2025 ވަނަ އަހަރުގެ ފަހުކޮޅުގެ ދުވަސްތަކެވެ. ރަށުތެރެއަށް ވެރިވެފައިވަނީ އާދަޔާ ޚިލާފު މާހައުލެކެވެ. ގަސްތަކުގެ ތެރެއިން މެދުނުކެނޑި އިވެމުންދާ ކާޅާއި ކޮވެލީގެ އަޑުތަކުން މުޅި މާހައުލު ވަނީ ގުގުމާލާފައެވެ. އެއީ ރަށްފުށުގެ ދިރިއުޅުމުގެ އެއްބައި ކަމުގައި ވިޔަސް، އެ އަޑުތަކުގައި ކޮންމެވެސް ކަހަލަ ނުތަނަވަސްކަމެއް އެކުލެވިގެންވާ ކަހަލައެވެ.
ޒަކުވާންއަކީ އުމުރުން 27 އަހަރުގެ ހީވާގި ޒުވާނެކެވެ. އަމިއްލަ މަސައްކަތުން ކުޑަ ވިޔަފާރިއެއް ފަށައި، އެކަން ކާމިޔާބުކަމާއެކު ހިންގަމުން އަންނަ ޒަކުވާންއަކީ ރަށުގެ ގިނަ ބައެއްގެ އިޙްތިރާމް ހޯދާފައިވާ މީހެކެވެ. އޭނާގެ ޒުވާންކަމުގެ ފޮނި މީރުކަމާއި ހިތްހަމަޖެހުން ލިބެމުންދަނީ ރަށްފުށުގެ މި ހަމަހިމޭން މާހައުލުންނެވެ. ކިތަންމެ ބުރަކޮށް އުޅުނަސް، ރަށުގެ ވަޔާއި ފިނިކަމުން އޭނާގެ ހިތަށް ބަޔާން ނުކުރެވޭފަދަ އުފާވެރިކަމެއް ލިބެއެވެ.
ނަމަވެސް ޒަކުވާންގެ މާޒީއަކީ އެހާ އަމާން މާޒީއެއް ނޫނެވެ. އޭނާގެ ދިރިއުޅުމުގެ އެކި މަރުހަލާތަކުގައި އެތަކެއް ހިތްދަތި ކަންތައްތަކަކާއި ބިރުވެރި ހާދިސާތަކެއް ވަނީ ތަހައްމަލުކޮށްފައެވެ. އެ ހަނދާންތަކަކީ ބައެއް ރޭރޭ އޭނާގެ ނިދި ނަގާލާ ކަންތައްތަކެވެ. އެހެންކަމުން، އެކަނިވެރިވާ ވަގުތުތަކުގައި އެ ބިރުވެރިކަން އޭނާގެ ހިތުގައި ބަސްބުނާ ފަހަރު އާދެއެވެ.
އާދައިގެ މަތިން ޒަކުވާންއަކީ ރައްޓެހިންނާއެކު ސައިކަލު ބުރުޖަހާލަންދާ ހިތްވާ މީހެކެވެ. އެކަމަކު މިރޭ ކަންތައް ވީ ތަފާތު ގޮތަކަށެވެ. ގަޑިން ރޭގަނޑު 10:30 ވާން ކައިރިވެފައި ހުއްޓެވެ. މުޅި ރަށަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. އެހާ ދަންވަމުންދާތީ، ނިދާފައި ތިބެދާނެތީވެ، އެއްވެސް ރަހުމަތްތެރިއަކަށް ގުޅާކަށް އޭނާ ބޭނުމެއް ނުވިއެވެ.
ނަމަވެސް ގޭގައި އެކަނި އިނުމުން ފޫހިވާތީ، ޒަކުވާން ނިންމީ އެކަނި ސައިކަލު ބުރުޖަހާލަން ދިއުމަށެވެ. އޭނާ ސައިކަލަށް އަރައި މަޑުމަޑުން ދުއްވާލިއެވެ. މަގުތަކުގެ ބައްތިތަކުގެ ފަނޑުއަލީގެ ތެރެއިން އޭނާ ދަތުރުކުރަމުން ދިޔައިރު، ރަށުތެރެއިން ކުރިން އިވުނު ކާޅާއި ކޮވެލީގެ އަޑުތައް މިހާރު ވަނީ މުޅިން ކެނޑިފައެވެ. މުޅި މާހައުލަށް ވެރިވެފައިވަނީ ބިރުވެރި ހަމަހިމޭންކަމެކެވެ. ޒަކުވާންގެ ހިތަށް ނޭނގޭ ބިރުވެރިކަމެއް ވަންނަން ފެށީ އެވަގުތެވެ. އޭނާއަށް ނޭނގުނު ކަމަކީ، މިރޭގެ މި ދަތުރަކީ އޭނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ދަތުރެއް ކަމެވެ.

Leave a Reply