ރަޝިއާ އިން ޔޫކްރެއިންގައި ލިބުނު ގެއްލުން އެއް އަހަރު ތެރޭ ތިން ގުނަ އިތުރުވެއްޖެ

ފޮޓޯ : އަލް ޖަޒީރާ

ޔޫކްރެއިންގައި ރަޝިޔާއިން ކުރަމުންދާ ހަނގުރާމައިގައި އަސްކަރީ ގޮތުންނާއި އިގުތިސާދީ ގޮތުން އެ ގައުމަށް ބޮޑެތި ނާކާމިޔާބީތަކަކާ ކުރިމަތިލާންޖެހި، ލިބެމުންދާ ގެއްލުންތައް ފާއިތުވި އެއް އަހަރު ދުވަހުގެ ތެރޭގައި ތިން ގުނަ އިތުރުވެފައިވާ ކަމުގެ ހެކިތައް ފެންނަން ފަށައިފިއެވެ.

އެމެރިކާގެ ޑިފެންސް އިންޓެލިޖެންސް އޭޖެންސީ (ޑީއައިއޭ) އިން ކޮންގްރެސްއަށް ފޮނުވި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ރަޝިއާ އިން ކުރިން ޔޫކްރެއިންގައި ހިފާފައިވާ ބައެއް ސަރަހައްދުތައް މިހާރު ވަނީ އެ ގައުމުގެ އަތުން ބީވެފައެވެ. “2022 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން ޔޫކްރެއިންގެ 400 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ޔޫކްރެއިންއިން ވަނީ އަލުން އަތުލައިގެންފައި،” އެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ވޮޝިންޓަންގެ ތިންކް ޓޭންކެއް ކަމަށްވާ އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ވޯ (އައިއެސްޑަބްލިއު) އިން ހާމަކުރި ގޮތުގައި، 2026 ވަނަ އަހަރުގެ ޖެނުއަރީ 1 އިން މެއި 26 އާ ދެމެދު ރަޝިއާ އަށް ކުރިއެރުން ލިބިފައިވަނީ އެންމެ 104 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށެވެ. އަދި ރަޝިޔާ ސިފައިން 628 އަކަ ކިލޯމީޓަރުގެ ސަރަހައްދަކަށް ވަދެ ހަނގުރާމަ ކުރި ނަމަވެސް، އެ ސަރަހައްދުތަކުގެ ފުރިހަމަ ކޮންޓްރޯލް ނެގިފައެއް ނުވެއެވެ.

ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވީ، ރަޝިޔާގެ ފަރާތުން މަރުވި މީހުންގެ އަދަދު 145,000 އަށް އަރާފައިވާ ކަމަށެވެ. މީގެ ތެރޭގައި 86,000 މީހުން މަރުވެފައިވާއިރު، 59,000 ސިފައިން ވަނީ ޒަޚަމްވެފައެވެ. ޔޫކްރެއިން އިން ބުނާ ގޮތުގައި މިކަމުގެ ހެކިދޭ ޑްރޯން ވީޑިއޯތައް އެ ގައުމުގެ އަތުގައި އެބަހުއްޓެވެ. އަދި ޔޫކްރެއިންގެ ދިފާއީ ވަޒީރު މައިޚައިލޯ ފެޑޮރޯވް ވިދާޅުވީ، ރަޝިއާ އަށް ކޮންމެ އަކަ ކިލޯމީޓަރަކަށް 179 ގެއްލުން ލިބިފައިވާ ކަމަށެވެ. މިއީ ރަޝިއާ އަށް އަލަށް ސިފައިން ހޯދައިގެން (ރެކްރޫޓްމަންޓް މެދުވެރިކޮށް) ބަދަލު ކުރެވޭނެ ކަމަށް އަންދާޒާ ކުރި އަދަދަށް ވުރެ ބޮޑު އަދަދެކެވެ.

އިގުތިސާދީ ދަތިތަކާއި ރަނުގެ ރިޒާވް ދަށްވުން
ހަނގުރާމައަށް ފައިނޭންސް ކުރުމުގައި ރަޝިއާއަށް ދަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންނެވެ. 2026 ވަނަ އަހަރުގެ ބަޖެޓް ޑެފިސިޓް ކަނޑައެޅި މިންވަރަށް ވުރެ އިތުރުވެ، ފޮރިން އެކްސްޗޭންޖް ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. ރަޝިއާގެ ސެންޓްރަލް ބޭންކުން ބުނާ ގޮތުގައި މި އަހަރު އެ ގައުމުން ވަނީ 27.9 ޓަނުގެ ރަން ވިއްކާލާފައެވެ. މީގެ ސަބަބުން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހަށްފަހު ރަޝިއާގެ ރަނުގެ ރިޒާވް ވަނީ އެންމެ ދަށް މިންވަރަކަށް ވެއްޓިފައެވެ.

