ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕްގެ ތެރެއިން، ދަނޑުމަތީގެ ކުޅުމުގެ އިތުރުން ދަނޑުން ބޭރުގެ ބައެއް ނިންމުންތަކަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ ކަންކަމެވެ. އެގޮތުން ދާދި ފަހުން ފްރާންސްގެ ރިޕޯޓަކުން ހާމަވި ގޮތުގައި، އާޖެންޓީނާގެ ކުޅުންތެރިން ކަޅު ކުލައިގެ އަތްބެންޑު އެޅުމަށް ފީފާއިން ހުއްދަ ދިން އިރު، ފްރާންސްގެ ގައުމީ ޓީމުން ކުރި ހަމަ އެފަދަ އެދުމަކަށް ފީފާއިން ވަނީ ނޫނެކޭ ބުނެފަ އެވެ. މިކަމުގެ ސަބަބުން ފީފާގެ އިންސާފާ މެދު ގިނަ ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.
މި މައްސަލަ ފެންމަތިވީ، ސްވިޒަލޭންޑާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އާޖެންޓީނާގެ ކުޅުންތެރިން، ހާއްސަކޮށް ކެޕްޓަން ލިއޮނަލް މެސީ ހިމެނޭ ގޮތަށް، އެމީހުންގެ ގަމީހުގެ ވާތް އަތްތިލައިގައި ކަޅު ކުލައިގެ އަތްބެންޑެއް އަޅައިގެން ތިއްބާ ފެނުމުންނެވެ. އާޖެންޓީނާއިން މިކަމަށް ހުއްދަ ހޯދީ އެ ގައުމުގެ ފުޓްބޯޅައިގެ ލެޖެންޑެއް ކަމަށްވާ އެންޓޯނިއޯ ރަޓިން މަރުވުމާ ގުޅިގެން، އޭނާގެ ހަނދާނުގައި ހިތާމަ ފާޅުކުރުމަށެވެ. ނަމަވެސް، ފްރާންސްގެ ގައުމީ ޓީމުން ގްރޫޕް ސްޓޭޖުގައި ނޯވޭއާ ދެކޮޅަށް ކުޅުނު މެޗުގައި ކަޅު އަތްބެންޑު އެޅުމަށް އެދުމުން ފީފާއިން ވަނީ އެކަން މަނާކޮށްފަ އެވެ.
މި ތަފާތު ކުރުމުގެ ސަބަބުން ފްރާންސްގެ ނެޓްވޯކެއް ކަމަށްވާ އާރުއެމްސީ ސްޕޯޓްސް އިން ވަނީ ފީފާގެ ނިންމުންތަކާ މެދު ސުވާލު އުފައްދާފަ އެވެ. އެ ނެޓްވޯކުން ސިފަކުރާ ގޮތުގައި، އާޖެންޓީނާ ނުވަތަ “ޓެންގޯ ޑާންސަރުންނަށް” ފީފާއިން “އިސްތިސްނާ ފަރުވާއެއް” ނުވަތަ ހާއްސަ އިމްތިޔާޒުތަކެއް ދެމުންދާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ނަމަވެސް، ފީފާއިން މިކަމުގައި ގެންގުޅޭ އުސޫލުތައް ހާމަކުރަމުން އާރުއެމްސީ ސްޕޯޓްސް އިން ފަހުން ބުނެފައި ވަނީ، މިއީ ސީދާ ފީފާގެ ރެގިއުލޭޓަރީ ގަވާއިދުތަކާ ގުޅިފައިވާ ކަމެއް ކަމަށެވެ. ފީފާގެ ގަވާއިދު ބުނާގޮތުން، ރަސްމީ މުބާރާތްތަކުގައި ކަޅު އަތްބެންޑު އެޅުމުގެ ހުއްދަ ދެނީ ހަމައެކަނި ފުޓްބޯޅައިގެ ދާއިރާއާ ގުޅުންހުރި، ފާހަގަކޮށްލެވޭ ފަރާތްތަކުގެ ހަނދާނުގައި ހިތާމަ ފާޅުކުރުމަށެވެ. އާޖެންޓީނާގެ އެދުމަކީ ކުރީގެ ވޯލްޑް ކަޕް ކުޅުންތެރިޔަކާ ގުޅޭ ކަމަކަށް ވީއިރު، ފްރާންސްގެ އެދުމަކީ އާންމު “އާއިލީ” ހިތާމައަކާ ގުޅުންހުރި ކަމެއްގެ ގޮތުގައި ފީފާއިން ބެލީ އެވެ. ފްރާންސްގެ ފެޑެރޭޝަނުން ފަހުން ސާފުކޮށްދިން ގޮތުގައި، އެމީހުން ބޭނުންވީ ވެނެޒުއެލާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ ހަނދާނުގައި އަތްބެންޑު އެޅުމަށެވެ. މިއީ ފުޓްބޯޅައާ ސީދާ ގުޅުމެއް ނެތް ކަމަކަށް ވާތީ ފީފާއިން އެ ހުއްދަ ނުދިނީ އެވެ
އާޖެންޓީނާއިން އެ މީހެއްގެ ހަނދާނުގައި އަތްބެންޑު އެޅި އެންޓޯނިއޯ ރަޓިން އަކީ ފުޓްބޯޅަ ތާރީޚުގައި ވަރަށް މުހިންމު ނަމެކެވެ. އޭނާގެ މުޅި ކެރިއަރު ބޮކާ ޖޫނިއާސްގައި ހޭދަކުރި އިރު، އާޖެންޓީނާގެ ގައުމީ ޓީމަށް 1962 އަދި 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ވަނީ ކުޅެދީފަ އެވެ. ރަޓިން އެންމެ ބޮޑަށް މަޝްހޫރުވީ 1966 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިނގިރޭސިވިލާތާ ދެކޮޅަށް ކުޅުނު މެޗުގައި ހިނގި ހާދިސާއަކުންނެވެ. އެ މެޗުގައި އޭނާއަށް ރަތްކާޑު ދެއްކުމުން، ބަސް ނޭނގޭ ކަމަށް ބުނެ ދަނޑުން ފޭބުމަށް ދެކޮޅު ހަދައި، އިނގިރޭސި ރާނީއަށް ހާއްސަ ރެޑް ކާޕެޓްގައި އިށީނދެ އިން ހާދިސާއަކީ މަޝްހޫރު ކަމެކެވެ. މި ހާދިސާގެ ސަބަބުން ކުޅުންތެރިންނަށް ކާޑު ދައްކައިގެން އިންޒާރު ދޭ “ރީނދޫ އަދި ރަތް ކާޑު”ގެ ނިޒާމު އީޖާދު ކުރުމަށް ފީފާއަށް މަޖުބޫރުވިއެވެ.
ވުމާއެކު، އާޖެންޓީނާއަށް އެ ހުއްދަ ލިބުނީ އެއީ ފުޓްބޯޅައިގެ ގާނޫނުތަކަށް ބޮޑު ބަދަލެއް އައުމަށް މެދުވެރިވި ޝަޚުސިއްޔަތަކަށް ވާތީ ކަމަށް ބެލެވެ އެވެ. ނަމަވެސް މިފަދަ ނިންމުންތަކުގެ ސަބަބުން ފީފާގެ ތެރޭގައި ވަކި ގައުމުތަކަކަށް އިސްކަންދޭ ކަމުގެ ބަހުސް އަދިވެސް ދަނީ ކުރިއަށެވެ.
Leave a Reply