މިނިމަސް

ކިޔާލާ.ކޮމް ވާހަކަ

މަތީ ތަޢުލީމު ޙާޞިލުކުރުމުގެ ފޮނި އުންމީދުގައި މެލޭޝިޔާއަށް ބަދަލުވި ރޫޔާ ދިރިއުޅެމުން ދިޔައީ ކުއްޔަށް ކޮޓަރިއެއް ހިފައިގެން، އެ ޤައުމުގެ ޢާއިލާއަކާ އެކުގައެވެ. އެ ގޭގައި އުޅެނީ ދޮށީ ޢުމުރުގެ ފިރިހެނަކާއި އޭނާގެ އަނބިމީހާ އަދި ފުރާވަރުގެ ދެބެއިންނެވެ. އެމީހުން ރޫޔާއާ މެދު އަބަދުވެސް ބަހައްޓަނީ އޯގާތެރި، ގާތް އަދި އަމިއްލަ ދަރިއެއް ފަދަ ލޯބިވެތި ގުޅުމެކެވެ. ނަމަވެސް އެ ގޭގައި ހިނގަމުންދާ އެއް ކަމަކާ މެދު ރޫޔާގެ ހިތުގައި ކުރީއްސުރެ ވެސް އޮތީ ބަޔާންކުރަން ނޭނގޭ ފަދަ ބޮޑު ޝައްކެކެވެ.

ކޮންމެ ދުވަހަކު ކެއުމުގެ ވަގުތުގައި އެމީހުން ކޮންމެވެސް ޚާއްޞަ ބާވަތެއްގެ ގަދަ ރަތްކުލައިގެ މަހެއް ކައްކައެވެ. އެއީ ރަހަ މީރު، އެހެން ނަމަވެސް ބަލާބެލުމަށް ނުހަނު އާދަޔާ ޚިލާފު މަހެކެވެ. ޙައިރާންވާން ޖެހޭ ކަމަކީ، ގޭގެ އެއްވެސް މީހަކު ފިހާރައަކުން ނުވަތަ މާރުކޭޓަކުން އެފަދަ މަހެއް ގަނެގެން ގެއަށް ގެންނަތަން ދުވަހަކުވެސް ނުފެންނަކަމެވެ. އަދި ބަދިގޭގެ ބޮޑު ފްރިޖު ހުޅުވާލާއިރު އެތެރެއިން އެއްވެސް ކަހަލަ ރޯމަހެއް ފެންނާކަށް ނުހުރެއެވެ. އެ މަސް ގެންނަނީ ކޮންތާކުން ކިހިނެއްކަމެއް ގޭގެ އެއްވެސް މީހަކު ނުބުނެއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް، އެމީހުންގެ އެދުމުގެ މަތިން ރޫޔާވެސް މަޑުމަޑުން އެ މަސް ކާން ފެށިއެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރޫޔާގެ އަމިއްލަ ނަފްސަށް ބިރުވެރި ބަދަލުތަކެއް އަންނަން ފެށިކަން އޭނާއަށް ފާހަގަވިއެވެ. އާދައިގެ ކާނާ ކެއުމުގެ ޝައުޤުވެރިކަން މުޅިން ކެނޑި، އެ މަސް ނުކައި ގިނައިރު ހުންނަން އުނދަގޫވާން ފެށިއެވެ. އެންމެ ބިރުވެރި ކަމަކީ، މަގުމަތިން ނުވަތަ ކޮލެޖުން އިންސާނަކު ފެންނަ ކޮންމެ ފަހަރަކު، އެމީހެއްގެ ގައިން ބަނޑުހައިހޫނުކަން އިޙްސާސްވެ، އެމީހެއްގެ މަސް ކާލަން ހިތަށް އަރަން ފެށުމެވެ. މި ބިރުވެރި ޝައިޠާނީ އިޙްސާސުގެ ސަބަބުން ރޫޔާ ނަފްސާނީ ގޮތުން އިންތިހާއަށް ބިރުގަނެ، އެކަން ހިއްސާކުރީ އޭނާގެ ކޮލެޖުގައި އުޅޭ އެންމެ ގާތް ރަޙުމަތްތެރިޔާއާއެވެ.

