އަލީނާ

ކިޔާލާ.ކޮމް

ކާރޫބާރު ބޮޑު މަގުތަކުން ދުއްވަމުންދިޔަ އޮފީސް ކާރުގެ ފަހަތު ސީޓުގައި އިން އަލީނާ، ބޭރުގެ މަންޒަރުތަކަށް ނަޒަރު ހުއްޓާލައިގެން އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. ސައިކަލުތަކުގެ އަޑާއި ލޮރީތަކުގެ ބަރުގޮނުގެ އަޑުން މުޅި މާހައުލު ގުގުމަމުންދިޔައިރު، އަލީނާގެ ހިތުގައި ވަނީ ތަފާތު ޝުއޫރުތަކެއް އުތުރިއަރާފައެވެ. ޑްރައިވަރު ކާރު ދުއްވަމުންދިޔައީ މަޑުމައިތިރިކަމާއެކުގައެވެ. އޮފީހަށްދާ ފުރަތަމަ ދުވަސް ކަމަށްވުމާއެކު، އަލީނާގެ ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. އެއީ އޭނާގެ ބައްޕަ، ކުންފުނީގެ ސީ.އީ.އޯ ގެ ދަށުން މަސައްކަތް ކުރަންޖެހޭތީ ކަމަށްވެސް ވެދާނެއެވެ. އަލީނާއަކީ އެ ކުންފުނީގެ ސީ.އީ.އޯ އަޙްމަދު މަނިކުގެ ހުރި ހަމައެކަނި ދަރިފުޅެވެ.

ކާރު ގޮސް އޮފީސް އިމާރާތުގެ ކުރިމައްޗަށް މަޑުކޮށްލުމާއެކު، އަލީނާ ފުން ނޭވާއެއް ބޭރުކޮށްލިއެވެ. އޭނާގެ ހިތުގައި އުފެދިފައިވަނީ އުންމީދާއި ބިރުވެރިކަމުގެ މަސްހުނި އިހުސާސެކެވެ. ފުރަތަމަ ދުވަހު އަލީނާގެ ޓީމާ ތައާރަފުކޮށްދެވުނުއިރު، އެންމެ ގާތުން މަސައްކަތް ކުރަންޖެހުނީ ފާރިޝްއާ އެކުގައެވެ. ފާރިޝްއަކީ އެ ޑިޕާޓްމަންޓުގައި ހުރި އެންމެ ހީވާގީ މުވައްޒަފެވެ.

ކުންފުނިން ހަވާލުވެފައިވާ އާ ޕްރޮޖެކްޓް ހަވާލުކުރެވުނީ އަލީނާ އާއި ފާރިޝްއާއެވެ. މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެ ކުންފުނިން ތަރައްޤީކުރާ ބޮޑު ކޮންސްޓްރަކްޝަން މަޝްރޫޢެކެވެ. މިއީ އޮފީހުގެ އެންމެ ބޮޑު އިންވެސްޓްމަންޓަށް ވާތީ، ސީ.އީ.އޯގެ ފަރާތުން އަލީނާ ފޮނުވީ މަސައްކަތުގެ އަމަލީ މައިދާން ދަސްކުރުމަށެވެ. ފާރިޝްއަކީ މި މަޝްރޫޢުގެ ސައިޓް ސުޕަވައިޒަރެވެ.

ކޮންމެ ދުވަހަކު ހެނދުނު އަލީނާ އާއި ފާރިޝް ބައްދަލުވަނީ ކޮންސްޓްރަކްޝަން ސައިޓުންނެވެ. ބޯކޮށް ވެހޭ ވާރޭގައާއި އަވީގެ ގަދަ ހޫނުގައި، ރައްކާތެރިކަމުގެ ހެލްމެޓާއި ޖެކެޓް އަޅައިގެން ދެމީހުން އެކުގައި މަސައްކަތް ކުރެއެވެ. ބޮޑު ޗާޓަށް ބަލަހައްޓައިގެން އިމާރާތުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާ މެދު މަޝްވަރާކުރަމުންދިޔައިރު، އަލީނާއަށް ފެންނަމުންދިޔައީ ފާރިޝްގެ ފަރުވާތެރިކަމާއި ޒިންމާދާރުކަމެވެ. މަސައްކަތްތެރިންނަށް އަމުރުކުރުމުގެ ބަދަލުގައި، އޭނާ އެމީހުންނާ މުއާމަލާތް ކުރަނީ އޯގާތެރިކަމާއެކުގައެވެ. ފާރިޝްގެ މި ސިފަތައް އަލީނާއަށް ވަރަށް ކަމުދިޔައެވެ.

