ދިވެހިރާއްޖެ މިދަނީ ބަނގުރޫޓާއި ދިމާއަށް

More Waterscapes

ޔޫސުފް ޔޫޝަޢު

ދިވެހިރާއްޖޭގެ މިސްރާބު މިހާރު ޖަހާފައި މިހުރީ   “އެކޮނޮމިކް ޑިކްލައިން”  އެއް އުފެދި ބަނގުރޫޓު ވުމާއި ދިމާއަށެވެ.  މިވާހަކަ ތަކަކީ މި ވޭތުވެ ދިޔަ 30 އަހަރުގެ ދިގު މާޒީގައިވެސް ދިވެހިރާއްޖޭގެ އިޤްތިޞާދު ނުދެކޭފަދަ “ނުތަނަވަސް” ކަމެއްގެ ވާހަކައެވެ.  އެތައްފަހަރަކު ، ދިވެހިރާއްޖޭގެ އިޤްތިޞާދު ދަށަށްގޮސް “ރިސެޝަން” އަކުން އަރައި ގަތުމުގެ ތަޖުރިބާ ކޮށްފައިވެއެވެ.  މިގޮތުން ކޮވިޑްގެ ހާލަތަކީ މުޅި ދުނިޔޭގެ ގިނަ ޤައުމުތައް މިބުނާ ރިޝެޝަންގެ ތެރޭގައި އޮތް އޮތުމެކެވެ. އަދި ދިވެހިރާއްޖެ ސަލާމަތް ކުރެވުނީ އެކަށީގެންވާ މިންވަރަށް އާއްމު ރައްޔިތުންގެ އަތްމަތްޗަށް ފައިސާ އަރާނޭ ނިޒާމުތައް ޤާއިމް ކުރެވުމުންނެވެ.  ކޮވިޑް ރިލީފް ފަންޑް ތަކާއި އެސްޑީއެފްސީ އިން ދެމުން ގެންދިޔަ ފެސިލިޓީ (ލޯނު) ތަކުގެ ސަބަބުން ރައްޔިތުންމީހާ އަށް އިޤްތިޞާދީ މަސައްކަތް ކުރެވިގެން ދިޔައެވެ.

 

ދެނެގަންނަންވީ ކަމަކީ  އިޤްތިޞާދީ ހީނަރުކަމެއް ( ރިސެޝަނެއް ނުވަތަ ބަނގުރޫޓު ވެދާނެކަމަށް އަންދާޒާ ކުރެވޭނަމަ) އެކަމަށް ތައްޔާރު ވުމުގެ ގޮތުން ހިމާޔަތް ކުރަންވީ ދައުލަތުގެ ޚަރަދު ބަރަދު ނޫންކަމެވެ. ވަރުގަދަ ކުރަންވީ ރައްޔިތުމީހާގެ އަތުގައި އޮންނަ ގަތުމުގެބާރު  ( އެކޮނޮމިކަލީކިޔާ  ޕާޗޭސިންގ ޕަވަރ – ޕީޕީ) ކަމެވެ. 

 

ދައުލަތް ހިންގުމުގެ ހަރަދު ސަލާމަތް ކުރުމަށް ޓެކްސް ބޮޑު ކޮށްފިނަމަވާނީ ކިހިނެތް ؟

މިވަގުތު ނަމަގަމުންދާ ޖީއެސްޓީ އާއި އެކު އެހެން ޓެކްސްތައް ބޮޑު ކުރުމުގެ ނަތީޖާ އަކަށްވެގެންދާނީ  ތަކެތީގެ އަގު އުފުލި ރައްޔިތުމީހާގެ އަތުގައި އޮންނަ “ގަތުމުގެ ބާރު” ( ޕާޗޭސިންގ ޕަވަރ) ދަށްވެ މުޅި އިޤްތިޞާދަށް އޭގެ ނުބައި އަސަރު ދިގުމުއްދަތަކަށް ކުރުމެވެ.  އެހެނީ ، އިޤްތިޞާދެއްގައި ދިރިއުޅެމުންދާ އާއްމު ރައްޔިތުމީހާ އޭނާގެ ދިރިއުޅުން އުޅެމުން އައިހާލަތަށްވުރެ ދަށް ހާލަތަކަށް ރުޖޫޢަ ވާން ޖެހުމަކީ ދުނިޔޭގެ ޤައުމު ތަކުން ތަހައްމަލު ކުރާ “ފަޤީރުކަން” އިޤްތިޞާދުގެ މައްޗަށް ވެރިވާން ފަށާހިސާބެވެ.

