އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ 16 ވަނަ ބުރުގައި ސްވިޑެންއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ފްރާންސް މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުގައި ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ ވަނީ މޮޅު ކުޅުމެއް ދައްކައި ދެ ގޯލު ކާމިޔާބުކޮށްފައެވެ.
ލެސް ބްލޫސްގެ ފުރަތަމަ ގޯލާއި ތިންވަނަ ގޯލު މެޗުގެ 45 ވަނަ މިނެޓާއި 74 ވަނަ މިނެޓުގައި އެމްބާޕޭ ކާމިޔާބުކޮށްދިންއިރު، މެޗުގެ 53 ވަނަ މިނެޓުގައި ފްރާންސްގެ ދެވަނަ ލަނޑު ޖަހައިދިނީ ބްރެޑްލީ ބާކޯލާއެވެ.
މި މެޗުގައި ޖެހި ދެ ގޯލާއެކު އެމްބާޕޭ ވަނީ މި ފަހަރުގެ ވޯލްޑް ކަޕްގައި އޭނާ ޖެހި ގޯލުގެ އަދަދު 6 އަށް އިތުރުކޮށްފައެވެ. މިއާއެކު އޭނާ ވަނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ކުރީގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާ އެއްވަރުކޮށްފައެވެ.
ވޯލްޑް ކަޕްގެ ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ރޭހުގައި ވެސް އެމްބާޕޭ ވަނީ ބޮޑު ކުރިއެރުމެއް ހޯދާފައެވެ. އޭނާ ވަނީ ޖަރުމަނުގެ މިރޮސްލާވް ކްލޯސޭ (16 ގޯލު) ފަހަނައަޅައި ގޮސް، ޖުމްލަ 18 ގޯލާއެކު ލިސްޓުގެ ދެވަނައަށް ޖެހިލާފައެވެ. މި ލިސްޓުގެ އެއްވަނައިގައި 19 ގޯލާއެކު އަދިވެސް އޮތީ މެސީއެވެ.
އެމްބާޕޭއަކީ މިހާރު ވޯލްޑް ކަޕްގެ ތާރީޚުގައި ފްރާންސަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާގެ މަގާމުގައި އޮތް ތަރިއެވެ. އޭނާ މި މަގާމު ހޯދީ 13 ގޯލު ޖަހާފައިވާ ލެޖެންޑަރީ ކުޅުންތެރިޔާ ޖަސްޓް ފޮންޓޭންގެ ރެކޯޑު މުގުރާލުމަށްފަހުއެވެ.
މި މޮޅާއެކު ފްރާންސް ދެން ބައްދަލުކުރަން ޖެހޭނީ ކުއާޓާ ފައިނަލުގައި ޕެރަގުއޭއާއެވެ. އެ މެޗަކީ އެމްބާޕޭއަށް އޭނާގެ ގޯލުގެ އަދަދު އިތުރުކޮށް، މެސީގެ ރެކޯޑާ އަރާ ހަމަކުރުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.

Leave a Reply