ސްޕެއިންގެ ލާލީގާގައި އަންގާރަ ދުވަހު އެލްޗޭ އަތުން 3-2 އިން ރެއާލް މެޑްރިޑް މޮޅުވި މެޗުގެ ކުރިން، ސެއުޓާ ސިޓީއަށް ސަޕޯޓް ދިނުމުގެ ގޮތުން ތައްޔާރުކުރި ހާއްސަ ޓީޝާޓް ރަނގަޅަށް ނުލައި މެސެޖު ފޮރުވާލި މައްސަލައިގައި ރެއާލްގެ ތިން ކުޅުންތެރިއަކަށް ލާލީގާގެ ރައީސް ހަވިއޭ ޓެބާސް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މި މެޗު ފެށުމުގެ ކުރިން ރެއާލް މެޑްރިޑްގެ ކިލިއަން އެމްބާޕޭ، ވިނީޝިއަސް ޖޫނިއާ އަދި އިބްރަހީމާ ކޮނާޓޭ ވަނީ އެމީހުން ލައިގެން ތިބި ޓްރިބިއުޓް ޓީޝާޓް އެއްބައި ރޯލްކޮށް، އޭގައިވާ މެސެޖު ސިއްރުވާނޭހެން ހަދާފަ އެވެ. އެ ޓީޝާޓުގައި ލިޔެފައިވަނީ، ސްޕެއިންގެ ބާރުގެ ދަށުގައި އޮންނަ އުތުރު އެފްރިކާގެ ސަރަހައްދެއް ކަމަށްވާ ސެއުޓާގެ ރައްޔިތުންނަށް ހިތްވަރު ދިނުމުގެ ގޮތުން “އަހަރެމެން އެންމެންނަކީ ސެއުޓަންސް” ކަމަށެވެ.
މިކަމާ ގުޅިގެން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓެބާސް ވިދާޅުވީ، ތިން ކުޅުންތެރިއަކު އެ ހެދުން ފުރިހަމައަށް ނުލައި، އެއްބައި ލައިގެން ތިބިތަން ފެނުނު ކަމަށާއި އެއީ އެ ހެދުން ނުލުމާ އެއްފަދަ ނުރަނގަޅު އަމަލެއް ކަމަށެވެ. މީގެއިތުރުން، މިއީ ވެލެންސިއާ ސަރަހައްދުގެ ވިޔަފާރިވެރިންގެ ގްރޫޕަކުން އިސްނަގައިގެން ކުރިއަށްގެންދިޔަ ކަމެއް ކަމަށާއި، ލީގުން މިކަން ފާސްކުރި ނަމަވެސް މިއީ ސިޔާސީ އެއްވެސް މަގުސަދެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށްވެސް އޭނާ ފާހަގަކުރެއްވި އެވެ. ވެލެންސިއާ ސަރަހައްދުގެ ކްލަބްތައް ނުހިމެނޭ މެޗުތަކުގައި ޓީމުތަކުން މި ޓީޝާޓް ބޭނުންކޮށްފައެއް ނުވެ އެވެ.
ރެއާލް މެޑްރިޑްގެ ސެއުޓާ ފޭން ކްލަބްގެ ރައީސް މިގްއެލް އެންޖެލް މޮންޓާނޯ ވެސް ވަނީ އެ ތިން ކުޅުންތެރިންގެ އަމަލާމެދު މާޔޫސްކަން ފާޅުކޮށްފަ އެވެ. ސްޕެއިންގެ ރޭޑިއޯއަކަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނީ، ސަޕޯޓް ބޭނުންވެފައިވާ ދަނޑިވަޅެއްގައި ކުޅުންތެރިން އެ ޓީޝާޓް ލީތަން ފެނުމުން އުފާވި ނަމަވެސް، ތިން ކުޅުންތެރިން އެ މެސެޖު ފޮރުވާލުމުން ވަރަށް ބޮޑަށް ހިތާމަކުރި ކަމަށެވެ.
މި ހަފްތާގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ހޯމަ ދުވަހު ވިޔަރެއާލް އަދި ރެއާލް ބެޓިސް ކުޅުނު މެޗުގައި ދެ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ސެއުޓާއަށް ސަޕޯޓްކޮށް މި ޓީޝާޓް އެޅި އެވެ. އަދި ހުކުރު ދުވަހު ބާސެލޯނާއާ ދެކޮޅަށް ކުޅުނު މެޗުގައި ލެވަންޓޭގެ ކުޅުންތެރިން އެ ޓީޝާޓް ބޭނުންކުރި ނަމަވެސް، ބާސެލޯނާއިން ނިންމީ އެ ޓީޝާޓް ބޭނުން ނުކުރުމަށެވެ.
ސެއުޓާގެ މައްސަލަ ހޫނުވެފައިވަނީ މިދިޔަ ޖުލައި މަހުގެ 30 އަދި 31 ގައި މޮރޮކޯއިން އެ ސިޓީއަށް ގާތްގަނޑަކަށް 10،000 ހިޖުރަވެރިން އެތެރެވުމާ ގުޅިގެންނެވެ. އޭގެ ތެރެއިން ގިނަ މީހުން އަނބުރާ ފޮނުވާލެވުނު ނަމަވެސް، އެތައް ހާސް ބަޔަކު އަދިވެސް ސެއުޓާގައި އެބަތިއްބެވެ. ހިޖުރަވެރިން މަގުމައްޗާއި ގޮނޑުދޮށްތަކުގައި ކޭމްޕް ޖަހައިގެން ތިބުމުން، ސްޕެއިން ސަރުކާރުން އެ ސިޓީއަށް އަޅާނުލާ ދޫކޮށްލާފައިވާ ކަމަށް ބުނެ އެ ސަރަހައްދުގެ ރައްޔިތުން އަންނަނީ ކެނޑިނޭޅި މުޒާހަރާ ކުރަމުންނެވެ.
މި މައްސަލައިގެ ތެރެއިން، ރެއާލް ބެޓިސްއަށް ކުޅޭ މޮރޮކޯގެ ވިންގާ އަބްޑޭ އެޒަލްޒޫލީ އެ ޓީޝާޓް ލުމުން އަމާޒުވި ފާޑުކިޔުންތަކަށް އޭނާ ވަނީ ރައްދު ދީފަ އެވެ. އިންސްޓަގްރާމްގައި ހިއްސާކުރި މެސެޖެއްގައި އޭނާ ބުނީ، ސެއުޓާގެ ރައްޔިތުންނަށް އިޝާރާތްކޮށް އެ ޓީޝާޓް އެޅީ އެއްވެސް ސިޔާސީ މަގުސަދެއްގައި ނުވަތަ އޭނާގެ އަމިއްލަ ވަޒަން ކަމަށްވާ މޮރޮކޯގެ ރައްޔިތުންނަށް ފުރައްސާރަކުރުމުގެ ނިޔަތުގައި ނޫން ކަމަށެވެ. އަދި އެއީ އެއްވެސް ގައުމިއްޔަތަކަށް ބެލުމެއް ނެތި، ދަތި ހާލުގައި އުޅޭ އެ ސިޓީގެ އާބާދީއަށް އެހީތެރިކަން ދެއްކުމުގެ ގޮތުން ކުރި އިންސާނީ އިޝާރާތެއް ކަމަށް ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ ބުންޏެވެ.
Leave a Reply