2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލްގައި ކުރިއަށް އޮތް ބުރާސްފަތި ދުވަހު މޮރޮކޯ އާއި ފްރާންސް ބައްދަލުކުރާ މެޗުން މޮޅުވުމުގެ ފުރުސަތު ބޮޑީ ފްރާންސަށް ކަމަށް އޮޕްޓާގެ ސުޕަކޮމްޕިއުޓަރުން ލަފާކޮށްފިއެވެ. މި މެޗަކީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ފްރާންސް އަތުން ބަލިވި މެޗުގެ ބަދަލު ހިފުމަށް މޮރޮކޯއަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.
އޮޕްޓާގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މެޗުން ފްރާންސް މޮޅުވެ ސެމީ ފައިނަލަށް ކޮލިފައިވުމުގެ ފުރުސަތު %60.9 އޮތްއިރު، މޮރޮކޯއަށް މޮޅުވެވޭނެ ކަމަށް ބެލެވެނީ %16.9 އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވާއިރު އެއްވަރުވެގެން ނިމުމުގެ ފުރުސަތު %22.2 އަށް އަރާ ކަމަށް ސުޕަކޮމްޕިއުޓަރުގެ ލަފާކުރުންތަކުން ދައްކައެވެ.
ފްރާންސްގެ ގައުމީ ޓީމުން މި މެޗަށް ނުކުންނަނީ ޖެހިޖެހިގެން ތިންވަނަ ފަހަރަށް ވޯލްޑް ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދުމުގެ އަޒުމުގައެވެ. 2018 ގެ ޗެމްޕިއަން އަދި 2022 ގެ ރަނަރަޕް ފްރާންސް މި މެޗުން މޮޅުވެއްޖެނަމަ، އެ ޓީމު ވެގެންދާނީ ޖަރުމަނާއި ބްރެޒިލްއަށް ފަހު ޖެހިޖެހިގެން ތިން މުބާރާތެއްގައި ސެމީ ފައިނަލަށް ދަތުރުކުރި ތިންވަނަ ޓީމަށެވެ
ފްރާންސް ކުއާޓާ ފައިނަލަށް ދަތުރުކުރީ ޕެރަގުއޭ އަތުން އުނދަގޫ މޮޅެއް ހޯދައިގެންނެވެ. އެ މެޗުގައި ކިލިއަން އެމްބާޕޭ ޖެހި ޕެނަލްޓީއާއެކު އޭނާ ވަނީ މި މުބާރާތުގައި ހަތް ގޯލު ހަމަކޮށް، ގޯލްޑަން ބޫޓުގެ ރޭހުގައި ލިއޮނަލް މެސީ އާއި އެރްލިން ހާލަންޑާ އެއްވަރުކޮށްފައެވެ. އެމްބާޕޭގެ އިތުރުން މައިކަލް އުލިސީ ވެސް އަންނަނީ ފްރާންސްގެ އެޓޭކުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ. ފްރާންސް މިހާރު އޮތީ ރަސްމީ މެޗުތަކުގައި ޖެހިޖެހިގެން ހަތް މޮޅު ހޯދައިގެން ވަރަށް ވަރުގަދަ ފޯމެއްގައެވެ.
މޮރޮކޯ ޓީމަށް ބަލާއިރު، 16 ވަނަ ބުރުގައި ކެނެޑާ އަތުން މޮޅުވި މެޗުގައި އުނަގަނޑަށް އަނިޔާވި އިސްމާއިލް ސައިބާރީގެ ފިޓްނަސްއާ މެދު ވަނީ ޝައްކުތަކެއް އުފެދިފައެވެ. އޭނާއަށް ނުކުޅެވިއްޖެ ނަމަ ކޯޗު މުހައްމަދު ވަހުބީ ބޮޑަށް ބަރޯސާވާނީ ބްރަހިމް ޑިއާޒް އާއި އަޗްރަފް ހަކީމީ އަށެވެ. ޑިއާޒް އަކީ 2025 ވަނަ އަހަރުގެ އެފްރިކާ ކަޕަށް ފަހު މޮރޮކޯއަށް އެންމެ ގިނަ ލަނޑު ޖަހައިދީފައިވާ ކުޅުންތެރިޔާއެވެ. އަދި ހަކީމީ އަކީ ވޯލްޑް ކަޕްގެ ފަހު ދެ އެޑިޝަންގައި އެންމެ ގިނަ ފުރުސަތު އުފެއްދި ޑިފެންޑަރެވެ.
މީގެ އިތުރުން މޮރޮކޯގެ ޑިފެންޑަރު ޝާދީ ރިޔާދާއި ފްރާންސްގެ އޮރެލިއަން ޗުއަމެނީ އަދި ވިލިއަމް ސަލީބާގެ ފިޓްނަސްއާ މެދު ވެސް ވަނީ ސުވާލު އުފެދިފައެވެ
ތާރީޚަށް ބަލާއިރު، މީގެ ކުރިން ބައްދަލުކުރި ހަ މެޗުން ވެސް ފްރާންސް ބަލިވެފައެއް ނުވެއެވެ. އޭގެ ތެރޭގައި ތިން މޮޅާއި ތިން އެއްވަރު ހިމެނެއެވެ. ނަމަވެސް، މި ގަރުނުގައި ވޯލްޑް ކަޕްގައި ފްރާންސް ބަލިވި މެޗުތަކުގެ ދެބައިކުޅަ އެއްބައި މެޗަކީ އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ކުޅުނު މެޗުތަކަށް ވުމަކީ، އަނެއްކާވެސް އާ ސަޕްރައިޒެއް ދިނުމަށް މޮރޮކޯއަށް ލިބޭ ހިތްވަރެކެވެ.

Leave a Reply