
އެމެރިކާއަށް ދެކުނު އެފްރިކާއިން ކަނޑައަޅާފައި ހުންނެވި ސަފީރު އެބްރަހިމް ރަސޫލް އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެކެ ރުޅިއަންނަ ބޭފުޅެއް ކަމަށް ބުނެ އޭނާ އެމެރިކާއިން ބޭރުކޮށްފިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ހުކުރު ދުވަހު ވިދާޅުވެފައިވަނީ ދެކުނު އެފްރިކާގެ ސަފީރު އެބްރަހިމް ރަސޫލް އަށް “އެމެރިކާއިން ދެން މަރުހަބާ ނުކިޔާނެ” ކަމަށެވެ. ރަސޫލް އަކީ އެމެރިކާއަށް ނަފްރަތުކުރާ އަދި ޓްރަމްޕަށް ނަފްރަތު ކުރާ އަދި ނަސްލީ ފިތުނަ އުފައްދާ ސިޔާސީ ބޭފުޅެއް ކަމަށް ވެސް ރޫބިއޯ ވިދާޅުވިއެވެ.
ދެކުނު އެފްރިކާގެ ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި މި ނިންމުމާ މެދު ހިތާމަކުރާ ކަމަށް ބުނެފައިވެއެވެ. އަދި މިކަމާ ގުޅުން ހުރި ހުރިހާ ފަރާތަކުން ވެސް “ޑިޕްލޮމެޓިކް އަހުލާގު” ދެމެހެއްޓުމަށް އިލްތިމާސްކޮށްފައިވެއެވެ.
ސަފީރުން ފޮނުވާލުމަކީ އެމެރިކާއިން ވަރަށް ނުކުރާ ކަމަކަށްވާތީ، މިހާރު ދެކުނު އެފްރިކާ އާއި އެމެރިކާއާ ދެމެދު މައްސަލަ ގޯސްވެފައިވާ މިންވަރު މި ނިންމުމުން ހާމަވެއެވެ. މީގެ ކުރިން، ދެކުނު އެފްރިކާގައި ހެދި ގާނޫނަކުން ދަނޑުވެރިންގެ ބިންތައް ދައުލަތަށް ގަދަބާރުން ނަގާ ކަމަށް ބުނެ މިދިޔަ މަހު އެމެރިކާއިން ވަނީ އެކަމާ ގުޅުވައި އެހީތައް ވެސް ކަނޑާލައިފައެވެ.
Leave a Reply