
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މި ރޯދަމަހުގެ ފަހު 10 ދުވަހަށް މާދަމާއިން ފެށިގެން މެދުކަނޑާލައިފިއެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދުގެ ޖަލްސާގައި އިއުލާން ކުރެއްވި ގޮތުގައި މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ އަންނަ މަހުގެ ހަތް ވަނަ ދުވަހުއެވެ. އެއީ ކުޑަ އީދު ބަންދަށް ފަހު ހުޅުވޭ ހަފުތާގެ ހޯމަ ދުވަހެވެ.
ރޯދަމަހުގެ ފަހު 10 އަށް މަޖިލިހުގެ ޖަލްސާތައް މެދުކަނޑާލާކަން އިއުލާން ކުރައްވަމުން އަބްދުއްރަހީމް ވަނީ ރޯދައިގެ އެންމެ މާތް ދުވަސްތަކުގައި ވެސް މަޖިލިސް މެންބަރުންނަކީ ރައްޔިތުންނަށް ނަމޫނާއަކަށް ވުމަށް އިލްތިމާސް ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާތައް ކުރިއަށް ގެންދާއިރު، ކުރިން ދައުރު ކުރުކޮށްލައި ރޯދަމަހަށް އެއްކޮށް މަޖިލިސް ބަންދުކުރަން ނިންމި ނަމަވެސް، އެކަމާ ފާޑުކިޔުން އަމާޒުވުމާ އެކު އެ ނިންމުން ވަނީ ބަދަލުކޮށްފައެވެ.
ރޯދަމަހުގެ ފަހު 10 ގެ އަޅުކަމަށް ފުރުސަތު ދިނުމުގެ ގޮތުން މާދަމާއިން ފެށިގެން ސަރުކާރު ބަންދުވާނެއެވެ. ފަހު 10 އާއި ކުޑަ އީދުގެ ބަންދަށް ފަހު، ދެން ސަރުކާރު ހުޅުވާނީ އަންނަ މަހުގެ ހައެއްގައެވެ.
Leave a Reply