ސަރުކާރުން ތެލަށް ކުރާ ހޭދަ ކުޑަކުރުމަށްޓަކައި، އަންނަ އަހަރުގެ ބަޖެޓުގައި ފިއުލް ހެޖިންއަށް 216 މިލިއަން ރުފިޔާ ހިމަނާފައިވާކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފިއެވެ. މިކަމާ ގުޅޭ މުހިންމު މަސައްކަތްތައް ނިމިފައިވާ ކަމަށާއި، މަޝްވަރާތައް މިހާރުވެސް ކުރިއަށްދާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ފިއުލް ހެޖިންއަކީ ވަކި މުއްދަތަކަށް ދެ ފަރާތުން ކަނޑައަޅާ ވަކި އަގެއްގައި ތެޔޮ ގަތުމަށް ވެވޭ އެއްބަސްވުމެކެވެ. މިގޮތުން، އެއްބަސްވުން ހަދާ މުއްދަތުގައި ތެލުގެ އަގު ބާޒާރުގައި ބޮޑުވި ނަމަވެސް، ނުވަތަ ކުޑަވި ނަމަވެސް، ސަރުކާރުން ތެޔޮ ގަންނަން ޖެހޭނީ ފިއުލް ހެޖިން އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަގަށެވެ.
މިހާރުވެސް ދައުލަތުން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ތެލުގެ ސަބްސިޑީއަށެވެ. މިއަހަރު ތެލުގެ ސަބްސިޑީއަށް 1.3 ބިލިއަން ރުފިޔާ ހޭދަކުރާނެ ކަމަށް ލަފާކުރެވެއެވެ. މިދިޔަ އަހަރު ތެލުގެ ސަބްސިޑީއަށް 1.9 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
މިއަހަރު ސަރުކާރުން ޖުމްލަ ސަބްސިޑީއަށް ކުރާ ހޭދަ 11 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބެލެވެއެވެ. މިއީ މިދިޔަ އަހަރަށް ވުރެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އިތުރު އަދަދެކެވެ. މިދިޔަ އަހަރު ސަބްސިޑީއަށް 10 ބިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.
ފިއުލް ހެޖިންއާ ގުޅޭ އިދާރީ ހަރަދުތަކަށް މިއަހަރުގެ ބަޖެޓުގައި ވެސް 108 މިލިއަން ރުފިޔާ ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. މި ފިޔަވަޅުތަކަކީ ސަރުކާރުން ތެލަށް ކުރާ ހޭދަ ކުޑަކުރުމަށް އަޅަމުންދާ މުހިންމު ފިޔަވަޅުތަކެއް ކަމުގައި ބެލެވެއެވެ.
Leave a Reply