ގަތަރުގެ ކުރީގެ އަމީރު (ފާދިރީ އަމީރު) ޝައިޚް ހަމަދު ބިން ޚަލީފާ އަލް ތާނީ އަވަހާރަވުމާ ގުޅިގެން، އެގައުމުގެ މިހާރުގެ އަމީރު ޝައިޚް ތަމީމް ބިން ހަމަދު އަލް ތާނީއަށް ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންނާއި އިއްޒަތްތެރިން ތައުޒިޔާ ވިދާޅުވާން ފައްޓަވައިފިއެވެ. އުމުރުފުޅުން 74 އަހަރުގައި، މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ކުރީގެ އަމީރު އަވަހާރަވުމަކީ ގަތަރަށާއި މުޅި އިސްލާމީ އުންމަތަށް ލިބުނު ފުން ހިތާމައެކެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ހޯމަ ދުވަހުގެ ހެނދުނު ލުސައިލް ގަނޑުވަރުގައި ގަތަރުގެ އަމީރު ޝައިޚް ތަމީމް ވަނީ ގިނަ އަދަދެއްގެ ހިތާމަވެރިންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި ގަތަރުގެ ޝައިޚުންނާއި، ވަޒީރުންނާއި، ދައުލަތުގެ އިއްޒަތްތެރިންގެ އިތުރުން، އެގައުމުގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓިކް ކޯޕްސްގެ މެމްބަރުން ބައިވެރިވެވަޑައިގެން، މަރުހޫމް އަމީރުގެ ވަކިވެދިއުމުގެ ހިތާމައިގައި ބައިވެރިވެ އިޚްލާސްތެރި ތައުޒިޔާ ދަންނަވާފައިވެއެވެ.
ބޭރު ގައުމުތަކުގެ ލީޑަރުންގެ ތެރެއިން ކުވައިތުގެ ވަލީއަހުދު ޝައިޚް ޞަބާޙް ޚާލިދު އަލް ސަބާޙް ވަނީ ވަފުދަކާއެކު ގަތަރަށް ވަޑައިގެން އަމީރާ ބައްދަލުކުރައްވައި ތައުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން، ބަހްރެއިންގެ ރަސްގެފާނު ހަމާދު ބިން އީސާ އަލް ޚަލީފާ އާއި ބަހްރެއިންގެ ވަލީއަހުދު ސަލްމާން ބިން ހަމަދު އަލް ޚަލީފާގެ އިތުރުން ސައުދީ އަރަބިއްޔާގެ މަތީ ފަންތީގެ ވަފުދަކުން ވެސް ވަނީ އަމީރާ ބައްދަލުކުރައްވާފައެވެ.
ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ލުސައިލް ގަނޑުވަރަށް ވަޑައިގެން ގަތަރުގެ އަމީރާ ބައްދަލުކުރައްވައި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ދަންނަވާފައެވެ. ހަމައެއާއެކު، ރުވާންޑާގެ ރައީސް ޕޯލް ކަގަމޭ އާއި ކަޒަކިސްތާނުގެ ރައީސް ކަސިމް-ޖޯމާޓް ޓޮކާއެވް ވެސް ވަނީ މި ހިތާމައިގައި ބައިވެރިވެވަޑައިގެންފައެވެ.
އިސްލާމީ އަދި އަރަބި ގައުމުތަކުގެ އިސްވެރިންގެ ތެރެއިން މޮރޮކޯގެ ބޮޑުވަޒީރު އަޒީޒް އަޚަނޫޗް، އިރާގުގެ ރައީސް ނިޒާރު އަމީދީ، ލީބިޔާގެ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރުގެ ވެރިޔާ އަބްދުލް ހާމިދު ދުބެއިބާ، އަދި އިރާގުގެ ކުރުދީސްތާން ސަރަހައްދުގެ ރައީސް ނެޗިރްވާން ބަރްޒާނީ ވަނީ ގަތަރުގެ އަމީރާ ބައްދަލުކުރައްވައި ހަމްދަރުދީ ފާޅުކުރައްވާފައެވެ. މީގެ އިތުރުން ލުބުނާނުގެ ބޮޑުވަޒީރު ނަވާފް ސަލާމް، އޮމާންގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޝިހާބު ބިން ތާރިގް އަލް ސައީދު، ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އަދި އިތިއޮޕިއާގެ ބޮޑުވަޒީރު އަބީ އަހުމަދު ވެސް ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. ސީރިއާގެ ރައީސް އަހުމަދު އަލް ޝަރާއާ މިއަދު ދޯހާއަށް ވަޑައިގެން އަމީރާ ބައްދަލުކުރެއްވިއިރު، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވެސް ވަނީ އަމީރާ ބައްދަލުކުރައްވައި ތައުޒިޔާ ވިދާޅުވެފައެވެ
މަރުހޫމް އަމީރުގެ ކަށުނަމާދު ބޭއްވުނީ އިމާމް މުހައްމަދު ބިން އަބްދުލް ވަހާބު މިސްކިތުގައެވެ. ކަށުނަމާދަށްފަހު ފުރާނަފުޅު ވަޅުލާފައިވަނީ ލުސައިލް ސަހަރާގައެވެ. މި ރަސްމިއްޔާތުގައި ގަތަރުގެ އަމީރުގެ އިތުރުން، ޑެޕިއުޓީ އަމީރު ޝައިޚް އަބްދުالله ބިން ހަމާދު އަލް ތާނީ އާއި ބޮޑުވަޒީރު މުހައްމަދު ބިން އަބްދުލްރަހުމާން އަލް ތާނީގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
މި ހިތާމަވެރި މުނާސަބަތާ ގުޅިގެން ގަތަރުގެ އަމީރީ ދިވާނުން ވަނީ ޖުލައި 12 އިން ފެށިގެން ހަތަރު ދުވަހުގެ ރަސްމީ ހިތާމައިގެ މުއްދަތެއް އިއުލާންކޮށް، ގައުމުގެ ދިދަ ބައިދަނޑިއަށް ތިރިކޮށްފައެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތައް ބަންދުކުރުމަށްފަހު، އަލުން ރަސްމީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖުލައި 19 ވާ އާދީއްތަ ދުވަހުއެވެ. އަމީރީ ދިވާނުން ކަނޑައަޅާފައިވާ ގޮތުގެ މަތިން، ޖުލައި 13 އިން 15 އަށް، ކަނޑައެޅިފައިވާ ވަގުތުތަކުގައި އަމީރު ގެންދަވަނީ އިއްޒަތްތެރިންނާއި ރައްޔިތުންގެ ތައުޒިޔާ ބަލައިގަންނަމުންނެވެ.
Leave a Reply