ސޯމާލިއާ އާއި ތުރުކީ ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައިޖެކްކުރި ބޯޓު މިނިވަންކޮށް 14 ކަނޑުފޭރޭ މީހުން މަރާލައިފި

ފޮޓޯ ( އަލް ޖަޒީރާ )

ސޯމާލިއާގެ ކަނޑުގެ ސަރަހައްދުގައި ކަނޑުފޭރޭ ބަޔަކު ހިފަހައްޓާފައި އޮތް ބޯޓެއް، ސޯމާލިއާ އާއި ތުރުކީވިލާތުގެ އަސްކަރިއްޔާ ގުޅިގެން ހިންގި 10 ދުވަހުގެ ވަރުގަދަ އޮޕަރޭޝަނަކަށް ފަހު މިނިވަންކޮށްފިއެވެ.

ސޯމާލިއާގެ ޑިފެންސް މިނިސްޓްރީން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަން 10 ދުވަހުގެ މުއްދަތަކަށް ދެމިގެންދިޔައެވެ. މި ކުރިމަތިލުންތަކުގައި ކަނޑުފޭރޭ މީހުން ބޭނުންކުރި 4 ދޯންޏެއް ނައްތާލައި، 14 ކަނޑުފޭރޭ މީހުން ވަނީ މަރާލާފައެވެ. އަދި ދެ ގައުމުގެ ސިފައިންގެ މެދުނުކެނޑި ދިން ވަރުގަދަ ހަމަލާތަކާއި ޕްރެޝަރާ ހެދި ބާކީ ތިބި ކަނޑުފޭރޭ މީހުން ވަނީ ބޯޓު ދޫކޮށް ފިލާފައެވެ.

މި އޮޕަރޭޝަނުގައި ސަލާމަތްކޮށްފައިވަނީ ކެމަރޫންގެ ދިދަ ޖަހާފައިވާ “ލޮޓޯފް” ނަމަކަށް ކިޔާ ބޯޓެކެވެ. ސިފައިންގެ ބާރުގެ ދަށަށް އެ ބޯޓު ގެނައުމަށްފަހު، މިހާރު ވަނީ ރައްކާތެރިކަމާއެކު ދަތުރު ފަށާފައެވެ. މެރިން ޓްރެފިކް ވެބްސައިޓުގެ މައުލޫމާތުތައް ދައްކާ ގޮތުގައި މި ބޯޓަކީ ޖުލައި މަހުގެ ފަހުކޮޅު ތުރުކީން ފުރައިގެން ޓެންޒޭނިއާގެ ދާރެސް ސަލާމް ބަނދަރަށް ދަތުރުކުރި އުޅަނދެކެވެ. ބައިނަލްއަގްވާމީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މި ބޯޓުގައި ތުރުކީގެ ހަތިޔާރުތަކެއް ހުއްޓެވެ.

މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ ސޯމާލިއާ އާއި ތުރުކީއާ ދެމެދު ވެވިފައިވާ ޑިފެންސް ކޯޕަރޭޝަން އެގްރީމަންޓެއްގެ ދަށުން، ކަނޑުގެ ސަލާމަތީ ކަންކަން ހަރުދަނާކުރުމަށާއި، އައްސޭރިފަށުގެ ސަލާމަތްތެރިކަން ކަށަވަރުކޮށް ކަނޑުފޭރުމުގެ އަމަލުތަކާ ދެކޮޅަށް މަސައްކަތް ކުރުމުގެ މަގުސަދުގައެވެ.

ސޯމާލިއާގެ އައްސޭރީގައި ކަނޑުފޭރުމުގެ މައްސަލަ 2011 ވަނަ އަހަރު އިންތިހާއަށް އިތުރުވެގެން ދިޔުމަށްފަހު، ބައިނަލްއަގްވާމީ ފިޔަވަޅުތަކާއެކު އެކަން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވުނެވެ. ނަމަވެސް، މި އަހަރުގެ އޭޕްރީލް މަހުން ފެށިގެން މިފަދަ ހަމަލާތައް އަނެއްކާވެސް ވަނީ އިތުރުވާން ފަށާފައެވެ. އެގޮތުން މަދުވެގެން ފަސް ކާގޯ ބޯޓެއް މިހާތަނަށް އަތުލައިގަނެފައިވާއިރު، އެންމެ ފަހުން އުޅަނދެއް އަތުލައިގަތީ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު ޔަމަނުގެ އައްސޭރިފަށުންނެވެ. އަދި ވޭތުވެދިޔަ އަހަރުގެ އޭޕްރީލް އަދި މެއި މަހު ތެލާއި މުދާ ބަރުކޮށްފައިވާ ތިން ޓޭންކަރެއް ސޯމާލިއާ ކަނޑުފޭރޭ މީހުން ހިފެހެއްޓިއިރު، ޖުލައި މަހު ޔަމަނު ކަނޑުގެ ސަރަހައްދުން ކެމިކަލް ޓޭންކަރެއް އަތުލައިގަނެ ސޯމާލިއާގެ އައްސޭރިއަށް ގެންގޮސްފައިވެއެވެ. މިއީ ސްޓްރޭޓް އޮފް ހޮރްމުޒްގެ އިތުރުން މުހިންމު ވިޔަފާރި މަގެއް ކަމަށްވާ ރަތް ކަނޑުގެ ދަތުރުފަތުރަށް ކުރިމަތިވެފައިވާ ބޮޑު ނުރައްކަލެކެވެ.

މި ހާދިސާއާ ގުޅިގެން، ކަނޑުގެ ސަލާމަތް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ތުރުކީގެ ކޯޕަރޭޝަން އެންޑް ކޯޑިނޭޝަން އެޖެންސީ (ޓިކާ) އިން ވަނީ ސޯމާލިއާގެ ނޭވީ އަދި ކޯސްޓްގާޑަށް ނިސްބަތްވާ ދެ ޕެޓްރޯލް ދޯންޏެއް މަރާމާތުކޮށް، އަލުން ހިދުމަތަށް ނެރެދީފައެވެ.

ހުކުރު ދުވަހު ޓިކާ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މަރާމާތު ނިމިފައިވާ ދެ ދޯނި މިހާރު ސޯމާލިއާގެ ކަމާބެހޭ ފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މި މަޝްރޫއުގެ ސަބަބުން ކަނޑުމަގުން ކުރާ ވަގު ވިޔަފާރިއާއި، ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރުން ހުއްޓުވުމަށް ސޯމާލިއާގެ ކޯސްޓްގާޑުން ކުރާ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން އިތުރަށް ބަދަހިވެ، އެ ސަރަހައްދުގައި ހުރި ތުރުކީގެ މަސްލަހަތުތައް ހިމާޔަތް ކުރުމަށް ވެސް މަގުފަހިވެގެންދާނެ ކަމަށް އެ އެޖެންސީން ފާހަގަކުރެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*