ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިހާރު އެކި ޕާޓީތަކަށް ގާތްގަނޑަކަށް 150 މިލިއަން ރުފިޔާ ދައްކަން ޖެހެ އެވެ.
ކުރިން 85 މިލިއަން ރުފިޔާގައި ހުރި ދަރަނި އިތުރުވެފައި ވަނީ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާއެކު އެއްބަސްވުމަކަށް އައި ކޮރެއާގެ ކުންފުންޏަކަށް އެފްއޭއެމުން 50 މިލިއަން ރުފިޔާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ކޯޓު އަމުރެއްގެ ދަށުން ނެވެ.
ކޮރެއާގެ ޓީ ކުއިންގް ކޮންސްޓްރަކްޝަނާއި އެފްއޭއެމްއާ ދެމެދު ވެފައިވާ އެއްބަސްވުމަކީ ވިލިމާލެ އާއި ހުޅުމާލޭގައި ފުޓްބޯޅަ ދަނޑުތައް ތަރައްގީ ކުރުމަށް ވެފައިވާ އެއްބަސްވުމެކެވެ. އެފްއޭއެމުން އެއްބަސްވި ފައިސާ ނުދެއްކުމުން ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އެ އެސޯސިއޭޝަނުން އެ ކުންފުންޏަށް 3.2 މިލިއަން ޑޮލަރު (52.1 މިލިއަން ރުފިޔާ) ދައްކަން ޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ.
މޯލްޑިވިއަން އިން ވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރު އެފްއޭއެމުން ކުރި ދަތުރުތަކަށް 7.4 މިލިއަން ރުފިޔާ ދެއްކުމަށް އެދި އިންވޮއިސްތަކާއި ސިޓީތައް ވެސް ފޮނުވާފަ އެވެ.
އެފްއޭއެމުން ކޯޓު އަމުރުތަކަށް ބޯނުލަނބާ، ބައެއް މައްސަލަތައް މިހާރު ވަނީ ތަންފީޒު ކުރުމުގެ މަރުހަލާގައި.
އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީން ވަނީ ކޮރެއާ ކުންފުންޏަށް ފައިސާ ދޭން ކޯޓުން ކުރި ހުކުމް އިސްތިއުނާފު ކުރަން ނިންމައިފަ އެވެ.
ދަރަނީގެ ސަބަބުން ބަނގުރޫޓުވުމުގެ ނުރައްކާ އެބައޮތްތޯ ސުވާލު ކުރުމުން ނޯމަލައިޒޭޝަން ކޮމިޓީގެ މުގައްރިރު އަހުމަދު ޒުހޫރު ވިދާޅުވީ އެފަދަ ކަމެއް ދިމާވިޔަ ނުދިނުމަށް ކޮމިޓީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
Leave a Reply