ޔޫކްރެއިންގެ އައު ސްޓްރެޓެޖީއާއި ވައިގެ ހަމަލާތައް
ޔޫކްރެއިންގެ ކާމިޔާބީގެ އަސްލަކީ “ލޮޖިސްޓިކަލް ލޮކްޑައުން” ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމެވެ. މެދުރާސްތާގެ ޑްރޯންތަކާއި އާޓިލަރީ ބޭނުންކޮށްގެން ރަޝިއާގެ ސާމާނު އުފުލާ މަގުތައް ބަންދުކޮށް، ލޮޖިސްޓިކްސް ހުއްޓުވުމަށް ޔޫކްރެއިން އިން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން، ޚަރްސަންގެ ގަވަރުނަރު ވްލަޑިމިއާ ސަލްޑޯ ވަނީ މުހިންމު އެމް-14 ހައިވޭގައި ދަތުރުފަތުރު ކުރުން މަނާކޮށްފައެވެ.

ރަޝިއާގެ “ގްލައިޑް ބޮން” ތަކުން ސަލާމަތްވުމަށް ސްވިޑެން އިން ވަނީ ޔޫކްރެއިންއަށް 16 ގްރިޕެން ހަނގުރާމަމަތީ މަތިންދާ ބޯޓު ހަދިޔާ ކުރަން ނިންމާފައެވެ. ރައީސް ޒެލެންސްކީ ވިދާޅުވީ މި ބޯޓުތަކާއި މީޓިއޯ މިސައިލްތަކުގެ އެހީގައި، 200 ކިލޯމީޓަރު ދުރުގައި ހުންނަ ރަޝިއާގެ މަތިންދާބޯޓުތައް ފަހަތަށް ޖެއްސޭނެ ކަމަށެވެ.

މީގެ އިތުރުން، ޔޫކްރެއިން އިން ދަނީ ރަޝިއާގެ ތެލުގެ އިގުތިސާދަށް އަމާޒުކޮށް ކަޅު ކަނޑުގެ ތެޔޮ ޓާމިނަލްތަކަށާއި، 1,700 ކިލޯމީޓަރު ދުރުގައި ހުންނަ ކެމިކަލް ޕްލާންޓްތަކަށް ވެސް ހަމަލާ ދެމުންނެވެ.

ރަޝިޔާއިން ކީވްއަށް ދިން ހަމަލާ

ރަޝިއާ އިން ދަނީ ބަދަލުހިފުމުގެ ގޮތުން ޔޫކްރެއިންގެ ވެރިރަށް ކިއޭވް އަށް ވަރުގަދަ ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދެމުންނެވެ. މި ހަމަލާތަކުގައި 87 މީހަކަށް އަނިޔާވެ، ސަރުކާރުގެ މުހިންމު އިމާރާތްތަކަށް ގެއްލުން ލިބިފައިވާއިރު، ޔޫކްރެއިން އިން ވަނީ ރަޝިއާގެ 91 އިންސައްތަ ޑްރޯން ވައްޓާލާފައެވެ. ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ވިދާޅުވީ މިއީ ލުހާންސްކްގެ ކޮލެޖަކަށް ޔޫކްރެއިން އިން ދިން “ޓެރަރިސްޓް” ހަމަލާގެ ބަދަލު ހިފުމެއް ކަމަށެވެ.

ރަޝިއާގެ ޚާރިޖީ ވަޒީރު ސަރްގެއި ލަވްރޯފް ވިދާޅުވީ، ކިއޭވްގައި ހުންނަ އަސްކަރީ މަރުކަޒުތަކާއި ޑިސިޝަން މޭކިން ސެންޓަރުތަކަށް ހަމަލާދިނުން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ބޭރުގެ ޑިޕްލޮމެޓުން ގައުމުން ފުރައިގެން ދިއުމަށް ވެސް ރަޝިއާ އިން ވަނީ އިލްތިމާސްކޮށްފައެވެ. ރަޝިއާ އިން ބުނާ ގޮތުގައި އެ ގައުމުގެ އެންމެ ފަހުގެ “އޮރެޝްނިކް” މިސައިލާއި ބެލަރޫސްގައި ހަރުކޮށްފައިވާ މިސައިލްތަކުގެ އެހީގައި ޔޫކްރެއިންގެ ދިފާއީ ބާރުގެ މައްޗަށް ގަދަވެގަނެވޭނެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*