ލުބްނާނުގެ ދެކުނުގައި އިޒްރޭލުން ދިން ހަމަލާތަކުގައި ހަތަރު މީހުން މަރުވެއްޖެ

ކިޔާލާ.ކޮމް

ބައިރޫތު، ލުބްނާން: އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ލުބްނާނުގެ ދެކުނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި ހަތަރު މީހުން މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެ ކަމަށް ލުބްނާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

ލުބްނާނުގެ ރަސްމީ ނޫސް އޭޖެންސީ (އެންއެންއޭ) އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން ދިން މި ހަމަލާތަކުގައި މަރުވި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ދިޔަ ދެ ޑޮކްޓަރަކަށް ވެސް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ޑޮކްޓަރުން ޒަޚަމްވީ ނަބާތީހްގެ ތޫލްގައި ހުންނަ އިސްލާމިކް ހެލްތު ސޮސައިޓީއާ ގުޅުން ހުރި ސިވިލް ޑިފެންސް ޓީމަކަށް އިޒްރޭލުން އަމާޒުކުރި ވައިގެ ހަމަލާއެއްގައެވެ.

ހަމަލާތަކުގެ ތަފްސީލަށް ބަލާއިރު، ނަބާތީހްގެ އެބާ ޓައުންއަށް ދިން ވައިގެ ހަމަލާއެއްގައި ދެ މީހުން މަރުވެ ފަސް މީހަކު ޒަޚަމްވިއެވެ. އަދި ބިންޓް ޖަބެއިލް ޑިސްޓްރިކްޓްގެ ހާރިސް ޓައުންގައި ދުއްވާފައި ދިޔަ ކާރަކަށް އިޒްރޭލުގެ ޑްރޯން ހަމަލާއެއް އަމާޒުވުމުން އެކަކު މަރުވެ، އޭނާގެ ބޭބެ ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.

މީގެ އިތުރުން، އިޒްރޭލުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން ވަނީ ސާޖުދުގެ ކުރީގެ މުނިސިޕަލް ވެރިޔާގެ ގެކޮޅަށާއި، ކަފަރު ރުމާން އަދި ސަފާދު އަލް ބަތިޚްގެ އެކި ސަރަހައްދުތަކަށް ބޮން އަޅާފައެވެ. މި ހަމަލާތަކުގައި ލިބުނު ގެއްލުންތަކުގެ ފުރިހަމަ މައުލޫމާތެއް އަދި ލިބިފައެއް ނުވެއެވެ.

މަޖުބޫރުން ގެދޮރު ދޫކޮށްދިއުމުގެ އިންޒާރު

މި ހަމަލާތައް ދިނުމުގެ ކުރިން އިޒްރޭލު ސިފައިން ވަނީ ލުބްނާނުގެ ދެކުނުގެ ނުވަ ރަށެއްގެ ރައްޔިތުންނަށް ގެދޮރު ދޫކޮށް ދިއުމަށް އަމުރުކޮށްފައެވެ. މީގެ ތެރޭގައި ނަބާތީހުގެ ރިހާން، ޖަރްޖޫ، ކަފަރު ރުއްމާން، ނަމައިރިއޭ، އަރަބްސަލީމް، ހަރޫފްގެ އިތުރުން އިރުމަތީ ލުބްނާނުގެ ޖަމައިޖްމޭހް، މަޝްގަރާ އަދި ޤުލާޔާ ހިމެނެއެވެ.

އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާން އަވިޗޭ އަދްރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ސަރަހައްދުތަކުގައި ހިޒްބުاللهގެ އިންފްރާސްޓްރަކްޗާ ހުރި ކަމަށް ބަލައި އެތަންތަން ހުސްކުރަން ޖެހޭ ކަމަށެވެ

ލުބްނާނުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި ލުބްނާނުން މިހާތަނަށް 2,840 އަށް ވުރެ ގިނަ މީހުން މަރުވެ، 8,700 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެތައް މިލިއަން ބަޔަކު ވަނީ ގެދޮރު ދޫކޮށް ހިޖުރަކުރަން މަޖުބޫރުވެފައެވެ.

މި ހަމަަނުޖެހުންތަކަށް ހައްލެއް ހޯދުމަށް އެމެރިކާ އިސްވެ އޮވެ، އިޒްރޭލާއި ލުބްނާނާ ދެމެދު ސުލްހައިގެ މަޝްވަރާތައް ބުރާސްފަތި އަދި ހުކުރު ދުވަހު ވޮޝިންޓަންގައި ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް، ހިޒްބުالله އިން ވަނީ މިކަމުގައި ލުބްނާނުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކަށް ފާޑުކިޔާފައެވެ.

Be the first to comment

Leave a Reply

Your email address will not be published.


*