އާލިމް ޢަބްދުއްލަޠީފްގެ ނަން ބުނުމުން މި ދިވެހި މުޖުތަމަޢުން އެ ނަން ނޭނގޭނެ މީހަކު މަދުވާނެއެވެ. އޭނާއަކީ ޒުވާން، ހުނަރުވެރި ނޫސްވެރިއެކެވެ. މީހުންނާ ގުޅޭ، ހިތްހެޔޮ މިޒާޖެއްގެ ވެރި ޒުވާނެކެވެ. ނޫސްވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރަމުން އަންނަ އާލިމަކީ ދިވެހި އަދަބިއްޔާތަށްވެސް ލޯބިކުރާ، ލިޔުންތެރިކަމުގައި އަމިއްލަ ވަކި ވައްޓަފާޅިއެއް ގެންގުޅޭ ފަރާތެކެވެ. އެގޮތުން، އާލިމް ޢަބްދުއްލަޠީފް ޝާއިޢުކޮށް ޗާޕުކޮށްފައިވާ “އޭ ހިތާއޭ ކެތްތެރިވާށެ” މި ފޮތަކީ މިހާރު ދިވެހިންގެ މެދުގައި އިންތިހާއަށް މަޤްބޫލުކަން ހޯދަމުން އަންނަ ފޮތެކެވެ.
މި ފޮތް ނެރުމުގެ ކުރިން، މީގެ ދުވަސްކޮޅެއް ކުރިން ޕްރީ އޯޑަރަށް ހުޅުވާލުމާއެކު އެތަކެއް ބަޔަކު ވަނީ ފޮތް ގަތުމަށް ޝައުޤުވެރިކަން ފާޅުކޮށް ޕްރީ އޯޑަރު ކޮށްފައެވެ. ކިޔުންތެރިންގެ ތަރުޙީބު އޮތް މިންވަރު ހާމަވެގެން ދިޔައީ، ޕްރީ އޯޑަރަށް އެތަކެއް ބަޔަކު ވަނީ މި ފޮތް ” އޭ ހިތާއެ ކެތްތެރިވާށެ ” ތަރުޙީބް ލިބިގެން ގޮސްފައެވެ . މިއީ ދިވެހި ލިޔުންތެރިކަމުގެ ތާރީޚުގައިވެސް ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ބޮޑު ތަރުޙީބެކެވެ. އަދި މިއިން ދައްކުވައިދެނީ މި ފޮތާމެދު މީހުންގެ ހިތްތަކުގައި އޮތް އުންމީދާއި ޝައުޤުވެރިކަމެވެ.
“އޭ ހިތާއޭ ކެތްތެރިވާށެ” މި ފޮތުން އެތަކެއް ޢިބްރަތްތަކެއް ހިތްތަކަށް ގެނެސްދެއެވެ. ދިރިއުޅުމުގެ އެކި މަރުޙަލާތަކުގައި ދިމާވާ ދަތި އުނދަގޫތަކާއި، ހިތާމަތަކާ ކުރިމަތިލާނެ ގޮތުގެ އަގުހުރި ނަޞޭޙަތްތަކެއް މި ފޮތުގައި އެކުލެވިގެންވެއެވެ. ޚާއްޞަކޮށް ދިރިއުޅުމުގެ މަގު ގެއްލި، މާޔޫސްވެފައިވާ މީހަކަށް ނުވަތަ ހިތާމައަކާއި ހިތްދަތިކަމެއްގައި ދެރަވެފައިވާ ކޮންމެ މީހަކަށްމެ މި ފޮތަކީ އަގުހުރި ހަދިޔާއެކެވެ. އަދި ދިރިއުޅުމުގައި ކުރިމަތިވާ ކަންކަމުގައި މަދަދަކަށް ނުވަތަ އެހީއަކަށް އެދި ބޭނުންވެފައިވާ މީހަކަށް މި ފޮތުން އެތަކެއް ރިވެތި ފިލާވަޅުތަކަކާއި، ނަފްސާނީ ހަމަޖެހުން ހޯދައިދޭނެ އަލިމަގެއް ފެނިގެންދާނެއެވެ. އިސްލާމީ ރިވެތި އުޞޫލުތަކުގެ އަލީގައި ކެތްތެރިކަމުގެ މުހިންމުކަން ބަޔާންކޮށްދީ، ހިތްތަކަށް ތަސައްލީ ގެނެސްދިނުމުގައި މި ފޮތް އަދާކުރަނީ މުހިންމު ދައުރެކެވެ.
“އޭ ހިތާއޭ ކެތްތެރިވާށެ” އަކީ ހަމައެކަނި ޞަފްޙާތަކެއް އެކުލެވޭ ފޮތެއް ނޫނެވެ. އެއީ ދިރިއުޅުމުގެ ތޫފާންތަކުގެ ތެރޭގައި ހަފުސްވެފައިވާ ހިތްތަކަށް ހިތްވަރާއި އުންމީދު އާކޮށްދޭ، އަދި ކޮންމެ ދިވެއްސެއްގެ ޒާތީ ކުތުބުޚާނާގައިވެސް އޮންނަން ލާޒިމު، އަގުހުރި މަޢުލޫމާތުތަކާއި ނަޞޭޙަތްތަކުން ފުރިގެންވާ މުހިންމު ފޮތެކެވެ

Leave a Reply