ރޫޔާއަށް ދިމާވެގެން އުޅޭ ކަންތައްތަކުގެ ޙަޤީޤަތް ހޯދުމަށް ރަޙުމަތްތެރިޔާ އަވަސްވެގަތެވެ. އެގޮތުން ދެމީހުން ވެގެން އެގޭގެ ބޮޑު މީހާއަށް ފާރަލާން ފެށިއެވެ. ކޮންމެ ދުވަހަކު ދަންވަރު، އެންމެން ނިދުމުން އެމީހާ ގޭގެ އަޑީބައިގައި ހުންނަ އަނދިރި، ކުޑަ ގުދަނަކަށް ވަންނަކަން އެމީހުންނަށް ފާހަގަކުރެވުނެވެ

އެއްރެއަކު، ދަންވަރުގެ ހަމަހިމޭން ވަގުތުގައި އެމީހާ އެ ގުދަނަށް ވަނުމުން، ރޫޔާއާއި އޭނާގެ ރަޙުމަތްތެރިޔާ ފިލައި ތިބެ، މަޑުމަޑުން ގޮސް ދޮރުގެ ކުޑަ ހިނދުރިއަކުން އެތެރެ ބަލައިލިއެވެ. އެވަގުތު އެމީހުންގެ ލޮލުގައި އަޅައިގަތް މަންޒަރުން ދެމީހުންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. ލޭތައް ގަނޑުވި ފަދަ އިޙްސާސެއް ކުރެވުނެވެ.

އެތަނުގައި ހުރީ ސިއްރުން ގެނެސްފައިވާ އިންސާނެއްގެ ފުރާނަނެތް މަސްގަނޑެވެ. ގޭގެ ބޮޑު މީހާ ތޫނު ވަޅިއަކުން އެ މަސްގަނޑު ކޮށައި، ބައިބައިކުރަމުން ދިޔައެވެ. އޭނާއަކީ މަގުމަތިން މީހުން ވަގަށް ނަގައި، އެމީހުން ރަޙުމެއްނެތި މަރައި، އޭގެ މަސް އޭނާގެ ޢާއިލާއަށާއި ރޫޔާއަށް ކާންދެމުން ދިޔަ އަނިޔާވެރި ޤާތިލެކެވެ. މިއޮއް ހުރިހާ ދުވަހު ރޫޔާއަށް ކެވިފައި އެވަނީ އިންސާނުންގެ މަސް—މިނިމަސް—ކަން އެނގުމުން، މޭނުބައިކޮށް، ހޮޑުލަވަން ފަށައި، މުޅި ހަށިގަނޑު ތުރުތުރުއަޅައިގަތެވެ.

އެ ބިރުވެރި ވަގުތުގައި، ދެކުދިން ނޭވާ ހިފަހައްޓައިގެން ތިބެ ސިއްރުން އެތަނުން ފިލައިގެން ދުވެފައި ގޮސް، ސީދާ ފުލުހުންގެ އިދާރާއަށް މައްސަލަ ހުށަހެޅިއެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުންގެ ލަޝްކަރެއް އެ ގެއަށް ވަދެގަނެ، އެ ނުބައި ޖައްބާރު މީހާ ހައްޔަރުކުރިއެވެ.

އެ ނުރައްކާތެރި ދަންތުރައިން ސަލާމަތްވި ނަމަވެސް، އެ ބިރުވެރި ހަނދާންތަކާއި، އަމިއްލަ ނަފްސަށް ކުރެވުނު ނުބައި އިޙްސާސްތަކުގެ ސަބަބުން ރޫޔާގެ ހިތުގައި ޖެހުނު ފުން ލަކުނު، އޭނާގެ މުޅި ޢުމުރަށްވެސް ފޮހެވިގެން ނުދާނެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*