އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމުގެ ބިލުގެ މަސައްކަތް ފެބްރުއަރީއާ ހަމައަށް ދަންމާލަން ނިންމައިފި

އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދަންމާލަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)އިން މިއަދު ފާސްކޮށްފިއެވެ.

މިއަދުގެ 241 ކޮމިޓީއަށް މި ހުށަހެޅުން ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާނެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމެވެ. މީގެ އިތުރުން، ކޮމިޓީން ވަނީ ކަމާ ގުޅުން ހުރި އިދާރާތަކާ ބައްދަލުކޮށް، މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށްވެސް ނިންމާފައެވެ.

މި ބިލުގެ މަސައްކަތް ލަސްވަމުންދާތީ، އިދިކޮޅު އެމްޑީޕީން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިގޮތުން، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް ވަނީ އެ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ހުށަހަޅާފައެވެ. މި ގަރާރު ހުށަހަޅާފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ކުރިން ވެސް މި ބިލުގެ މަސައްކަތް ލަސްވާތީ އެމްޑީޕީން ކުއްލި މައްސަލަތައް ހުށަހަޅާފައިވީ ނަމަވެސް، އެ މައްސަލަތައް ބަލައިނުގަނެ މަޖިލީހުން ވަނީ ބޭރުކޮށްފައެވެ. އަދި ބިލު ހުށަހެޅުއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވަނީ ބިލު ލަސްވާ ސަބަބު ސާފުކުރުމަށް މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސިޓީއެއް ފޮނުއްވާފައެވެ.

މިހާރު ހުށަހަޅާފައިވާ ގަރާރުގައި، ބިލުގެ މަސައްކަތް އަވަސްކުރުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، ވީހާވެސް އަވަހަކަށް އެ ބިލުގެ މަސައްކަތް ނިންމާ ރައްޔިތުންގެ މަޖިލީހުން އެ ބިލު އަވަހަށް ފާސްކުރުމަށް ބާރުއަޅައިދިނުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ. އަދި އިޒްރޭލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށްޓަކައި ދެމުންދާ ހަމަލާތަކަށް އަހަރެއްވެގެން ދިޔައިރު، އެ މައްސަލާގައި އިޒްރޭލު ކުށްވެރިކުރުން ފިޔަވައި އެކަމާ ގުޅިގެން ހަރުދަނާ އެއްވެސް ފިޔަވަޅެއް އެޅުމަށް ސަރުކާރުން ނުކުޅެދިފައިވާ ކަމަށްވެސް ގަރާރުގައި ފާހަގަކޮށްފައިވެއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*