 

ދިވެހިރާއްޖެ ބަނގުރޫޓު ވުމުން ސަލާމަތް ވުމަށް ކުރެވޭނީ ކޮންކަމެއް؟ 

އެކޮނޮމިކަލް ޑިކްލައިން  ވެގެން ( އިގްތިޞާދު ފުނޑިގެން ) ހިނގައިދާނެ ކަމަށް އަންދާޒާ ކުރެވޭ ހާލަތަކީ އެތައް ގޮންޖެހުންތަކަކާއި ކުރިމަތިލާ އަދި އެހާމެ އޮޅުންބޮޅުން  (ކޮމްޕްލިކޭޓިޑް) ހާލަތެކެވެ. މިހެން މިކަން ވަނީ ގޮންޖެހުންތަކަކީ ހަމައެކަނި ސަރުކާރުގެ ބަޖެޓް ތާށިވެ މުސާރަނުދެވޭ ހާލަތަށް ދިއުމުގެ މައްޗަށް ބިނާވާކަމެއް ނޫންކަމުގައި ވާކަމެވެ.  އިޤްތިޞާދެއްގައި ހިމެނޭ ކޮންމެ އިޤްތިޞާދީ ހަރަކާތެއްގެ ބައިވެރިވުމާއި އެ ހަރަކާތަކަށް (ވިޔާފާރިއަށް) ދިވާމާ ގޮންޖެހުމާއި އުފައްދާ އެފެއްދުމާއި ، އޭގެން ނުކުންނަ ނަތީޖާ މުޅި ޤައުމުގެ އިޤްތިޞާދަށް އަސަރުކުރުވާ ކަމަށްޓަކައެވެ. މިގޮތުން ކުރެވޭނެ އެންމެ މުހިއްމު އެއްކަމަކީ ފަރުދުންގެ ވިޔާފަރިތަކުން “އުފައްދާ މިންވަރު” އިތުރު ކުރުމެވެ. އަދި އުފައްދާ މިންވަރު އިތުރު ކުރުމަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދީ ، އިތުރު ވިޔާފާރިތަކަށް މަގުފަހިކުރުމެވެ. ( މީގެ ބަދަލުގައި ވިޔާފާރިތައް ބަނގޫޓުވާ ގޮތަށް ސަރުކާރުން ޢަމަލު ކޮށްފިނަމަ އޭގެ ނުބައި ނަތީޖާ ދެކެންޖެހޭނީ ހަމައެކަނި އެވިޔާފާރި ވެރިޔާއެއްނޫނެނެވެ. މުޅި އިޤްތިޞާދުގެ އެންމެހާ ބައިވެރިންނެވެ.)

ހިތާމައަކީ ، މިއަދާއި ހަމައަށް އާދެވުނު އިރުވެސް،   މިކަމާއި ގުޅޭ ޤާނޫނެއް، ޤަވައިދެއް ހެދިފައި ނެތްކަމެވެ.  މިދަންނަވަނީ މުޅި އޭޝިޔާ ބައްރަށް ބަލާއިރުވެސް ދިވެހިރާއްޖެ ވެގެންދާނީ  “ބެންގްރަޕްސީ ލޯ” ( ވިޔާފާރިއެއް ބަނގުރޫޓުވާ ހާލަތު ބަޔާން ކުރެވިފައިވާ ޤާނޫނެއް) ނެތް ޤައުމެއްކަމުގައެވެ.  އެހެން ކަމުން ކުދި އަދި މެދު ފަންތީގެ އިތުރަށް ނިސްބަތުން ބޮޑެތި ވިޔާފާރިތަކުގެ އިޤްތިޞާދީ ހާލަތުދަށަށް ގޮސް ބަނގުރޫޓު ވިނަމަވެސް އެކަމަކީ ސަރުކާރުގެ ސަމާލުކަމެއް މިއަދާއި ހަމައަށްވެސް ދެވޭ ކަންކަން ކަމުގައި ވެފައިނުވާ “ސަރުކާރާއި” ނުބެހޭ ކަންކަމެވެ.

