ޔާނާ 06

ޔާނާގެ ދިރިއުޅުމަކީ ހިތާމައާއި އުއްމީދުގެ މަސްހުނި ގަނޑެކެވެ. ޒައިންއާ ކައިވެނިކޮށްގެން އުޅުނު ނަމަވެސް، އޭނާގެ ހިތުގެ ކަނެއްގައި އަބަދުވެސް ރަސްކަން ކުރަމުން އައީ ޒަކުވާންއެވެ. ޒައިންއަކީ އޯގާތެރި ފިރިއެކެވެ. ޔާނާގެ ހިތުގެ ހާލަތު އެންމެ ރަނގަޅަށް އެނގޭނެ މީހަކީވެސް އެއީއެވެ.

މަ މި ކޯސް ނިންމާފަ، ޔާނާ އެންމެ އުއްމީދު ކުރަމުން އަންނަ ކަންތައް ކޮށްދޭނަން. ބާކީ އެބައިން ދެ މަސް،” ޒައިން އެއްދުވަހަކު ޔާނާގެ އަތުގައި ހިފާލަމުން ބުންޏެވެ.

ޒައިންގެ އެ ބަސްތަކުން ޔާނާގެ ހިތުގައި އައު އުއްމީދެއް އުފެދުނެވެ. ދެމަސް ދުވަހުގެ އިންތިޒާރަށްފަހު، އޭނާގެ ހަޔާތުގެ ބަނަކަން ފިލައި، ޒަކުވާންއާއެކު އައު ފެށުމެއް ފެށޭނެ ކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފެށިއެވެ. ޒައިންގެ މާތްކަމާއި އޭނާއަށްޓަކައި ވާ ގުރުބާނީ ފެނި ޔާނާ ބައެއްފަހަރު ލަދުގަނެއެވެ.

“އަހަންނަށް އިހުސާސް ކުރެވެނީ، ޔާނާ އަހަންނަށްވުރެ ޒަކުވާން ދެކެ ލޯބިވާހެން،” ޒައިން މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. އެހެން ބުނުމާއެކު ޔާނާގެ ހިތަށް ބަހާރު މޫސުން އައި ކަހަލައެވެ. ޔާނާ އުއްމީދު ކޮށްގެން ހުރި ކަންތައް ހާސިލު ކުރެވުމުގެ ވަގުތު ކައިރިވަމުން އަންނާތީއެވެ.

ތިން މަސް ފަސް…

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓަށް މަތިންދާބޯޓު ޖެއްސި ވަގުތެވެ. ރާއްޖެއިން ބޭރުގައި ކޯސް ނިންމާލުމަށްފަހު ޒައިންއާއެކު ޔާނާ އެނބުރި އައީ އައު ހަޔާތެއްގެ އުއްމީދުގައެވެ. މީހުން އެމީހުންގެ ލަގެޖް ހިފައިގެން ޓެކްސީއެއް ހޯދުމަށް ޓާމިނަލުން ނުކުތެވެ.

ޓާމިނަލުން ނިކުތް ދޮރު ކައިރީގައި ޔާނާއަށް ހީވެސް ނުކުރާ ކަމެއް ފެނިގެން ދިޔައެވެ. އެއީ ޒަކުވާން ޔާނާ ބަލާ އައުމެވެ. ފުރަތަމަވެސް ބަލާލެވުނީ ޒައިންގެ މޫނަށެވެ. ޒައިން އުފަލާއެކު ހިތްހަމަޖެހިލައިގެން ހުރެ ބޯ ޖަހާލިއެވެ.

“މިއީ އަހަރެން ދިން ސަޕްރައިޒެއް ކަމަށް ބަލާ…” ހިނިތުންވަމުން ޒައިން ބުނެލިއެވެ.

“އައި… އެމް ސޮރީ… އިނގޭ ދޯ،” ޔާނާއަށް ވާހަކަ ދެއްކުނީ ހުއްޓަހުއްޓައިގެންނެވެ. އޭނާގެ ދެލޯ ވަނީ އުފަލުން ފުރިފައެވެ

ގެޔަށް އާދެވިއްޖެއެވެ. ޔާނާއާއި ޒަކުވާން ޓެކްސީއަށް އެރުވި އެއްޗެހިތައް ނަގައިފިއެވެ. ޒައިންވެސް އޭރު ސައިކަލުގައި އައިސް ގެއަށް ވަދެއްޖެއެވެ. ޔާނާގެ ހަޔާތުގެ އައު ބާބެއް މިއަދު މިވަނީ ފެށިފައެވެ. ޒައިންގެ މާތް އަޚުލާގާއި، އޭނާ ވީ ގުރުބާނީގެ ސަބަބުން ޔާނާގެ ހިތުގައި ޒައިންއަށް އޮތް ގަދަރު އެތައް ގުނައަކަށް އުފުލިގެން ދިޔައެވެ. އޭނާ އެންމެ ލޯބިވި ޒަކުވާންއާއެކު އުޅުމުގެ ފުރުސަތު ހޯދައިދިނީ ހަމަ އެ ޒައިންއެވެ.

Be the first to comment

Leave a Reply

Your email address will not be published.


*