ދިވެހި ރާއްޖޭ ގައި ޒަމާނުއްސުރެ ހިނގަމުން ދިޔަ ރަސްކަން ޖުމުހޫރީ ވެރިކަމަކަށް ބަދަލް ވެގެން ދިޔައީ އެވަގުތު ވެރިކަން ހިންގަވަން ތިއްބެވި ބޭފުޅުން ބޭނުންފުޅު ވެގެން، ކޮންމެވެސް ފާޑެއްގެ ނަމަވެސް ރައްޔިތުންގެ ރުހުމުގެ ވޯޓާއި، އެކުއޭ ދެންނެވި ދާނެއެވެ. ފުރަތަމަ ޖުމުހޫރީ ވެރިކަމުގެ ފޮނި މީރު ކަމެއް ރައްޔިތުންނަށް ނުލިބޭނީސް ޖުމުހޫރީ ވެރިކަން ކަފުން ކުރީ ދިވެހި ރައްޔިތުންގެ އަތުންނެވެ. އެތަކެއް ސަބަބު ތަކެއް ރައްޔިތުންނަށް ވިސްނައި ދީ ނަފްރަތު އުފަން ކޮށްގެންނެވެ. މުހަންމަދު އަމީންގެ ދުރުވިސްނި ވަޑައިގަންނަވާ ސިޔާސަތުގެ ސަބަބުން ގެންނެވި ހެޔޮ ބަދަލުތައް ރައްޔިތުންނަށް ބަލައި ގަތުމަށް ދަތި ކުރުވީ ސިޔާސީ ވެރިން ފަހަތުގައި ތިބެގެންނެވެ. ރައްޔިތުން ނުހަނު ލޯބިން ވެރިކަމަށް އިސްކުރެއްވި ރައީސް މުޙަންމަދު އަމީން ފަޅުރަށެއްގައި މިދުނިޔެއާ އަލްވަދާޢު ކިއުއްވަން މަޖުބޫރު ކުރުވީ ސިޔާސީ ރޭވުން ތެރި ކަމެއްގެ ތެރެއިންނެވެ. ޤައުމަށް ގެންނަވަން ބޭނުންފުޅުވި ބަދަލްތައް ގެނައުމުގެ ފުރުޞަތެއް ދިވެހި ފުރަތަމަ ޖުމުހޫރިއްޔަތުގެ ފުރަތަމަ ރައީސަށް ލިބިވަޑައި ނުގަނެ މިދުނިޔޭއާ އަލްވަދާޢު ކިޔަން ޖެހުނީ ވެރިކަމުގެ ޅަފަތުގައެވެ.
މިއަދު ދިވެހި ޤައުމު މިވަނީ ޑްރަގުގެ ހާއްޔަކަށް ވެފަވެއެވެ. މީހުން މެރުމާއި މާރާމާރީ ހިންގުން މިވަނީ ޢާއްމުވެފައެވެ. ވައްކަމާއި ފޭރުން ވަނީ އެންމެ މަތީ ދަރަޖައަށް ވެއްޓިފައެވެ. މިއަދު ރާއްޖޭގެ ޙާލަތަށް ބަލާއިރު ޤައުމަށް ދިމާވެފައި މިވާ މިފަދަ ބޮޑެތި މައްސަލަތަކުގެ ހައްލު ރައީސް މުޙަންމަދު އަމީންގެ ވެރިކަމުގެ ކުރު މުއްދަތުގައި ވަނީ ފައްޓަވާފައެވެ. އެއިގެތެރެއިން މަރުގެ ހުކުމް މިހާތަނަށް ތަންފީޛު ކުރެއްވި ހަމަ އެކަނި ރައީސް އަކީ މުޙަންމަދު އަމީންނެވެ. މުޙަންމަދު އަމީންގެ ދައުރަށް ފަހު އެއްވެސް ރައީސް އަކަށް އިސްލާމް ދީނުގައި ކަނޑައަޅުއްވާފައިވާ މަރަށް މަރު ހިފުމުގެ ހުކުމް ތަންފީޛު ކުރައްވާކަށް ކެރިވަޑައި ނުގަންނަވައެވެ. މިއަދު ރާއްޖޭގެ މަގުތަކާއި އާއްމު ތަންތަނުގައި ވެސް ފާޅުގައި އެއްވެސް ރަހުމެއް ނެތި އެތައް ދިވެހި ދަރިން ޝަހީދު ކޮށްފައިވެއެވެ. މިފަދަ މަރުގެ މައްސަލަތަކުގައި ހިމެނޭ ޤާތިލުންނަށް ރަގަޅަށް ކާންދީގެން ދުވަސް ކޮޅަކުން ސަރުކާރުން ބެލެހެއްޓުމަށްފަހު، ދޫކޮށްލާ އަނެއް އިންސާނަކު ޝަހީދު ކުރަނީ މަދެއްކޮށް ނޫނެވެ. މިއަދު ޑްރަގުގެ ވަބާއިގާ ނުޖެހޭ އާއިލާއެއް ދިވެހި ޤައުމުގައި ނެތޭ ދެންނެވި ނަމަވެސް ދޮގަކަށް ނުވާނެއެވެ. ޑްރަގުގެ ފެށުމަކީ ދުންފަތު އިސްތިއުމާލު ކުރުން ކަމަށް ވާއިރު ރައީސް އަމީން ރާއްޖޭގައި