އެމެރިކާއިން އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަން އިއުލާން ކުރުމުގެ ކުރިން ތެލުގެ އަގު ދަށްވެއްޖެ

ފޮޓޯ އަލް ޖަޒީރާ

އެމެރިކާއިން އީރާނާ ދެކޮޅަށް ހަރުކަށި އިތުރު ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާން ކުރަން ތައްޔާރުވަމުންދަނިކޮށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހޯމަ ދުވަހު %1.5 އަށް ވުރެ ދަށްވެއްޖެއެވެ. މި ބަދަލު އައިސްފައިވަނީ މެދުއިރުމަތިން ތެޔޮ ސަޕްލައި ކުރުމަށް ބުރޫއަރާފާނެ ކަމަށް ބެލެވޭ މި ދަނޑިވަޅުގައި އިންވެސްޓަރުން ފައިދާ ނެގުމަށް އިސްކަންދިނުމާ ގުޅިގެންނެވެ.

މި ބަދަލާއެކު ބްރެންޓް ކްރޫޑް ފިއުޗާސްގެ އަގު %1.76 ދަށްވެ، ފީފާއެއްގެ އަގު ވަނީ 92.73 ޑޮލަރަށް ވެއްޓިފައެވެ. އަދި އޮއިލްޕްރައިސް ޑޮޓްކޮމްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، އެމެރިކާގެ ވެސްޓް ޓެކްސަސް އިންޓަރމީޑިއަޓް (ޑަބްލިއުޓީއައި) ކްރޫޑް ފީފާއެއްގެ އަގު %2 ދަށްވެ، ވަނީ 85.27 ޑޮލަރަށް ވެއްޓިފައެވެ.

މިދިޔަ ހަފްތާގައި ޖެހިޖެހިގެން ދެވަނަ ފަހަރަށް ކްރޫޑް އޮއިލް ބެންޗްމާކްތަކުގެ އަގު އުފުލިފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ކުރިއަށްދިޔަ މަޝްވަރާތައް ހުއްޓުމަކަށް އައުމާއި ގުޅިގެންނެވެ. މިކަމުގެ ސަބަބުން ދުނިޔޭގެ ތެލުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ހިއްސާކުރާ ސްޓްރޭޓް އޮފް ހޮރްމޫޒް ހުރަސްކޮށް ކުރާ ތެލުގެ ޝިޕްމަންޓްތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ނަމަވެސް، އިރާގުގެ ސަރުކާރުން ތަކުރާރުކޮށް އެދުމުގެ ސަބަބުން، އެ ގައުމުގެ ގިނަ އަދަދެއްގެ ތެޔޮ ޓޭންކަރުތަކަށް ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރުމުގެ ހުއްދަ އީރާނުން ދީފައިވާ ކަމަށް އީރާނުގެ ‘އިރްނާ’ ނިއުސް އެޖެންސީން ވަނީ ހޮނިހިރު ދުވަހު ރިޕޯޓްކޮށްފައެވެ.

އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބައިސެންޓް ވަނީ އީރާނާ ދެކޮޅަށް “މިހާތަނަށް އަޅާފައިވާ އެންމެ ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް” އަޅާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. މި ފިޔަވަޅުތަކާ ބެހޭ ތަފްސީލު ހާމަކުރުމަށް ހޯމަ ދުވަހުގެ މެންދުރުފަހު އިރުމަތީ ގަޑިން 2:00 (ޖީއެމްޓީން 18:00) ގައި ޚާއްސަ ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ އީރާނާއެކު ވިޔަފާރިކުރާ ފަރާތްތަކަށް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައެވެ.

މި މައްސަލައާ ގުޅޭގޮތުން ކޮމަންވެލްތު ބޭންކް އޮފް އޮސްޓްރޭލިއާގެ ކޮމޮޑިޓީސް އެނަލިސްޓް ވިވެކް ދާރު ވިދާޅުވީ، އިގްތިސާދީ ގޮތުން އީރާން އެކަހެރި ކުރުމަށް އެމެރިކާއިން ގެންގުޅޭ ސިޔާސަތަކީ އެދެވޭ ނަތީޖާއެއް ނެރެވޭނެ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ. އެހެންނަމަވެސް އެމެރިކާގެ ފިޔަވަޅުތައް ކާމިޔާބުވެއްޖެނަމަ، އިތުރު ހަރުކަށިކަމާއެކު ޖަވާބުދާރީވުމުގެ ގާބިލްކަން އީރާނަށް ލިބިގެންދިއުމަކީ ހަކަތައިގެ ބާޒާރަށް ކުރިމަތިވާނެ ބޮޑު ނުރައްކަލެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ ރައީސް މަސޫދު ޕެޒެޝްކިއަން މި މައްސަލައަށް ޑިޕްލޮމެޓިކް ހައްލެއް ހޯދުމަށް ގޮވާލައްވާފައިވީ ނަމަވެސް، އެމެރިކާއިން އާ ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން ނިންމި ނިންމުން ތެހެރާނުން ވަނީ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

މާކެޓް އެނަލިސްޓެއް ކަމަށްވާ ޓޯނީ ސައިކަމޯ ވިދާޅުވި ގޮތުގައި، އީރާނުގެ ލީޑަޝިޕްގެ މެދުމިނުގެ ވިސްނުން ގެންގުޅޭ ބޭފުޅުން މައްސަލަތައް ފިނިކުރަން ބޭނުންވި ނަމަވެސް، ހަރުކަށި ފިކުރުގެ ފަރާތްތަކުން ބޭނުންވާނީ ކުރިމަތިލުމަކަށް ދާށެވެ. އަދި މި ހަފްތާ ނިމޭއިރު އީރާނުގެ ލީޑަޝިޕުން އިސްކަންދެނީ ކޮން ވިސްނުމަކަށްކަން ސާފުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަސްދަރުތަކުން ބުނާ ގޮތުގައި، އެމެރިކާގެ ފިޔަވަޅުތަކުގެ ސަބަބުން ޗައިނާއަށް ފޮނުވާ އީރާނުގެ ސާފުނުކުރާ ތެލުގެ ޝިޕްމަންޓްތައް މަދުވެ، އެ ބާވަތުގެ ތެލުގެ އަގުތައް ވަނީ މައްޗަށް އުފުލިފައެވެ

Be the first to comment

Leave a Reply

Your email address will not be published.


*