ފެންބޮޑުވުމުގެ ސަބަބުން މެލޭޝިއާގައި މީހުން މަރުވެ، އެތައް ހާސް ބައެއްގެ ގެދޮރު ގެއްލިއްޖެ

މެލޭޝިޔާގެ އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ތިން މީހުން މަރުވެއްޖެއެވެ. ފެންބޮޑުވުމުގެ ސަބަބުން އެ ގައުމުގެ އެތައް ހާސް ބައެއްގެ ގެދޮރުވެސް ވަނީ ގެއްލިފައެވެ. ވިއްސާރަ މޫސުމާ ގުޅިގެން މެލޭޝިޔާގެ ގިނަ ސްޓޭޓްތަކަށް މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހެމުންދާއިރު، އެ ގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް މޫސުން ގޯސްވެ، ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމުގައެވެ.

ވިއްސާރަވުމުގެ ސަބަބުން ނުވަ ސްޓޭޓަކުން 94،778 މީހުން 527 ވަގުތީ ހިޔާތަކަށް ބަދަލުކޮށްފައިވާއިރު، ފެންބޮޑުވުމުގެ އަސަރު އެންމެ ބޮޑަށްކޮށްފައި ވަނީ ތައިލެންޑުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ކެލަންތަން އަދި ތެރެގަންނޫ ސްޓޭޓަށް ކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާތަކުން ހާމަކުރެއެވެ. އޭގެ އިތުރުން ކެޑަހް، ޕަރްލިސް، ޖޮހޯ އަދި ޕޭރާކުގެ ބޮޑު ސަރަހައްދެއްގައި ވެސް ވަނީ ފެންބޮޑުވެފައެވެ.

މެލޭޝިޔާގެ ބޮޑުވަޒީރުގެ ނައިބު އަޙުމަދު ޒާހިދު ޙަމީދީ ވިދާޅުވީ، 2014ވަނަ އަހަރު އެ ގައުމުގެ ސަރަހައްދުތަކަށް ކުރި ވިއްސާރައާ ގުޅިގެން ކުރިމަތިވި ހާލަތަށް ވުރެ ނުރައްކާތެރި ހާލަތެއް މި އަހަރު ކުރިމަތިވެދާނެ ކަމަށް ބެލެވޭ ކަމުގައެވެ. އެ އަހަރު ފެންބޮޑުވުމާ ގުޅިގެން 250,000 އަށްވުރެ ގިނަ މީހުންގެ ގެއަށް ފެންވަދެ، ހާލުގައި ޖެހުނެވެ. އަދި، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރަން ޖެހުނެވެ.

މީހުން ސަލާމަތްކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލު ކުރުމަށާއި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 82,000 އަށްވުރެ ގިނަ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައި ވެސް ޒާހިދު ވިދާޅުވިއެވެ.

މެލޭޝިޔާގެ އިރުމަތީ ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން، އެ ސަރަޙައްދުތަކުގައި ރޭލު ދަތުރުފަތުރުގެ ޚިދުމަތްތައް ވެސް ވަނީ މެދުކަނޑައިލާފައެވެ.

މެލޭޝިޔާއަށް އާންމު ގޮތެއްގައި ވިއްސާރަ ކުރަނީ އޮކްޓޫބަރު މަހުން މާރިޗު މަހާ ދެމެދުގައެވެ. ވިއްސާރަ މޫސުމުގައި، މެދުކެނޑުމެއް ނެތި ބޯކޮށް ވާރޭވެހުމާ ގުޅިގެން މެލޭޝިޔާގެ އިރުމަތީ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ފެންބޮޑުވުމަކީ އާންމު ކަމެކެވެ.

Be the first to comment

Leave a Reply

Your email address will not be published.


*