ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ކަމަށްވާ އާޖެންޓީނާގެ ލެޖެންޑް ޑިއޭގޯ މަރަޑޯނާ، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ޖެހި ތާރީޚީ ދެ ގޯލް ފެނިގެންދިޔަ ބޯޅަ ނީލަމެއްގައި 3.3 މިލިއަން އެމެރިކާ ޑޮލަރަށް ވިއްކާލައިފިއެވެ. މިއީ ގިނަ ބަޔަކު ހައިރާންކޮށްލި އަދި ގަބޫލުކުރަން ވެސް ދަތި ބޮޑު އަދަދެކެވެ.
މި ބޯޅައަކީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލުގައި އިންގްލެންޑާ ދެކޮޅަށް އާޖެންޓީނާ ކުޅުނު މެޗުގައި ބޭނުންކުރި “އެޑިޑާސް އެޒްޓެކާ” މޮޑެލްގެ ބޯޅައެވެ. ހެރިޓޭޖް އޮކްޝަންސްގެ ރަސްމީ ވެބްސައިޓުގައިވާ ގޮތުން، މުޅި އެ މެޗުގައި ކުޅެފައިވަނީ މި ބޯޅައިންނެވެ
ފުޓްބޯޅައިގެ ތާރީޚުގައި ވެސް މައިލްސްޓޯންތަކަކަށް ވެގެންދިޔަ ދެ ގޯލު މި ބޯޅައިން ފެނިގެންދިޔައީ އެ މެޗުގެ 51 ވަނަ މިނެޓާއި 55 ވަނަ މިނެޓުގައެވެ. އޭގެ ތެރެއިން މެޗުގެ 51 ވަނަ މިނެޓުގައި މަރަޑޯނާ ޖެހި ގޯލަކީ އަތުން ޖަހައިގެން ކާމިޔާބުކުރި ގޯލެކެވެ. . އަދި އޭގެ ހަތަރު މިނެޓު ފަހުން، އިންގްލެންޑްގެ ގިނަ ކުޅުންތެރިންތަކެއް ކައިރިން ނައްޓާލުމަށްފަހު އޭނާ ކާމިޔާބުކުރި ދެވަނަ ގޯލަކީ ގަރުނުގެ އެންމެ މޮޅު ގޯލުގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ގޯލެކެވެ.
މި މެޗުން އިންގްލެންޑް ބަލިކުރުމަށްފަހު އާޖެންޓީނާއިން އެ މުބާރާތުގައި ކުރިއަށް ގޮސް، 1986 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ތަށި ވަނީ އުފުލާލާފައެވެ. މިއާއެކު ދުނިޔޭގެ ފުޓްބޯޅައިގެ ތާރީޚުގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި މަރަޑޯނާގެ މަގާމު ވަނީ ދުނިޔޭގެ ފެންވަރުގައި ވަރުގަދަވެގެން ގޮސްފައެވެ.
މަރަޑޯނާގެ ހަނދާންތަކާ ގުޅިފައިވާ ތަކެއްޗަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު، މި ބޯޅައަށް ލިބުނު ބޮޑު އަގުން ވެސް ދައްކުވައިދެނީ ފުޓްބޯޅަ ތާރީޚުގައި އެ ހާދިސާތަކުގެ މުހިންމުކަމެވެ.
Leave a Reply