ދުންފަތް މަނާ ކުރެއްވި ކުރެއްވުން ދެމެހެއްޓުނު ނަމަ، ޑްރަގުގެ ވަބާއިން ސަލާމަތް ކުރުމާއި އެކު ދުނިޔޭގައި އޮތް ހަމަ އެކަނި ދުންފަތުގެ އިސްތިއުމާލު ނުކުރާ ޤައުމެއް ގޮތުގައި ދިވެހި ރާއްޖެ ވާނެ ކަން ޔަޤީނެވެ. ވައްކަމާއި ފޭރުން މިވަނީ އިންތިހާއަށް އިތުރުވެފައިވެއެވެ. ދިރިއުޅޭ ގޯތި ގެދޮރާއި ވިޔަފާރި ކުރާތަން ތަނުގައި ދިހަ ބާރަ ތަޅުލާފައި ހުންނައިރުވެސް ހިނދުކޮޅެއްގެ ތެރޭގައި ވަގުން ވަދެ ދޮވެލަނީ ނުލާހިކު ފަސޭހަ ކަމާއި އެކުއެވެ. މަގު މަތީގައި ފޭރުން ވަނީ ކަންބޮޑު ވާ ދަރަޖައަށް އިތުރު ވެފައެއެވެ. ވައްކަން ކުރި މީހުން ހައްޔަރު ކުރި ނަމަވެސް ވަގުންގެ ކިބައިން މުދާ ކޮޅު ރައްކާތެރި ކުރާނެ ގޮތެއް ނެތި ރައްޔިތު މީހާ ތިބެން ޖެހެނީ ރޭގަޑުގެ ނިދިން މަޙްރޫމް ވެފައެވެ. ހެދުނު ހައްޔަރު ކުރާ ވަގު ކަލޭގެ ހަވީރު ހުންނަނީ ދެވަނަ ވައްކަމެއް ކުރުމަށްޓަކައި ކޮންމެވެސް ގެއެއްގެ ދޮރު މަތީގައެވެ. މިއީ މިއަދުގެ ދިވެހި ރާއްޖޭގެ ޙާލަތެވެ. ރައީސް އަމީންގެ ވެރިކަމުގައި ވައްކަން ކުރާ މީހުން އަތްކެޑުން ތަންފީޛު ކުރިއެވެ. އެކަމުގެ ސަބަބުން އެއަތުން ދެވަނަ ވައްކަމެއް ކުރާނެ ކަމުގެ ބިރު ނެތިގެން ދެއެވެ. އިސްލާމީ ޝަރީއަތުގެ މަޤްޞަދުގެ ތެރެއިން އެއްމަޤްޞަދު ކަމުގައިވާ މުދާ ރައްކާތެރި ކުރުމުގެ މަޤްޞަދު މުދަލުގެ ވެރިޔާއަށް ޙާޞިލް ވެއެވެ.
އަޅުގަނޑު މިދަންނަވާލި ރައީސް އަމީންގެ ދައުރާ މިހާރު ދިވެހި ރާއްޖޭގެ ހާލާތާއި ގުޅޭ މަދު ކަންތައް ތަކެކެވެ. މިނޫން އެތައްކަމެއް ވެސް ހުންނާނެ ކަން ޔަޤީނެވެ. މިދިވެހި ޤައުމުގައި ތަފާތު ރައީސުންގެ ވެރިކަން ދެކެފައި ވީނަމަވެސް ޤައުމީ މިފަދަ ބޮޑެތި މައްސަލަތަކަށް ޙައްލު ގެނެސް ދެވޭނެ ވެރިއަކު ރައީސް އަމީން ފިޔަވައި ނެތްކަމަށް ޤަބޫލު ކުރަން ޖެހެއެވެ. ރައީސް މުޙަންމަދު އަމީންގެ ފަހުން ޤައުމު ދުށް ކޮންމެ ރައީސް އަކުވެސް ޤައުމީ މައްސަލަތަކަށް ހައްލު ގެނެސް އަމާން ރާއްޖެއަކަށް ދަތުރު ކޮށްދޭނެ ކަމަށް ވިދާޅުވެއެވެ. ނަމަވެސް ދާއިމީ ޙައްލެއް ގެނެސް ދެވިފައެއް ނުވެއެވެ. ވީމާ ދިވެހި ރާއްޖެގައި ރައީސް ކަން ކުރެއްވި ބޭފުޅުންގެ ތެރެއިން އެންމެ “ގަޓް” ހުރި ރައީސް އަކީ ކުރީގެ ރައީސުލް ޖުމުހޫރިއްޔާ މުޙަންމަދު އަމީން ދޮށިމޭނަ ކިލެގެފާނެވެ. މިއަދު ދިވެހި ޤައުމު އެދި ގޮވަނީ ރައީސް އަމީން ފަދަ ގަޓް ހުރި ރައީސް އަކަށެވެ. އަމަލީ ގޮތުން އަމާން ރާއްޖެއަކަށް ގެނެސް ދެވޭނެ ވެރިއަކަށެވެ. އަމާން ކަމަށް ފަހު ތަރައްޤީއެވެ. މުޙަންމަދު އަމީންގެ ފުރާނަފުޅު ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލައްވާށި! އާމީން
Leave a Reply