އިޤްތިޞާދެއްގައި ބައިވެރިވާ ހުރިހާ އުފެއްދުންތެރިންގެ ( ހުރިހާ ވިޔާފާރިތަކުގެ) ހާލަތު ދެނެގަނެ، އެ ވިޔާފާރިތަކުން އުފެއްދޭ މިންވަރު އިތުރުކުރާނޭ “މެކޭނިޒަމް”  ޤާއިމް ކޮށް ވަރުގަދަ ކުރުމަކީ  ފުނޑެމުން ދާ އިޤްތިޞާދެއް، މަޑު ޖެހުނަ ނުދީ ހިންދެމިލުމަށް މަސައްކަތް ކުރެވޭނެ މަގެވެ. ( މިފަދަ ހާލަތެއްގައިވެސް – ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިން  އިމުގާ ފުރިހަމަ ނުކުރުމުގެ ސަބަބުން އަނބުރާ އައިޤައުމަކަށް ފޮނުވާލުމުގެ ސިޔާސަތު އިމިޤްރޭޝަނުން ހެޔޮކޮށް ބާރަށް ގެންދިއުމަކީ  އޭގެ ނުބައި އަސަރު ކުޑަކުޑަ ގެސްޓްހައުސް އަށް އެކަނި ކުރުމުގެ ބަދަލުގައި މުޅި ދައުލަތުގެ ބަޖެޓަށްވެސް ކުރާނޭ ކަމެކެވެ. މިފަދަ ޕޮލިސީ ތަކުން ޤައުމުގެ އިޤްތިޞާދަށް ނޭނގިނަމަވެސް އަސަރު ކުރުވައެވެ. )

ވިޔާފާރި ހިންމުގައި ސަރުކާރު ބައިވެރިވުން ކުޑަކޮށް ، ސަރުކާރު ކުންފުނި ތައް ޕްރައިވެޓައިޒް ކުރުމަކީ އިޤްތިޞާދު ނެގެހެއްޓުމަށް ކުރަން ޖެހޭ ވަރަށްވެސް މުހިއްމު އެއްމަސައްކަތެވެ. ދަތުރު ފަތުރުގެ ވިޔާފާރިއަކީ އެކި ސަހަރައްދު ތަކުގައި ގުޅިލާމެހިގެން ހިނގަމުންދިޔަ އިޤްތިޞާދީ ވަރަށްވަރުގަދަ ވިޔާފާރިއެކެވެ. އެވިޔާފާރިތެރެއަށް އެމްޓީސީސީ ވަނުމުގެ ނަތީޖާ އަކަށްވެގެން ދިޔައީ “ކަނޑުދަތުރުގެ ވިޔާފާރި” އާއްމުންގެ އަތުން ދައުލަތުގެ ބިޔަ ކުންފުންޏަކުން ޖަހައިގަތުމަށެވެ.

އެމްޓީޑީސީން ނުކުމެ ކުދި ގެސްޓް ހައުސް އޮޕްރޭޓް ކުރަން މާދަމާ ފަށައިފިނަމަ، ފަރުދުންގެ ފަތުރުވެރިކަމުގެ ވިޔާފާރި ދައުލަތުގެ ބިޔަކުންފުންޏަކުން ފޭރިގަނެވުނީއެވެ. މިނާމާންކަމުން އިޤްތިޞާދު ސަލާމަތް ކުރުމަށް ޕަބްލިކް ލިމިޓެޑް ކުންފުނިތަކުން ( ސަރުކާރު ހިއްސާވާ ކުންފުނި ތަކުން ) ވިޔާފާރިތަކަށް ވަދެވޭ އުޞޫލު ކަނޑައެޅުމަކީ މުހިއްމުކަމެކެވެ.

 

 

About ޔޫސުފް ޔޫޝަޢު 7 Articles
ޔޫސުފް ޔޫޝަޢު އަކީ ނޫސްވެރިކަމާއި ލިއުންތެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާތާ 20 އަހަރަށްވުރެ ގިނަދުވަސްވެފައިވާ ފަރާތެކެވެ. މިގޮތުން ޔޫސުފް ޔޫޝައު ނެރެފައިވާ ފޮތް "ހެޔޮވެރިކަމެއްގެ ނިމުން" މިފޮތަކީ ސިޔާސީ ގޮތުން ފާހަގަ ކޮށްލެވޭ ފޮތެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*