އީރާނުގެ ބިމުގެ އަޑީގައި ހުރި މިސައިލް ފެސިލިޓީތަކަށް އަމާޒުކޮށް އެމެރިކާއާއި އިސްރާއީލުން ދިން ހަމަލާތަކަށްފަހު، އެ ތަންތަން އަލުން ހުޅުވުމުގައި އީރާނުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެއެވެ.
ސީއެންއެން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެންމެ ފަހުގެ ސެޓެލައިޓް ތަސްވީރުތަކުން ފެންނަނީ ފާއިތުވި 40 ދުވަހުގެ ހަނގުރާމައިގައި އެމެރިކާ އާއި އިސްރާއީލުން އަމާޒުކޮށްފައިވާ ބިމުގެ އަޑީގެ 18 މިސައިލް ފެސިލިޓީއެއްގެ 69 ޓަނަލް އެންޓްރެންސް (ވަންނަ ދޮރު) ގެ ތެރެއިން 50 ތަނެއް އީރާނުން އަލުން ހުޅުވާލާފައިވާ މަންޒަރެވެ. މި މަސައްކަތްތަކުގައި އީރާނުން ބޭނުންކޮށްފައިވަނީ ބުލްޑޯޒަރާއި ޑަމްޕް ޓްރަކް ފަދަ އާދައިގެ ކޮންސްޓްރަކްޝަން ސާމާނެވެ.
ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، މިކަމުން ދޭހަވަނީ ހަމައެކަނި ޓަނަލްތަކުގެ ދޮރުތަކަށް އަމާޒުކޮށްގެން ތެހެރާނުގެ މިސައިލް ގާބިލްކަން ނައްތާނުލެވޭނެ ކަމެވެ. އަދި މިއީ އެމެރިކާގެ ބޮން ގޮއްވުމުގެ ޕްލޭންތަކަށް އޮތް ބޮޑު ގޮންޖެހުމެއްގެ ގޮތުގައިވެސް ވަނީ ސިފަކޮށްފައެވެ. އީރާނުގެ ބިމުގެ އަޑީގައި އަދިވެސް އެތައް ހާސް މިސައިލެއް ރައްކާކޮށްފައި ހުރުމުން، ހަނގުރާމައެއް ފެށިއްޖެ ނަމަ އެ މިސައިލްތައް ފޮނުވާލުމުގެ ގާބިލްކަން އީރާނަށް އެބައޮތެވެ.
އެމެރިކާގެ ޖާސޫސީ އިދާރާތަކުން އީރާނުގެ ގާބިލްކަން އަލުން ބިނާކުރުމަށް ކަނޑައަޅާފައިވާ މުއްދަތުތަކަށްވުރެ މާ އަވަހަށް އީރާނުން މި މަސައްކަތް ނިންމާފައިވާ ކަމަށް އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްތައް ބުނެއެވެ. ޚާއްސަކޮށް އޭޕްރީލް 8 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އަމަލުކުރަން ފެށި ފަހުން، މިސައިލް ލޯންޗް ކުރާ ސަރަހައްދުތަކަށް ދާން އޮންނަ މަގުތައް މަރާމާތުކުރުމުގެ މަސައްކަތް އީރާނުން ވަނީ ހަލުވިކޮށްފައެވެ.
ސެޓެލައިޓް ފޮޓޯތަކުން ފެންނަ ގޮތުގައި، ބޮމުގެ ހަމަލާގެ ސަބަބުން މަގުތަކުގައި އުފެދުނު ބޮޑެތި ވަޅުގަނޑުތައް މިހާރު ވަނީ ފުރާލާފައެވެ. އަދި ބައެއް ސަރަހައްދުތަކުގައި މުޅިން އަލުން ތާރު އަޅާފައިވެއެވެ. އިސްފާހާންގެ ބޭރުގައި ހުރި މަރުކަޒެއްގައި އެމެރިކާއާއި އިސްރާއީލުން 18 ބޮން އަޅައިގެން ބަންދުކުރި ޓަނަލްތަކުގެ ދޮރުތައްވެސް މެއި މަހުގެ ކުރީކޮޅު ނަގާފައިވާ ފޮޓޯތަކުން ފެންނަނީ ހުޅުވާފައި ހުއްޓައެވެ. މީގެ އިތުރުން ޚުމޭން ސިޓީގެ ބޭރުގައި ހުރި ބޭހެއްގެ ދޮރު ހުޅުވުމަށް 10 އަށްވުރެ ގިނަ ކޮންސްޓްރަކްޝަން އުޅަނދު މަސައްކަތްކުރާ މަންޒަރުވެސް ވަނީ ފެނިފައެވެ.
މި ހަރަކާތްތައް ފެންމަތިވެފައި މިވަނީ، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކާ ގާތްވެފައިވާ ކަމަށް ބުނެވޭ ދަނޑިވަޅެއްގައެވެ. ނަމަވެސް އެމެރިކާއިން ދަނީ އީރާނުން އަމަލުތައް ބަހައްޓާ ގޮތަކުން އަލުން ހަނގުރާމައަށް އެނބުރި އަތުވެދާނެ ކަމުގެ އިންޒާރު ދެމުންނެވެ. ތަޖުރިބާކާރުން ބުނާ ގޮތުގައި ބިމުގެ އަޑީގައި ފުންކޮށް ހުރި މިސައިލް ސްޓޮކްޕައިލްތަކަށް ބޭރުން ދޭ ހަމަލާތަކުން މާ ބޮޑު ގެއްލުމެއް ނުލިބޭނެއެވެ.
Leave a Reply