މެލޭޝިޔާގައި ޑެންގޫ ހުމުގެ ކޭސްތައް ބިރުވެރި މިންވަރަކަށް އިތުރުވެއްޖެ

ކިޔާލާ.ކޮމް

މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރާއި ވަށައިގެންވާ ކްލަންގް ވެލީ ސަރަހައްދުގައި ޑެންގޫ ހުމުގެ ކޭސްތައް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށާއި، މި ބަލި ގައުމުގެ އެހެން ހިސާބުތަކަށް ވެސް ފެތުރެމުންދާ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ހުކުރު ދުވަހު ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، ކޭސްތަކުގެ އަދަދު މައިގަނޑު ގޮތެއްގައި އިތުރުވެފައިވަނީ ކްލަންގް ވެލީ ސަރަހައްދުގައެވެ. އޭގެ ތެރޭގައި ހާއްސަކޮށް ކުއަލަލަމްޕޫރާއި ޕުޓްރަޖަޔާގެ އިތުރުން ސެލަންގޯ ސްޓޭޓް ހިމެނެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ އޮގަސްޓް މަހުގެ ކުރީކޮޅުއްސުރެ މިހާތަނަށް 58،079 ކޭސް ވަނީ ރެކޯޑްކުރެވިފައެވެ. މިއީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %56.2 ގެ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން ކުއަލަލަމްޕޫރާއި ޕުޓްރަޖަޔާގައި ކޭސްތައް %106 އަށް އުފުލިފައިވާއިރު، ސެލަންގޯރުގައި ވެސް ވަނީ %61 ގެ އިތުރުވުމެއް ރެކޯޑްކުރެވިފައެވެ.

މި ހާލަތާ ގުޅިގެން މެލޭޝިއާގެ ހެލްތު މިނިސްޓްރީން ވިދާޅުވީ، ޕޮޒިޓިވް ނަތީޖާ ލިބޭ ކޭސްތައް އަވަހަށް ދެނެގަތުމާއި، ބަލި ފަތުރާ މަދިރި ނައްތާލުމަށް އަމާޒުކޮށްގެން ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށެވެ. އެހެންނަމަވެސް، ޑެންގޫ ހުމުގެ ނުރައްކާ އަދިވެސް ވަރަށް ބޮޑު ކަމަށާއި، އެހެން ސްޓޭޓްތަކުގައި ވެސް ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުންދާތީ މުޅި ގައުމީ ހާލަތު އޮތީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

މިނިސްޓްރީން ބުނި ގޮތުގައި ޑެންގޫ ހުމުގެ ކޭސްތައް މިހާ ބޮޑަށް އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ، މޫސުމަށް އައި ބަދަލުތަކެވެ. ހާއްސަކޮށް ހޫނު މޫސުމާއެކު ވިއްސާރަވުމުގެ ސަބަބުން، ބަލި ފަތުރާ އޭޑީސް މަދިރި އާލާވުމަށް ފަހި މާހައުލެއް އުފެދިފައިވާ ކަމަށް އެ މިނިސްޓްރީން ބަޔާންކުރެއެވެ.

އޭޑީސް އެޖިޕްޓީ މަދިރިން ފެތުރޭ މި ވައިރަސްގެ ސަބަބުން ގަދަ ހުމުގެ އިތުރުން ބޮލުގައި ރިއްސުމާއި، މަސްތަކާއި ހުޅުތަކުގައި ގަދައަށް ރިއްސުން ފަދަ އުނދަގޫތައް ކުރިމަތިވެއެވެ. އަދި ބަލި ބޮޑުވާ ހާލަތްތަކުގައި ޑެންގޫ ހެމޮރެޖިކް ފީވަރ އަށް ބަދަލުވެ ފުރާނައަށް ނުރައްކާވާ މިންވަރަށް ހާލަތު ގޯސްވެއެވެ. މެލޭޝިއާގައި މިހާތަނަށް ޑެންގޫ ހުމުގެ ސަބަބުން ކުރިމަތިވި އެކި ކޮމްޕްލިކޭޝަންތަކުގައި 55 މީހުން މަރުވެފައިވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*