ވަޒީފާ އަދާ ކުރާ މީހުން މަސައްކަތުގެ ދުވަސް ތަކުގައި އޮފީހަށް ސަލާމް ބުނަނީ ޙަޤީޤަތުގައި ބަލިވެގެން ނޫން ކަން ފާހަގަ ކުރެވެއެވެ. ބައެއް ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި އެއީ މަސައްކަތު ދުވަހެއްގައި މަސައްކަތުން އެކަހެރިވެލުމަށް ނަގާ ޗުއްޓީއެކެވެ. މުއައްޒަފުން އޮފީހަށް ސަލާމް ބުނުން ގިނަ ނަމަ އެއީ މަސައްކަތުގެ މާހައުލުގައި ސްޓްރެސް އޮތްކަން އަންގައިދޭ ކަމެއް ކަމަށް ވަރަށް ފަހުން ހެދުނު ދިރާސާ އަކުން ހާމަ ވެއްޖެއެެވެ. ސްކެންޑިނޭވިއަން ޖާނަލް އޮފް ޕްރައިމަރީ ހެލްތު ކެއާގައި ޝާއިއުކޮށްފައިވާ އާ ދިރާސާއަކުން ވަނީ މަސައްކަތުގެ ސަބަބުން ނަފްސާނީ ސްޓްރެސް އާއި ގިނަ ދުވަހު ބަލިވެ ސަލާމް ޗުއްޓީއާ އޮންނަ ގުޅުން ހާމަވެފަ އެވެ. މަސައްކަތާ ގުޅުންހުރި ސްޓްރެސް އަކީ ބަލިވެ ސަލާމް ބުނުމުގެ ސަބަބުން ބޮޑު ލުއެއް ލިބޭނެ ކަން ފާހަގަ ކޮށްފައެވެ. މި ދިރާސާއިން ވަނީ އެކަމުގެ ޒިންމާ އުފުލަންޖެހޭ އެކިއެކި މަސައްކަތުގެ ކަންތައްތަކަށް އަލިއަޅުވާލާފައެވެ. މިގޮތުން މަސައްކަތުގެ މާހައުލުގައި ކުރިމަތިވާ މައްސަލަތަކުގެ ތެރޭގައި ނުވަތަ ނިންމުންތަކުގެ ތެރޭގައި ތިމާގެ ބަސް ނުވިކޭނެ ނުވަތަ ތިމަންގެ ބަސް ޤަބޫލު ނުކުރާނެ ކަމަށް ހީވާ ހާލަތުގައި މަސައްކަތަށް ސަލާމްބުނެ މަސައްކަތުގެ މާހައުލާ ދުރުވުމަށް މަސައްކަތް ކުރާކަން ފާހަގަ ކޮށްފައި ވެއެވެ. މިކަމަށް ޚާއްސަ ގޮތެއްގައި އަންހެން މުއައްޒަފުންގެ ކިބައިން ފެނިފައިވާ ކަމަށްވެސް ފާހަގަ ކޮށްފައި ވެއެވެ. މަސައްކަތުގެ މާހައުލުގައި ދެމުއައްޒަފަކު ދެމެދު ޖެހޭ މައްސަލަތައް ހައްލު ނުވެ ގިނަ ދުވަސް ވެގެން ދާނަމަ އެކަން ވެގެން ދާނީ މަސައްކަތައް ސަލާމް ބުނުމުގެ ސަބަބަކަށެވެ. ބައެއް ފަހަރަށް ސީދާ މައްސަލަތަކެއް ނުޖެހު ނަމަވެސް މުއައްޒަފުންގެ ތެރޭގައި މައްސަލަތައް ޖެހި ދާނެ ފަދަ ދޮރުތައް ހުޅުވި އެފަދަ މާހައުލެއްގައި އޮންނަ ހާލަތުގައި ދިމާވާ މައްސަލަތައް ހައްލުކޮށް ފިނި ކުރެވޭނެ ނިޒާމެއް ޤާއިމްވެފައި ނުހުންނަ އޮފީސްތަކުގައި މުއައްޒަފުން އޮފީހަށް ސަލާމް ބުނުން ގިނަ ވާނެކަން ފާހަގަ ކުރެވެއެވެ. ސަރުކާރުގެ އޮފީސްތަކާއި އަމިއްލަ އޮފީސްތަކުގެ ވެރީން ކަންބޮޑުވާ ކަމަށް ވެފައި އޮންނަނީ މުއައްޒަފުން މަސައްކަތުގެ ދުވަހުގެ ކުއްލިއަކަށް އޮފީހަށް ހާޒިރު ނުވެ ސަލާމް ބުނުމެވެ. މިކަން ހައްލު ކުރުން އޮތީ ވެރީންގެ އަތްމަތީގައެވެ.
Leave a Reply