ކަޅު ހިޔަނި 13

ކިޔާލާ.ކޮމް - ކަޅު ހިޔަނި

މި ވާހަކަ ނުނިމި މެދުކަނޑާލެވުމުން އިންތިހާއަށް މާފަށް އެދެމެވެ. ކުރިއަށް އޮތް ތަނުގައި ވާހަކަ މެދުނުކެނޑި ކުރިއަށް ދާނެ ވާހަކަ ދަންނަވާލަމެވެ.

ދުވަހަކަށް ފަހު ދުވަހެއް ޒަކުވާން ދަނީ ރަނގަޅުވަމުންނެވެ. ހިކި އަނަރޫފަވެފައިވާ ޒަކުވާންގެ ހަށިގަނޑަށް މިހާރު ވަނީ ބަދަލުތަކެއް އަންނަން ފަށާފައެވެ. އޭނާގެ މޫނުމަތީގައިވާ މިލާމިލާކަން ފިލައި، އާ ދިރުމެއް ފެންނަން ފަށައިފިއެވެ. އެންމެ އުފާވެރި ކަމަކީ، ކުރިން އޭނާއަށް ފެންނަ ބިރުވެރި ކަޅު ހިޔަނިތައް މިހާރު ޒަކުވާންއަށް ނުފެންނަ ކަމެވެ. ޒައިދާންގެ އެހީތެރިކަމާއި، މާތްﷲ ގެ އިރާދަފުޅާއެކު ޒަކުވާންގެ ދިރިއުޅުމަށް އަނެއްކާވެސް އުޖާލާކަން ވެރިވެއްޖެއެވެ.

ޒަކުވާން ހުރީ އުފަލުން ފޮޅިފައެވެ. އެއީ އޭނާއަށް އެހީތެރިކަން ބޭނުންވި ދުވަހު އެހީތެރިވާނެ މީހަކު ނުވެފައި ހުއްޓާ، ޒައިދާންމެންގެ ފަރާތުން އެ ލިބުނު ފުރިހަމަ އެހީތެރިކަމާއި އަޅާލުމުގެ ސަބަބުންނެވެ. ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ލިބުނު މި ބޮޑު ކުރިއެރުމަކީ އޭނާގެ ދިރިއުޅުމުގެ އާ ފެށުމެކެވެ.

އެއްދުވަހެއްގެ ހެނދުގެ ވަގުތެކެވެ. ޒަކުވާން އިނީ އޭނާ އާންމުކޮށް ގޮސް އިންނަ ތަނުގައެވެ. އެއީ ރަށު ބަދަރުމަތީގައި ހުންނަ ހިޔާލި ޖޯލިފަތީގައެވެ. މޫދު ފެންނަ ގޮތަށް އިންނަ އެ ޖޯލިފަތީގައި އިނދެ، ތާޒާ ވައިގެ އަރާމު ލިބިގަންނަމުން ދިޔައިރު އޭނާގެ މޫނުމަތިން ފެންނަނީ ހިތްހަމަޖެހުމެވެ.

“ޒަކުވާން ހާދަހާ އުފަލުން… އަނެއްކާ ކަމެއް އުޅެނީތަ؟” އެތަނަށް އައި މުސްކުޅި ފުރާގެ ފިރިހެނަކު ހުއްޓިލަމުން އަހާލިއެވެ.

ޒަކުވާން އެ ސުވާލަށް އެއްވެސް ޖަވާބެއް ނުދެއެވެ. އޭނާ ހަމައެކަނި ބަލަހައްޓައިގެން އިނީ ދުރުން ފެންނަން އޮތް އުދަރެހަށެވެ. އެ ސުވާލަށް ޖަވާބު ދޭން ބޭނުން ނުވަނީ ބާވައެވެ؟ ނުވަތަ އެ ހިތްގައިމު ވަގުތުކޮޅު އެހެން މީހަކާ ވާހަކަދައްކައިގެން ބޭކާރުކޮށްލަން ބޭނުން ނުވަނީ ބާވައެވެ؟

“ހާދަހާ ފޮނި ކުއްޖެކޭ ދޯ،” އެ މުސްކުޅި މީހާ ޒަކުވާންގެ ހިމޭންކަމާ މެދު ހިތްހަމަނުޖެހިފައި ބުނެލިއެވެ. ނަމަވެސް ޒަކުވާންގެ ހިތުގައި އޮތީ މުޅިން އެހެން ކަމެކެވެ. އޭނާގެ ޚިޔާލުތައް ވަނީ މާ ދުރުގައެވެ. ކުރިން އޭނާގެ ފަހަތުން އަޅުވާފައިވާ ކަޅު ހިޔަނީގެ ބިރުވެރިކަމުން ސަލާމަތްވެ، މިނިވަންކަމުގެ ނޭވާއެއް ލެވުމުން އޭނާ އެ އިނީ އެ އުފާވެރިކަމުގެ ތެރެއަށް ގެނބިފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*