އދ.ގެ ބެލުމުގެ ދަށުން ލީބިޔާގެ މަޝްރަހު ފިނިކުރުމަށް “4+4” ގެ ތާރީޚީ އެއްބަސްވުމުގައި ސޮއިކޮށްފި

ފޮޓޯ އަލް ޖަޒީރާ

އދ.ގެ ބެލުމުގެ ދަށުން ކުރިއަށްދިޔަ އުނދަގޫ އަދި ދިގު މަޝްވަރާތަކަކަށް ފަހު، ލީބިޔާގެ ވާދަވެރި ސިޔާސީ ފަރާތްތަކުން ދެ އަހަރު ދުވަހުގެ ތެރޭގައި ރިޔާސީ އަދި ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް އެއްބަސްވެ “4+4” ގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި ހުންނަ އދ. ގެ މިޝަންގައެވެ. މި ރަސްމިއްޔާތުގައި ލީބިޔާއާ ބެހޭ ބާލިން ޕްރޮސެސްގެ ބައިނަލްއަގުވާމީ ފޮލޯއަޕް ކޮމިޓީގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެއްބަސްވުމުގެ ލިޔުން ރަސްމީކޮށް އިއްވަވައިދެއްވީ ސަރުކާރުގެ ގައުމީ އެއްބައިވަންތަކަމުގެ ވަފުދުގެ އިސްވެރިޔާ ވަލީދު އަލްލާފީ އަދި އިރުމަތީ ލީބިޔާގެ ސިފައިންގެ ޖެނެރަލް ކޮމާންޑުގެ އިސްވެރިޔާ އަލްޝައިބާނީ އަބޫ ހަމޫދު އެވެ. މި އެއްބަސްވުމުގައި ސޮއިކުރި ކުޑަ ޑައިލޮގް ކޮމިޓީ (4+4) ގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހާއި ދައުލަތުގެ ހައި ކައުންސިލްގެ ދެ މަންދޫބުންގެ އިތުރުން ރިޓަޔާޑް ޖެނެރަލް ޚަލީފާ ހަފްތާރުގެ ފަރާތުން ދެ މެންބަރުން އަދި ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރު ތަމްސީލުކުރާ ދެ މެންބަރުންނެވެ. މިއީ މިދިޔަ އޭޕްރީލް މަހުގެ 29 ގައި އިޓަލީގެ ރޯމްގައި ފަށައި، ޓިއުނީޝިއާގައި ހަތް ބުރެއްގެ މަތިން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ނަތީޖާއެވެ.

އެއްބަސްވުމުގެ މައިގަނޑު ނުކުތާތައް:

  1. އިންތިޚާބުގެ ޓައިމްލައިން އަދި މުއައްސަސާތައް: ކުރިއަށް އޮތް ދެ އަހަރު ތެރޭގައި އެއް ހިންގާ ބާރަކާއި އެއްބައިވަންތަ މުއައްސަސާތަކެއްގެ ދަށުން ރިޔާސީ އަދި ޕާލަމެންޓް އިންތިޚާބު ބޭއްވުން. އަދި ހައި ނޭޝަނަލް އިލެކްޝަންސް ކޮމިޝަން އަލުން އެކުލަވާލައި، އޭގެ ޗެއާމަނަކަށް ރަދާ އިބްރާހިމް އައްޓިއާ އަދި ނައިބަކަށް ސަނާ އަލް ލިޝާނީ އައްޔަންކުރުން.
  2. ކެންޑިޑޭޓުންގެ ޝަރުތުތައް: ޚިޔާލުތަފާތުވުން ބޮޑުވި ދެ ގައުމެއްގެ ރައްޔިތުކަން އޮންނަ (ޑުއަލް ސިޓިޒެންޝިޕް) މީހުންނަށާއި ސިފައިންނަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ދިނުން. ނަމަވެސް، އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަކު މަގާމުގެ ހުވާކުރުމުގެ ކުރިން އެހެން ގައުމެއްގެ ރައްޔިތުކަން ދޫކޮށްލަން ޖެހޭނެއެވެ. އަދި ރިޔާސީ ކެންޑިޑޭޓަކަށް 20،000 ވޯޓަރުންގެ އެންޑޯސްމަންޓް ބޭނުންވާނެއެވެ.
  3. ގާނޫނުއަސާސީއާއި ބާރުތައް ބެހިގެންވާ ގޮތް: ދާއިމީ ގާނޫނުއަސާސީ ފާސްކުރުމުގެ ބާރު އިންތިޚާބުވާ އައު މަޖިލީހަށް ދިނުމާއި، މަޖިލީހާއި ސަރުކާރުގެ ޖަލްސާތައް ޓްރިޕޮލީ، ބެންގާޒީ އަދި ސަބާގައި ދައުރުވާ ގޮތަށް ބޭއްވުން.
  4. އެއްބަސްވުން ތަންފީޒުކުރުން: މަހެއްހާ ދުވަހުގެ ތެރޭގައި މަޖިލީހުން މި އެއްބަސްވުން ފާސްނުކޮށްފިނަމަ، ގައުމީ ފެންވަރުގެ ނިޒާމަކުން އެއީ ދުސްތޫރީ ލިޔުމެއްގެ ގޮތުގައި ތަސްދީގުކޮށް އދ. ގެ ސަލާމަތީ މަޖިލީހުން ބަލައިގަތުމަށް ހުށަހެޅުން. އަދި ދެ އަހަރު ތެރޭގައި އިންތިޚާބު ނުބޭއްވިއްޖެނަމަ، އދ. ގެ އެހީތެރިކަމާއެކު އައު މެކޭނިޒަމެއް ހޯދުން.

މި އެއްބަސްވުމަށް ބައިނަލްއަގުވާމީ ގޮތުން މަރުހަބާ ކިޔަމުންދިޔަ ނަމަވެސް، ލީބިޔާގެ އެތެރޭގައި ވަނީ ބައެއް ޚިޔާލުތަފާތުވުންތައް އުފެދިފައެވެ. އެގޮތުން ދައުލަތުގެ ހައި ކައުންސިލްގެ ރިޔާސަތުން ވަނީ އެއްބަސްވުމުގެ މާއްދާތައް އެންގިފައި ނުވާ ކަމަށް ބުނެ އިއުތިރާޒުކޮށްފައެވެ. އަދި ޕްރެޒިޑެންޝަލް ކައުންސިލްގެ ވެރިޔާ އަލްމަންފީ ވަނީ މައްސަލަތައް ހައްލުކުރުމުގައި އދ. އާއެކު މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް، މި އެއްބަސްވުމާ މެދު ރައްޔިތުންގެ މަޖިލީހުން އަދި މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*