ސައިޓުގެ ބުރަ މަސައްކަތަށްފަހު، އެދުވަހުގެ އިރުއޮއްސުނު ވަގުތު ފާރިޝް އާއި އަލީނާ ދިޔައީ ހުޅުމާލޭގެ އަތިރިމަތީގައި ހުންނަ ހިތްގައިމު ކެފޭއެއް ކަމަށްވާ “ބީޗްވިއު ކެފޭ” އަށެވެ. ކޮންސްޓްރަކްޝަން ސައިޓުގެ ހަލަބޮލިކަމާ ދުރުގައި، ކޮފީ ތަށީގެ ހޫނު ވަހާއި ކަނޑުގެ ތެތްފިނި ރޯޅިތަކުގެ ތެރޭގައި ދެމީހުން ތިބީ ވަރަށް ހަމަހިމޭންވެފައެވެ.

ކޮފީ ތަށީގައި ހިފަހައްޓައިގެން ހުރި ފާރިޝްގެ ނަޒަރު ހުއްޓުނީ އަލީނާގެ މޫނަށެވެ. މޫނުމަތިން ފެންނަންހުރި ވަރުބަލިކަމާއެކުވެސް، އޭނާގެ ދެލޮލުން ފެންނަނީ އާދަޔާޚިލާފު މައުސޫމްކަމެކެވެ. “އަލީނާ، އަސްލު އަލީނާއަކީ ކޮބައިތަ؟ ސީ.އީ.އޯގެ ދަރިފުޅުގެ ގޮތުގައި ނޫން، އަސްލު އަލީނާއަކީ ކޮބާ؟” ފާރިޝް ހިނިތުންވެލާފައި އޯގާތެރި އަޑަކުން އަހާލިއެވެ.

ލީނާ ފުން ނޭވާއެއް ދޫކޮށްލުމަށްފަހު އޭނާގެ ހަގީގީ ދިރިއުޅުމުގެ ވާހަކަތައް ހިއްސާކުރަން ފެށިއެވެ. “މީހުންނަށް ހީވަނީ އަހަރެން މިއީ ވަރަށް އުފަލުގައި އުޅޭ ކުއްޖެއްހެން. އެކަމަކު ހަގީގަތުގައި އަހަރެން ބޭނުންވާ މިނިވަންކަމެއް ނޯވޭ. ބައްޕަ ބޭނުންވާ ގޮތަށް ނޫނީ އަހަރެންގެ ދިރިއުޅުމުގެ އެއްވެސް ނިންމުމެއް ނުނިންމޭ. އަހަރެން ބޭނުންވަނީ އަމިއްލަ މަސައްކަތުން ކުރިއަށްދާ، އާދައިގެ މީހުން އުޅޭ ފަދަ އާދައިގެ ދިރިއުޅުމެއް.”

އަލީނާގެ ވާހަކަ އަޑުއަހަން އިނުމަށްފަހު ފާރިޝްވެސް އޭނާގެ ވާހަކަ ފެށިއެވެ. “އަހަރެން މިއީ ރަށަކުން އައިސް ވަރަށް ދަތި ހާލުގައި ކިޔަވައިގެން މި ވަޒީފާއަށް އައި މީހެއް. ކޮންމެ މަހަކު ލިބޭ މުސާރައިގެ ބޮޑުބައި މި ފޮނުވަނީ ރަށުގައި ތިބި މަންމަމެންނަށް. އަހަރެންގެ ދުނިޔެއަކީ މިއީ.”

މިފަދަ ވާހަކަތަކުގައި ތިބެފައި، ދެމީހުންވެސް އަވަސްވެގަތީ މާލަސްނުވަނީސް ގެއަށް ދިއުމަށެވެ. ގެއަށް ވަދެވުމާއެކު އަލީނާ ފާޚާނާއަށް ވަދެ ތާޒާވެލައިގެން، މަސައްކަތުގެ ވަރުބަލިކަން ފިލުވާލުމަށްޓަކައި އެނދުގައި އޮށޯވެލިއެވެ. އެނދުގައި އޮށޯވެލައިގެން އޮވެ އަލީނާއަށް ވިސްނެމުންދިޔައީ މިއަދު ފާރިޝްއާ ދެކެވުނު ވާހަކަތަކާ މެދުގައެވެ. ލޯމަރާލިޔަސް ސިފަވަނީ ފާރިޝްގެ މޫނާއި އޭނާގެ ހިނިތުންވުމެވެ. ފާރިޝްއަށްވެސް ވިސްނެމުންދިޔައީ އަލީނާއާ މެދުގައެވެ. ނަމަވެސް ފާރިޝްގެ ހިތަށް މަޑުމަޑުން ބިރުވެރިކަން ވަންނަން ފެށިއެވެ. ފާރިޝް ދެކޭގޮތުގައި އަލީނާއަކީ އޭނާއަށް އަތްނުފޯރާ ފަށުގައި ހުރި މަލެކެވެ.

