ސެއުޓާ، އުތުރު އެފްރިކާ: އަވަށްޓެރި މޮރޮކޯއިން އުތުރު އެފްރިކާގައި އޮންނަ ސްޕެއިންގެ އެންކްލޭވް ސެއުޓާގެ ބޯޑަރު ފަޅާލައި، ގިނަ އަދަދެއްގެ ހިޖުރަވެރިން އެ ސަރަހައްދަށް ވަންނަން އުޅުމުގެ ތެރޭގައި ނުވަ މީހަކު މަރުވެފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ރިޕޯޓްކޮށްފިއެވެ.
ސެއުޓާ ސަރުކާރުން ބުރާސްފަތި ދުވަހު ހާމަކުރި ގޮތުގައި، ވޭތުވެދިޔަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް 1,500 އާއި 2,000 އާ ދެމެދުގެ އަދަދަކަށް މީހުން ވަނީ އެ ސަރަހައްދަށް އެތެރެވެފައެވެ. އަދި ބުރާސްފަތި ދުވަހުވެސް އިތުރު އެތައް ސަތޭކަ ބަޔަކު އަންނަމުންދާ ކަމަށް ލަފާކުރެވޭތީ، ސަރަހައްދީ ރައީސް ޖީސަސް ވިވާސް ވަނީ “މުޅިން އިންސާނީ އަދި އިޖުތިމާއީ ކުއްލި ނުރައްކަލެއް” އިއުލާންކުރައްވާފައެވެ. ވިވާސް ވަނީ ބޯޑަރުގެ ކޮންޓްރޯލް އަލުން ހޯދުމަށްޓަކައި ސިފައިން ފޮނުވުމަށް މެޑްރިޑުގައި އޮންނަ ސްޕެއިންގެ މަރުކަޒީ ސަރުކާރަށް ގޮވާލައްވާފައެވެ.
ޖުރަވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓް ޒަކަރިއާ ޒަރޮކީ ރޮއިޓާސްއަށް ވިދާޅުވި ގޮތުގައި، މިހާރު ފެންނަމުންދާ މަންޒަރަކީ 2021 ވަނަ އަހަރުގެ މެއި މަހު 10,000 އެއްހާ ޒުވާނުން އެއްފަހަރާ އެ ސަރަހައްދަށް ވަދެގަތް ހާދިސާއާ އެއްފަދަ ކަމެކެވެ. “އަޅުގަނޑުމެން މި ވާހަކަ ދައްކާއިރު ހާލަތު އޮތީ ކޮންޓްރޯލުން ބޭރުގައި،” ޒަރޮކީ ވިދާޅުވިއެވެ. މޮރޮކޯގެ ސިޓީއެއް ކަމަށްވާ ފްނިޑެކްގައި ބޯޑަރު ހުރަސްކުރަން ތިބި މީހުންގެ އަދަދު އަދިވެސް ދަނީ އިތުރުވަމުންނެވެ.
ސްޕެއިންގެ ދެ ސިޓީ ކަމަށްވާ ސެއުޓާ އާއި މެލިލާ އަކީ ޔޫރަޕިއަން ޔޫނިއަން އިން އެފްރިކާއާ އޮންނަ ހަމައެކަނި ބިމުގެ ބޯޑަރެވެ. މި ސަބަބަށްޓަކައި ޔޫރަޕަށް ހިޖުރަކުރަން ބޭނުންވާ މީހުންގެ މައިގަނޑު އަމާޒަކަށް މި ދެ ސިޓީ ވެއެވެ. މި މަހުގެ ކުރީކޮޅު ސްޕެއިންގެ ސުޕްރީމް ކޯޓުން ވަނީ، ކަނޑުމަތިން ހުއްޓުވާ ހިޖުރަވެރިން އަނބުރާ މޮރޮކޯއަށް ނުފޮނުވޭނެ ކަމަށް ނިންމާފައެވެ. ގާޑިއާ ސިވިލްގެ ތަރުޖަމާނަކު ވިދާޅުވި ގޮތުގައި މި ހުކުމާ ގުޅިގެން ހިޖުރަވެރިންގެ އަދަދު މިހާ ބޮޑަށް އިތުރުވެގެން ދިޔައީއެވެ.
ފެންނަން ހުރި ވީޑިއޯ ފޫޓޭޖްތަކުން ފެންނަ ގޮތުގައި، ގިނަ ބަޔަކު ކަނޑުމަގުން އިންފްލެޓެބަލް ޑިވައިސްތަކުގައި ސެއުޓާއަށް ވަންނަމުންދާއިރު، “ވިވާ އެސްޕަނާ” އޭ ކިޔައި ހަޅޭއްލަވަމުން ދެއެވެ. އަދި ބައެއް މީހުން ބޯޑަރު ފެންސްތަކުން އަރައިގެން ބިމުގެ މަގުންވެސް އެތެރެވަމުންދާ ކަމަށް އީއެފްއީ ނިއުސް އެޖެންސީން ރިޕޯޓްކުރެއެވެ.
ސްޕެއިންގެ އިންޓީރިއާ މިނިސްޓްރީން ބުނެފައިވަނީ މި މައްސަލަ ހައްލުކުރުމަށް މޮރޮކޯ ސަރުކާރާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ ހުކުމުގެ ނާޖާއިޒު ފައިދާ ނަގައި، މީހުން އެތެރެކުރާ ނެޓްވޯކްތަކުން ގަވާއިދާ ހިލާފަށް ހިޖުރަކުރުމަށް ހިތްވަރުދޭ ކަމަށްވެސް އެ މިނިސްޓްރީން ތުހުމަތުކުރެއެވެ.

Leave a Reply