އިންޑިއާގެ މަޝްހޫރު އެކްޓަރު ރާމް ޗަރަން އާއި ޖާންވީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު “ޕެޑީ” ރިލީޒްކުރުމަށް ތައްޔާރުވަމުންދާއިރު، އެ ފިލްމުގެ މިއުޒިކް ލޯންޗްކުރުމުގެ ބޮޑު އިވެންޓް މި މަހުގެ 23 ވަނަ ދުވަހު އިންޑިއާގެ ބޯޕާލްގައި ބޭއްވުމަށް ޕްރޮޑިއުސަރުން ނިންމައިފިއެވެ.
މި ފިލްމުގެ މިއުޒިކާ މެދު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މި ދަނޑިވަޅުގައި، ފިލްމުގެ ޓީމުން ވަނީ ސޯޝަލް މީޑިއާގައި މިކަން އިއުލާންކޮށް ޚާއްޞަ ޕްރޮމޯޝަނަލް ވީޑިއޯއެއް އާންމުކޮށްފައެވެ. އެގޮތުން “މި މަހުގެ 23 ވަނަ ދުވަހުން ފެށިގެން ބޯޕާލްގައި #SoundOfPeddi ގުގުމާލާނެ” ކަމަށް ބުނެ، ފޭނުން މި އިވެންޓަށް ތައްޔާރުވުމަށް އެ ޓީމުން ވަނީ އެދިފައެވެ.
ދުނިޔޭގެ މަޝްހޫރު މިއުޒިކް ކޮމްޕޯޒަރު އޭ.އާރް ރަހްމާން މިއުޒިކް ތައްޔާރުކޮށްދީފައިވާ މި ފިލްމުގެ ދެ ލަވައެއް މިހާތަނަށް ވަނީ އާންމުކޮށްފައެވެ. އޭގެ ތެރެއިން ފުރަތަމަ ސިންގަލް “ޗިކިރީ ޗިކިރީ” އާއި ދެވަނަ ލަވަ “ރާއީ ރާއީ ރާ” އަށް އާންމުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މި ލަވަތަކުގެ ހިތްގައިމު މަންޒަރުތަކާއި ކޮރިއޮގްރަފީއަށް ގިނަ ބަޔަކު އަންނަނީ ތައުރީފު ކުރަމުންނެވެ.
މީގެ ކުރިން މި ފިލްމުގެ ޓްރެއިލާ ލޯންޗްކުރުން މި މަހުގެ 16 ވަނަ ދުވަހު ބޯޕާލްގައި ބޭއްވުމަށް ތާވަލުކުރި ނަމަވެސް، މިހާރު ވަނީ އެ ޕްލޭން ބަދަލުކޮށްފައެވެ. އާ ޕްލޭނާ އެއްގޮތަށް ފިލްމުގެ ޓްރެއިލާ ލޯންޗްކުރުން އޮންނާނީ މި މަހުގެ 18 ވަނަ ދުވަހު މުމްބާއީގައެވެ.
ބުޗީ ބާބޫ ސަނާ ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ރާމް ޗަރަން އާއި ޖާންވީގެ އިތުރުން، ޝިވާ ރާޖްކުމާރު، ޖަގަޕަތީ ބާބޫ އަދި ދިވްޔެންދޫ ޝަރްމާ ފަދަ ތަރިން ފެނިގެންދާނެއެވެ. “ޕެޑީ” އަކީ ވްރިދީ ސިނަމާސް އާއި މައިތްރީ މޫވީ މޭކާސް ގުޅިގެން ވެންކަޓާ ސަތިޝް ކިލާރު ޕްރޮޑިއުސްކުރާ ފިލްމެކެވެ.
މި ފިލްމު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޕްރިމިއާކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގެ 3 ވަނަ ދުވަހުއެވެ. އުތުރު އިންޑިއާގައި މި ފިލްމު ޑިސްޓްރިބިއުޓް ކުރާނީ ޖިއޯ ސްޓޫޑިއޯސް އިންނެވެ.

Leave a Reply