ކޮޓަރީގެ ކަނެއްގައި ހުރި ފުސް އަނދިރިގަނޑަށް ބަލަހައްޓައިގެން ހުރި ޒަކުވާން އަމިއްލަ ނަފްސަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ. އެއީ އޭނާއަށް ކުރެވުނު ކުށް ހީއަކަށް ވެދާނެ ކަމަށް ގަބޫލުކުރަން އޭނާ ބޭނުންވިއެވެ. ބިރުގަތްލެއް ބޮޑުކަމުން ސިކުނޑި ކުޅެމުންދާ ކުޅިވަރެއް ކަމަށް އޭނާ އުންމީދު ކުރިއެވެ. އެހެންނަމަވެސް، އެ ފިނިފިނި ރޭގައިވެސް އޭނާގެ ނިތްކުރިން ފައިބަމުންދިޔަ ދާތިކިތަކާއި، ހިތުގެ ނުތަނަވަސްކަން ބުނެދެނީ އެހެން ވާހަކައެކެވެ. އެ ކަޅު ހިޔަނީގެ ހިޔަނި އަދިވެސް އޭނާއާ ވަކިނުވާ ކަހަލައެވެ. ކޮންމެ ދިމާލަކަށް ބަލާލިޔަސް، އެ ބިރުވެރި އިޙްސާސް އޭނާ ވަށާލާފައިވެއެވެ.
ޒަކުވާންގެ އެ ބިރުވެރިކަމާއި ހިތް ނުތަނަވަސްކަން ފިލައި ދިޔައީ ފަތިސް ނަމާދުގެ ބަންގީގެ ރީތި އަޑު ކަންފަތުގައި ޖެހުމުންނެވެ. އެ އަޑާއެކު އޭނާގެ ހިތަށް ބުނެދޭން ނޭނގޭ ފަދަ ހަމަޖެހުމެއް ލިބުނެވެ. ޒަކުވާން އަވަސްވެގަތީ ފަތިސް ނަމާދު ކުރުމަށެވެ. އޭނާ އަވަސް އަވަހަށް ފާޚާނާއަށް ވަދެ، ވުޟޫކޮށް ތާޒާވެލައިގެން ނުކުތެވެ. ރީތިވެލައިގެން އޭނާ މިސްކިތަށް ދިޔައީ ހިތުގައިވާ ބިރުވެރިކަން މުޅިން ފިލުވައިލަމުންނެވެ.
އިރުގެ ރަން އަލިކަން ދުނިޔެއަށް ފާދާލި ވަގުތު، މުޅި މާޙައުލަށް އޮތީ އާދިރުމެއް އައިސްފައެވެ. ރަށު ތެރެއިން އިވެމުންދަނީ ކާޅާއި ކޮވެލީގެ ގޮވުންތަކުގެ އަޑެވެ. ފަތިސް ނަމާދު ކޮށްލައިގެން ޒަކުވާން އައިސް އާއްމުކޮށް ކުރަމުން އަންނަ ކަމަކީ އިރުކޮޅަކު ނިދާލުމެވެ. ރޭގަނޑުގެ ބިރުވެރިކަމަށްފަހު ލިބުނު ހަމަޖެހުމުގައި ޒަކުވާން އޮތީ ނިދިފައެވެ.
ކުއްލިއަކަށް ފޯނުގެ އެލާމްވާ އަޑު އިވުމުން ޒަކުވާން ސިއްސައިގެން ގޮސް ތެދުވިއެވެ. އޭރު ގަޑިން ހެނދުނު 7:20 ވެއްޖެއެވެ. އޭނާ އަވަސްވެގަތީ އޮފީހަށް ދާން ތައްޔާރުވާށެވެ. ފެންވަރާ ތައްޔާރުވެލައިގެން، ސައިކަލު ކައިރިއަށް ގޮސް އިންޖީން ހިންގާލިއެވެ.
އޭރު ރަށުގެ މީހުން އެކި މަސައްކަތުގައި އުޅެމުން ދިޔައެވެ. މަގުމަތިން ފެންނަނީ ކުނިކަހާ މީހުން އެމީހުންގެ ދުވަހުގެ މަސައްކަތުގައި ބުރަވެ އުޅޭ މަންޒަރެވެ. އަދި އަތިރިމަތީ ފަރާތުން މަހަށްދާ މީހުން އޮޑިދޯނިފަހަރަށް އަރައިގެން ފުރަން ތައްޔާރުވަމުން ދިޔައެވެ. ރޭގަނޑުގެ އެ ބިރުވެރި “ކަޅު ހިޔަނި” މަތިން މިހާރު ޒަކުވާން ހަނދާނެއް ނެތެވެ. އޭނާގެ ކުރިމަތީގައި އޮތީ އާ ދުވަހެއްގެ އާ ފެށުމެކެވެ.
އޮފީހުގެ ބުރަ މާޙައުލުގައި މަސައްކަތްތަކާއިގެން އުޅެމުން ދިޔަ ވަގުތު، ސިކުނޑި ތާޒާކޮށްލައި ބޯ ހަމަޖައްސާލުމަށްޓަކައި ޒަކުވާން އޮފީހުން ބޭރަށް ނިކުމެލިއެވެ. މަގުމަތީގެ ހަލަބޮލިކަމާއި ތާޒާ ވައިރޯޅިތަކުގެ ތެރެއިން އޭނާގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބުނެވެ. ނަމަވެސް، މަގުގެ އަނެއް ފަރާތަށް ނަޒަރު ހިންގާލި ވަގުތު، ޒަކުވާންގެ ލޮލުގައި އަޅައިގަތީ މާ ދުރުން ފެންނަން ހުރި ކުޑަވަރެއްގެ އަންހެން ކުއްޖެކެވެ.
އެ ކުއްޖާ ހުރީ މަގުގެ ކަނެއްގައި ހުރި ބޮޑު ގަހެއްގެ ހިމާޔަތުގައެވެ. ޒަކުވާންގެ ހިތުގައި ކުއްލިއަކަށް ބިރުވެރިކަމުގެ ރާޅެއް ބާނީވެލީ، އެ ކުއްޖާ ލައިގެން ހުރި ހެދުމާއި، ހުރި ގޮތުން ރޭގަނޑު އޭނާއަށް ފެނުނު ކަޅު ހިޔަންޏާ ކޮންމެވެސް ގުޅުމެއް ހުރިހެން ހީވުމުންނެވެ. އެ ކުއްޖާ ހުރީ އިސްޖަހާލައިގެން ކަމަށްވިޔަސް، އޭނާ ބަލަމުން ދިޔައީ ސީދާ ޒަކުވާނާ ދިމާލަށް ކަހަލައެވެ. ކައިރީގައި މީހުން ހަރަކާތްތެރިވަމުން ދިޔައިރުވެސް، އެ ކުއްޖާގެ ކިބައިން ފެންނަނީ އާދަޔާ ޚިލާފު މައުސޫމްކަމަކާއި އެކުވެފައިވާ ބިރުވެރިކަމެކެވެ. ޒަކުވާން އެ ދިމާލަށް ފިޔަވަޅެއް އަޅާލިތަނާހެން، އެ ކުއްޖާ ގަސްތަކުގެ ތެރެއަށް ވަދެ ގެއްލިއްޖެއެވެ.

Leave a Reply