ނަމަވެސް ވަގުތުތައް ފާއިތުވަމުންދިޔަވަރަކަށް ދެމީހުންގެ ގުޅުން މަޑުމަޑުން ލޯތްބަށް ބަދަލުވިއެވެ. މަސައްކަތް ނިންމާލުމަށްފަހު ގިނަ ވަގުތު ދެމީހުން އެކުގައި އެކި ތަންތަނުގައި ހޭދަކުރަން ފެށުނެވެ. ކަންތައްތައް މިހެން ހިނގަމުންދަނިކޮށް، އަލީނާ އާއި ފާރިޝްގެ ގުޅުމުގެ ޚަބަރު ކުންފުނީގެ ސީ.އީ.އޯ އަދި އަލީނާގެ ބައްޕަ އަޙްމަދު މަނިކާ ހަމައަށް ފޯރިއެވެ. މި ޚަބަރު އަޙްމަދު މަނިކަށް ފޯރުކޮށްދިނީ ކުންފުނީގެ މާލީ މުއާމަލާތްތަކާ ބެހޭ އިސްވެރިޔާގެ މަގާމުގައި ހުރި ނާއިލްއެވެ.

ނާއިލްއަކީ އަޙްމަދު މަނިކުގެ އިތުބާރު ހޯދާފައިވާ، އަދި އަޙްމަދު މަނިކުގެ ނަޒަރުގައި އޭނާގެ ދަރިފުޅާ އެންމެ އެކަށީގެންވާ ބައިވެރިޔާއެވެ. ނާއިލް ވަނީ އަލީނާ އާއި ފާރިޝް ވާހަކަދައްކަން ތިއްބާ ފެނިގެން، އެ ވާހަކަ ކޮޅުވައްޓާލައިގެން އަޙްމަދު މަނިކުގެ ކަންފަތާ ހަމައަށް ފޯރުކޮށްދީފައެވެ. އަޙްމަދު މަނިކު ނިންމީ ލަސްނުކޮށް އޭނާގެ ނިންމުން އަލީނާއަށް އެންގުމަށެވެ.

ގެއަށް ވަދެ އަލީނާ ގޭގައި ނޫޅޭކަން އެނގުމުން ސިޓިންގ ރޫމުގައި އިށީނދެލައިގެން އިން އަޙްމަދު މަނިކުގެ މޫނުމަތިން ފެންނަމުންދިޔައީ ހިތްހަމަނުޖެހުމެވެ. އަލީނާގެ މަންމަ ވަނީ އޭނާ ވަރަށް ކުޑައިރު ކެންސަރު ބަލީގައި ނިޔާވެފައެވެ. އޭގެ ފަހުން އެކަނިމާއެކަނި އަލީނާ ބަލައި ބޮޑުކުރީ ވަރަށް ފަޚުރުވެރިކަމާއެކުގައެވެ. އަދި ދަރިފުޅަށްޓަކައި އުސް ހުވަފެންތަކެއް ދެކެމުންދިޔައެވެ. އަޙްމަދު މަނިކު އަލީނާ އާއި ފާރިޝްގެ ގުޅުމާ މެދު އިންތިހާއަށް ނުރުހުންވިއެވެ. އާދައިގެ މުވައްޒަފަކު އޭނާގެ އާއިލާގެ ތެރެއަށް ވަނުމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫނެވެ.

އަލީނާ ގެއަށް ވަދެ ބައްޕައަށް އަދަބުވެރިކަމާއެކު ގޮވާލުމަށްފަހު ކޮޓަރިއާ ދިމާލަށް ހިނގައިގަތެވެ. “އަލީނާ، މަޑުކޮށްބަލަ. ބައްޕަ ވާހަކައެއް ދައްކަންވެފައި އެބައޮތް،” އަޙްމަދު މަނިކު ބުނެލިއެވެ. އަލީނާ ބައްޕަގެ ގާތުގައި އިށީނދެލިއެވެ. “އަލީނާ، ބައްޕަ މިހާރު ނިންމައިފިން ދަރިފުޅުގެ ކައިވެނީގެ ކަންތައް. ދަރިފުޅަށް އެންމެ ރަނގަޅު ބައިވެރިއަކީ ނާއިލް. ނާއިލްއަކީ އަހަރެ

ނާއިލްއަކީ އަހަރެމެންގެ ފެންވަރުގެ މީހެއް. ފާރިޝް ކަހަލަ މީހަކާ މެދު ވިސްނުންވެސް މިހާރުން މިހާރަށް ހުއްޓާލާ.” ބައްޕަގެ މި ހަރުކަށި ބަސްތަކުން އަލީނާގެ ލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ.

