ބޭރު ފައިސާއާއި ބެހޭ ގާނޫނެއް ގެނެވި، ގަވައިދު މިހާރު އޮތް ގޮތަށް ތަންފީޒު ކުރެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެއަދަދު 1000 ޑޮލަރަށް 2026 ގައި ބަދަލު ކުރުމަށް މަގުފަހިވެގެން ދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިފަދައިން ވިދާޅުވީ ބޭރު ފައިސާގެ އާމްދަނީ ދިވެހިރާއްޖޭގެ ބޭންކް އެކައުންޓަކަށް ޖަމާކުރުމާއި ގުޅޭގޮތުން އެކުވާލާ ބިލަށް އާންމުގެ ހިޔާލަށް ހުޅުވާލާފައި ވަނިކޮށެވެ. އަދި އެކަމުގެ މައުލޫމާތު ދިނުމަށް މިއަދު އެމްއެމްއޭ ނޫސްވެރިންގެ ބައްދަލުވުމެއް ވެސް ބޭއްވި އެވެ.
އާންމުގެ ހިޔާލަށް އާންމު ކުރި ގަވައިދުގައި ވެސް ގަވައިދުގައި ބުނާ ކެޓަގަރީ އޭގައި ހިމެނޭ ރިސޯޓުތަކާއި ހޮޓާ އަދި ޓޫރިސްޓު އުޅަނދުތަކުން ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރުގެ ރޭޓުން ރާއްޖޭގެ ބޭންކަށް މާރު ކުރުމަށެވެ. އަދި ކެޓަގަރީ ބީގައި ހިމެނޭ ގެސްޓް ހައުސްތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް މާރު ކުރަން ޖެހޭނީ 25 ޑޮލަރެވެ. ހަމަހަމަ އުސޫލެއް ގެނައުމުގެ ގޮތުން ހަމައެކަނި ގެނައި ބަދަލަކީ އަލީ ހުސެއިން ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގައި ނުހިމެނޭ ފަރާތެއް ނަމަވެސް 20 މިލިއަން ޑޮލަރު އަހަރެއްގެ މައްޗަށް ލިނޭ ނަމަ އާމްދަނީގެ 25 އިންސައްތައަށް ވުރެ ބޮޑު ނުވާ އަދަދެއް ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާ ކުރަން އައު ކެޓަގަރީއެއް ހިމެނުމެވެ.
ބިލަށް ގެނައި ކުދިކުދި ބަދަލުތަކުގެ ތެރޭގައި ހިމެނެނީ ރާއްޖޭގައި 24 ގަޑިއިރު ހޭދަ ނުކުރާ ފަތުރުވެރިންނާއި، ދެ އަހަރުން ދަށުގެ ކުދިންގެ އިތުރުން ހިލޭ ނުވަތަ ކޮމްޕްލިމެންޓްރީކޮށް އަންނަ ފަތުރުވެރިންނެވެ.
ރައީސް މިއަދު ކުރެއްވި ޕޯސްޓުގައި ވިދަޅުވީ ގަވައިދު ތަންފީޒު ކުރުމަށް، ގާނޫނީ ބާރުވެރިކަން ދިނުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރައްވާފައިވާނެ ކަމަށެވެ. އަދި ވިދާޅުވީ ގާނޫނު ވުޖޫދު ކުރެވުމުން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރު ކުރެވިގެންދާނެ ކަމަށެވެ. އަދި ޓޫރިޒަމްގެ ދައިރާތައް ނޫން ދާއިރާތަކުން ވެސް ވަކިވަރަކަށް ވުރެ ގިނައިން ޑޮލަރުން އާމްދަނީ ލިބޭ ނަމަ ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް ހިމެނުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާ ކުރި ވަރަށް ވުރެ އިތުރުވެގެން ދާނެކަމަށެވެ.
މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެން ދާނީ ރައީސް ވިދާޅުވި ގޮތުގައި އާންމު ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެން ދިއުމެވެ.
ހަތަރުކަމެއް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް 2025 ގެ ޖުލައި މަހުން ފެށިގެން ގާއިމު ކުރެވިގެން ދާނެކަމަށެވެ. އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް އެ އަދަދު 2026 ގެ ފުރަތަމަ ކުއާޓަރުގައި 1000 ޑޮލަރަށް ބަދަލު ކުރެވޭނެކަމަށެވެ.
މީގެއިތުރުން އެ މުއްދަތުގެ ތެރޭގައި ކްރެޑިކް ކާޑުގެ ލިމިޓު ބޮޑު ކުރުމާއި، ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އަންނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިތުރު ކުރެވޭނެކަމަށް ވިދާޅުވި އެވެ.
Leave a Reply