ރާއްޖޭގައި ކުރެވުނު އެންމެ ބޮޑު އިމްރާނީ މަސައްކަތަކީ ހުޅުލޭ އާއި މާލެއާއި ގުޅުވާލެވުނު ބުރިޖްއެވެ. މިބުރިޖް ވެގެން ގޮސްފައި ވަނީ ދިވެހި ރާއްޖެއާއި ޗައިނާއާއި ދެމެދު އޮތް ޒަމާންވީ ރަޙްމަތްތެރި ކަމުގެ ރަމްޒަކަށެވެ. ރާއްޖޭގެ ރައްޔިތުންގެ 1/2މީހުންނަށް ދިރިއުޅުން ފަސޭހައަކަށް ވެގެން ދިޔަ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް އަކީ އިންޑިއާގެ ކަނޑުގައި ކަނޑު ހުރަސްކޮށް އެޅުނު ފުރަތަމަ ބްރިޖްއެކެވެ.
މިއަދަކީ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްއަށް ހައަހަރު ފުރުނު ދުވަހެވެ. ދުވަހުގެ މުނާސަބަތުގައި ދިވެހި ޤައުމީ ޓީވީ ކަމުގައިވާ ޓީވީ މޯލްޑިވްސްއިން ޚާއްޞަ ރިޕޯޓެއް ގެނެސްދީފައި ވެއެވެ. އެރިޕޯޓުގައި ވަރަށް މުހިއްމު ބައެއް އުނިކޮށްލާފައި ވެއެވެ. އެއީ ރިޕޯޓްގައި އެބުރިޖް ދިވެހިންނަށް ގެނެސްދެއްވި ވެރިއަކީ ރައީސް ޔާމީން ކަން ފާހަގަ ކޮށްފައި ނުވުމެވެ. ކޮންމެ ގޮތަކަށް ކަންހިނގާ ގޮސްފައި ވީނަމަވެސް، ބްރިޖާ ރައީސް ޔާމީން އާއި ގުޅުން ވެއެވެ. އެބްރިޖްގެ މަސައްކަތް ފަށާ އެމަސައްކަތް ނިންމާ ރައްޔިތުންނަށް ހުޅުވާލި ރައީސް ޔާމީންގެ ރައީސް ކަމުގައެވެ. މިއީ ހަޤީޤަތެވެ. ޓީވީ އެމްގެ އެރިޕޯޓްގައި ބްރިޖްގެ މަސައްކަތުގައި މިހާރުގެ ރައީސް ޑރ މުޢިއްޒުގެ ދައުރު ފާހަގަ ކުރެއްވި ފަދައިން ރައީސް ޔާމީން ގެ ދައުރު ރިޕޯޓްގައި ހިމެނި ނަމަ ރިޕޯޓް ފުރިހަމަ ވާނެ ކަމަށް އަޅުގަނޑު ދެކެމެވެ. އެހެން ޓީވީ ޗެނަލްތަކުން ގެނެސްދޭ މައުލޫމާތު ތަކާ ޚިލާފަށް ޓީވީ އެމް އިންސާފު ވެރި ވާން ވާނެއެވެ. ތާރީޚީ މުހިއްމު މައުލޫމާތު ހިމަނަންވާނެއެވެ. ކޮންމެ ބޭފުޅަކު ކުރެއްވިނަމަވެސް އެކަން ކުރި ބައެއްގެ ނަން އަންނަންވާނެއެވެ. ޓީވީ އެމް ވެސް ދިވެހި ތާރީޚް އޮޅުވާލެވިގެން ނުވެއެވެ. މަޢުލޫމާތު ފުރިހަމަ ވާން ވާނެއެވެ.
Leave a Reply