އަލީނާ ބައްޕަގެ ފައިބުޑަށް ވެއްޓި ރޮއި އާދޭސްކުރިއެވެ. “ބައްޕާ، އަޅުގަނޑު ފާރިޝްދެކެ ވަރަށް ލޯބިވޭ. އޭނާއަކީ ވަރަށް ރަނގަޅު މީހެއް،” ކަރުނުން ފުރިފައިވާ ދެލޮލުން ބައްޕައާ ދިމާލަށް ބަލަހައްޓައިގެން ހުރެ އަލީނާ ބުންޏެވެ. ނަމަވެސް އަޙްމަދު މަނިކުގެ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ ހަރުކަށި ރާގަކަށް ބުނެލިއެވެ. “ފާރިޝްއާއެކު އުޅެން ބޭނުންނަމަ މިހުރިހާ މުދަލަކާއި މުއްސަނދިކަން ދޫކޮށް މިގެއިން ނިކުމެގެންދޭ. އަދި އޭގެ ފަހުން ބައްޕައަކީ މަރުވެފައި ހުރި މީހެއް ކަމަށް ދެކޭ.”

ބައްޕަގެ މި ހިތްދަތި ބަސްތަކުގެ ކުރިމަތީގައި އަލީނާ އިސްޖަހާލިއެވެ. ބައްޕަ ދޫކޮށްލާކަށް އަލީނާއަކަށް ނުކެރުނެވެ. އަލީނާ މިހުރިހާ ވާހަކަތަކެއް ފާރިޝްއާ ހިއްސާކުރިއެވެ. އެ ދުވަހަށްފަހު، އެ ދެމީހުންގެ ދިރިއުޅުމުގެ އުޖާލާކަން ގެއްލި، މުޅި ހަޔާތަށް ކަނު އަނދިރިކަން ވެރިވިއެވެ. އަލީނާ ގޭގައި ބަންދުވެ، ހިތާމަޔާއި ފިކުރުތަކުގެ ތެރެއަށް ޣަރަގުވުމުގެ ސަބަބުން އޭނާގެ ނަފްސާނީ ދުޅަހެޔޮކަން ގެއްލި، ބޮޑު ބައްޔެއްގެ ޝިކާރައަކަށް ވިއެވެ. އެ ހިތާމައިގެ ސަބަބުން ކެއުމާއި ބުއިމާ ދުރުހެލިވުމުން ހަށިގަނޑު އަނަރޫފަވެ، އެންމެ ފަހުން އެ ފުން ހިތާމައިގެ ތެރޭގައި އޭނާ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔައިފިއެވެ.

އަލީނާ ވަކިވެދިޔަ ޚަބަރު ފާރިޝްއަށް ލިބުމުން، އޭނާއަށް ހުރެވުނު ތަންވެސް ނޭނގުނެވެ. އެ ހިތްދަތި ޚަބަރު ތަހައްމަލު ނުކުރެވިގެން ކުއްލި ހާޓް އެޓޭކެއް ޖެހި، ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ފާރިޝްވެސް މި ދުނިޔެ ދޫކޮށް ހިނގައްޖެއެވެ.
މި ހިތްދަތި ހާދިސާއާ ގުޅިގެން އަޙްމަދު މަނިކަށް ކުރިމަތިވީ އިންތިހާ ދަރަޖައިގެ ހިތާމައެކެވެ. އޭނާގެ މުއްސަނދިކަމާއި، ފައިސާއާއި، ސީ.އީ.އޯގެ މަގާމަށްވެސް އޭނާގެ ލޯބިވާ ދަރިފުޅު އަނބުރާ ހޯދައެއް ނުދެވުނެވެ.
ފަޅުވެފައިވާ ބޮޑު ގަނޑުވަރެއް ފަދަ ގޭގައި އިނދެ، އޭނާ ހިތާމައިގެ ކަރުނަ އޮއްސަމުން ދިޔައެވެ. ދުނިޔަވީ މުދަލަށްވުރެ އިންސާނީ ގުޅުންތަކާއި ލޯބީގެ އަގު މާ މަތިވެރިކަން އޭނާއަށް ވިސްނުނުއިރު ވަގުތު އޮތީ ފާއިތުވެފައެވެ. މިއީ މުދަލާއި ބާރުގެ މަސްތުގައި ޖެހި، ދަރިންގެ އުފަލަށް ހުރަސްއަޅާ ކޮންމެ ބެލެނިވެރިއަކަށް އޮތް ވަރަށް ބޮޑު ޢިބުރަތެކެވެ.

ވާހަކަ ލިޔުނީ : ވިންގްސް

Be the first to comment

Leave a Reply

Your email address will not be published.


*