ދިވެހިރާއްޖޭގައި އަދިވެސް ތަންފީޒު ކުރެވެމުން ދަނީ އަންޒަމާނު ފަތުރުވެރި ޤަވައިދު ތަކުން ބައެކެވެ. މިދަންނަވަނީ އިމިގިރޭޝަނުގެ ދޮރޯށިން އެތެރެވުމަށް ހުރި ހުރަސް ތަކުގެ ސަބަބުން ފަތުރުވެރިކަމަށް އިންތިހާ އަށް އަސަރު ކުރާވާހަކައެވެ.
ދާދިފަހުން އައި ފަތުރުވެރިއަކު ރާއްޖޭގައި ޓްރާސިޓްކޮށް މާލެތެރެ ބަލައިލަން ބޭނުންވިއެވެ. ނަމަވެސް އޭނާ ދަތުރު ކުރަން އިން އަނެއް ފްލައިޓާއި ދެމެދު އޮތް ވަގުތަކީ 18 ގަޑި އިރެވެ. ޖެހިގެން އިން ފްލައިޓް ފުރާ ގަޑިއާއި ދެމެދު 24 ގަޑި އިރު ނެތުމުން، ނިދޭނެ ފަދައެއްނެތް އެއާޕޯޓްގައި އޭނާ ހިފެހެއްޓިއެވެ. މި ދަންނަވަނީ 12 މިނެޓުން ހުރަސްކޮށް ހޮޓަލަކަށް ދެވޭ ފެންވަރަށް ރާއްޖެ އާދެވިފައި އޮތްނަމަވެސް އިމިގިރޭޝަނުން މީގެ 20 އަހަރު ކުރިއެކޭ އެއްގޮތަށް ފަތުރުވެރިންނާއި މެދު ޢަމަލު ކުރެވެމުންދާ ވާހަކައެވެ. އެ ފަތުރުވެރިއާ އެއާޕޯޓް ހުރަސްކޮށް ހޮޓަލަކަށް ފޮނުވާލެވުނު ނަމަ ، އޭނާ ގެ ސަބަބުން ކޮންމެވެސް ހޮޓަލަކަށް އާމްދަނީ ލިބި އަދި ފިހާރައަކުން އެއްޗެއް ގަތުމުގެ ފުރުޞަތަކީ މިއަދު ބަނގުރޫޓުވަމުންދާ ދިވެހިރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިއްމު އެއްޗެކެވެ.
ހަމައެކަނި ހޭންޑް ބޭގެއް ހިފައިގެން އަންނަ ފަތުރުވެރިޔާ އަށް ޝައްކުގެ ނަޒަރުން ދެކޭ ކަމުގައި ގިނަފަތުރުވެރިންގެ ވާހަކަ ތަކުން ދޭހަވެއެވެ. ރޯމޭނިޔާގެ ފަތުރުވެރިއަކު މާބޮޑަށް ޗެކް ކުރަން ފެށުމުން އެ ފަތުރުވެރިޔާ ކީއްވެތޯ އެހުމުން އޮފިޝަރު ވިދާޅުވިކަމަށް ވަނީ ހަމައެކަނި ކުޑަ ހޭންޑްބޭގެއް ހިފައިގެން ދަތުރު ކުރާތީ މާބޮޑަށް ޗެކް ކުރަނީ ކަމުގައެވެ. ފަތުރުވެރިކަމަށް އައި އެންމެ ބޮޑު އެއް އިންގިލާބަކީ ، ބަޖެޓް އެއަރލައިން ތައް ( އެއައި އޭޝިޔާ ، ވިޒް އެއާރ ފަދަ އެއަރލައިންތައް ) ބޭގްލެސް ޓްރެވެލް ތަޢާރަފް ކުރުމުން ގިނަބަޔަކު އުފުލާ ދަބަސް ކުޑަ ކޮށް އަގުހެޔޮކޮށް ދަތުރު ކުރަން ފެށުނީއެވެ.
ބަނގުރޫޓުވެފައިވާ ސްރީލަންކާގައި ، އެއްވެސް ފަތުރުވެރިއަކު ނަމަ އޭނާ ޑޮލަރެއް އެތެރެ ކުރާކަމަށް ވާނަމަ އެއިން އެއްވެސް ކަމަކަށް މިއަދު ހުރަހެއް ނެތެވެ. އަދި ފަތުރުވެރިންނަށް ލުއި ތައް ތާރަފް ކުރުމުގެ ނަތީޖާ އަކީ ފަތުރުވެރިކަން ވޭތުވެދިޔަ އަހަރަށްވުރެ މި އަހަރު ރަނގަޅު ވަމުން އަންނަ ކަމެވެ.
އިމުގާ ފުރިހަމަ ނުކޮށްގެން ނުވަތަ އިނގިރޭސިން ރަނގަޅަށް ވާހަކަ ދައްކަން ނޭނގިގެން ކިތައް ފަތުރުވެރިން އަނބުރައި ފޮނުވާލެވުނުތޯ އިމިގްރޭޝަންގެ ތަފާސްހިސާބުން ދެނެގަތުން ޓޫރިޒަމް ކުރިއެރުވުމަށް މުހިއްމު ކަމުގައި ޓޫރިޒަމް އިންޑަސްޓްރީގައި މަސައްކަތް ކުރާމީހަކު އޭނަގެ އުދާސްތައް ހާމަކުރަމުން “ކިޔާލާ” އަށް ކިޔައިދިނެވެ.
Leave a Reply