މެއި 29 ވަނަ ދުވަހު ތ. ގާދިއްފުށީގައި ޝޯ ދިނުމަށް ހަމަޖެހިފައިވާއިރު، މެއި 30 ވަނަ ދުވަހު އެ ގުރޫޕުގެ ސްޓޭޖް ޝޯތައް ފެނިގެންދާނީ ތ. ތިމަރަފުށިންނެވެ.
މިއީ އެންދެރި ބޮޑުބެރު ގުރޫޕަށް ސަޕޯޓުކުރާ ގިނަ ބަޔަކު މި އީދަށް އިންތިޒާރު ކުރަމުންދާ ދަނޑިވަޅެއްގައި ލިބިގެންދިޔަ ވަރަށް އުފާވެރި ޚަބަރެކެވެ. ބޮޑުބެރުގެ ދުނިޔޭގައި މިހާރު ނަން ހިނގާ މި ގުރޫޕުގެ އައު ލަވައާއި، އީދު ޝޯތަކުގެ ސަބަބުން މި އަހަރުގެ އަލްޙާ އީދު އިތުރަށް ކުލަގަދަވެގެންދާނެވެ.
https://vt.tiktok.com/ZSxxJALWd/

Leave a Reply