ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ޓޯނަމަންޓްގެ އަންހެން ޑިވިޜަންގެ ތަށި ތިންވަނަ ފަހަރަށް ވެލިދޫ އެސް.ސީ ކާމިޔާބުކޮށްފި

ނ. ވެލިދޫގައި ކުރިއަށްދިޔަ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީބޯޅަ ޓޯނަމަންޓް” ގެ އަންހެން ޑިވިޜަންގެ ފޯރިގަދަ ފައިނަލް މެޗު ކާމިޔާބުކޮށް، މުބާރާތުގެ ތަށި ވެލިދޫ އެސް.ސީ އިން މިލްކުކޮށްފިއެވެ.

ރޭ ކުޅެވުނު ފައިނަލް މެޗުގައި ބައްދަލުކުރީ ވެލިދޫ އެސް.ސީ އާއި ފޮއްދޫ އެސް.ސީ އެވެ. ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ސެޓު 26-24 އިން ކާމިޔާބުކުރީ ވެލިދޫ އެސް.ސީ އެވެ. މެޗުގެ ދެވަނަ ސެޓުގައިވެސް ދެ ޓީމުގެ ފަރާތުން ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ނަމަވެސް، 27-25 އިން މި ސެޓުވެސް ކާމިޔާބުކުރީ ވެލިދޫ އެސް.ސީ އެވެ.

ދެ ސެޓު ބަލިވެފައި އޮތް ނަމަވެސް، ފޮއްދޫ އެސް.ސީ އިން ތިންވަނަ ސެޓަށް ނިކުތީ ވަރަށް ވަރުގަދަ އަޒުމަކާއެކުގައެވެ. އެގޮތުން ހިތްވަރުގަދަ ކުޅުމެއް ދައްކައި، ފޮއްދޫ އެސް.ސީ އިން ވަނީ 20-25 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް، މެޗުގެ ހަތަރުވަނަ ސެޓުގައި ވެލިދޫ އެސް.ސީ އިން ވަނީ އަލުން ކުޅުން ރަނގަޅުކޮށް 25-20 އިން ސެޓު ކާމިޔާބުކޮށް މެޗު ކާމިޔާބުކޮށްފައެވެ.

މި ކާމިޔާބީއާއެކު ވެލިދޫ އެސް.ސީ އަށް ވަނީ “ވިޒިޓް ވެލިދޫ އިންވިޓޭޝަން ވޮލީ ޓޯނަމަންޓް” ގެ ތަށި ދާއިމީކޮށް މިލްކުވެފައެވެ. އެއީ 2024، 2025 އަދި 2026 ވަނަ އަހަރު ޖެހިޖެހިގެން ތިން އަހަރު މި މުބާރާތުގެ ޗެމްޕިއަންކަން އެ ޓީމުން ހޯދާފައިވާތީއެވެ.

މިއީ ނ.ވެލިދޫ އެސް.ސީ ވޮލީ ޓީމް އަށް ލިބުނު ރަނުގެ ފުރުސަތެކެވެ. އަދި އިތުރު ހިތް ވަރެކެވެ

Be the first to comment

Leave a Reply

Your email address will not be published.


*