ޔޫރަޕްގައި ނަކްބާގެ ހަނދާނީ ހަރަކާތް: މަގުތަކުން ފެށިގެން ސްޓޭޑިއަމްތަކާއި އާޓް ވެނިއުތަކަށް

ކިޔާލާ.ކޮމް (ފަލަސްތީން)

ޣައްޒާއާއި ހުޅަނގު އައްސޭރީގައި އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ އަމަލުތަކާއި، ލޭއޮހޮރުވުންތަކާ ދެކޮޅަށް މުޅި ދުނިޔޭގައި އަޑުއުފުލަމުންދާ މިދަނޑިވަޅުގައި، ފަލަސްޠީނުގެ ނަކްބާއަށް 78 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ޔޫރަޕްގެ އެކި ޤައުމުތަކުގައި ބޮޑެތި މުޒާހަރާތަކާއި ހަރަކާތްތަކެއް ބާއްވައިފިއެވެ.

މީގެ ދެ އަހަރު ކުރިން ޣައްޒާގައި ހަނގުރާމަ ފެށުނު ފަހުން، ފަލަސްޠީނުގެ ހައްގުގައި ކުރެވޭ ވަކާލާތުތައް ވަނީ މުޅި ދުނިޔެއަށް ފެތުރިފައެވެ. ވަކިން ހާއްސަކޮށް، މިއަހަރުގެ ނަކްބާ ދުވަހާ ދިމާކޮށް ބޭއްވި ޔޫރޯވިޝަން ލަވަ މުބާރާތުގެ ފޯރިއަށްވުރެ ބޮޑަށް، ޣައްޒާގައި ހިންގާ ޖަރީމާތަކާ ދެކޮޅަށް އުފުލި އަޑުތައް ވަނީ ގަދަވެފައެވެ. ކޮންމެ އަހަރެއްގެ މެއި މަހުގެ 15 ވަނަ ދުވަހު ފާހަގަކުރާ ނަކްބާ ދުވަހަކީ، 1948 ވަނަ އަހަރުން ފެށިގެން ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ވަޒަނުން ބޭރުކޮށްލުމާ ގުޅިގެން، އެނބުރި ވަޒަނަށް އައުމުގެ ހައްގު ހޯދުމަށް ގޮވާލާ ދުވަހެކެވެ.

ލަންޑަނާއި ސްޓޮކްހޯމްގެ މަގުތަކުގައި ފަލަސްޠީނުގެ ދިދަ

އިނގިރޭސިވިލާތުގެ ލަންޑަންގެ ވިކްޓޯރިއާ އެންޑް އަލްބާޓް މިއުޒިއަމް ކައިރިން ފެށި ބޮޑު ހިނގާލުމެއްގައި އެތައް ހާސް ބަޔަކު ބައިވެރިވިއެވެ. މި ހިނގާލުމުގެ ހާއްސަ ކަމަކީ، ގިނަ އަދަދެއްގެ ޔަހޫދީންނާއި ރާބީން ބައިވެރިވެ، އިސްރާއީލަކީ ޔަހޫދީ ދީން ތަމްސީލުކުރާ ގައުމެއް ނޫން ކަމަށާއި ފަލަސްޠީނު މީހުންނަށް އެމީހުންގެ ބިމަށް އެނބުރި އައުމުގެ ހައްގު އޮންނަންޖެހޭނެ ކަމަށް ގޮވާލުމެވެ.

ހަމައެފަދައިން، ސްވިޑްންގެ ވެރިރަށް ސްޓޮކްހޯމްގެ އޮޑެންޕްލޭން ސްކޮޔާއަށް އެތައް ހާސް ބަޔަކު އެއްވެ، ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ގޮވާލިއެވެ. މި އެއްވުމުގައި ޔަހޫދީ އެންޓި-ޒަޔަނިސްޓް އެލަޔަންސްގެ މަންދޫބު ޖޮނަތަން ކީ ވިދާޅުވީ، ފަލަސްޠީނު އަޅުވެތިކުރުން ފެށުނީ އޮކްޓޯބަރު 7 ގައެއް ނޫން ކަމަށާއި، އެއީ މީގެ 80 އަހަރު ކުރިން ފެށިގެން ހިނގަމުންދާ ކަމެއް ކަމަށެވެ.

ފަންނުވެރިކަމާއި ކުޅިވަރުގެ ތެރެއިން ނަކްބާގެ ހަނދާންތައް

އޮސްޓްރިއާގައި ފަލަސްޠީނަށް ތާއީދުކުރާ ޖަމާއަތްތަކުން ވަނީ “ވީ އާ ނޮޓް ނަންބާސް” ގެ ނަމުގައި ހާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި އިސްރާއީލުގެ ހަމަލާތަކުގައި ޝަހީދުވި މީހުންގެ ނަންތައް ލިޔެފައިވާ ދިގު ޕޯސްޓަރެއް ވަނީ ދައްކާލާފައެވެ.

ސްޕެއިނުގެ މަޝްހޫރު އެކްޓަރު ހަވިއޭ ބާޑެމްވެސް ވަނީ ނަކްބާ ދުވަހާ ގުޅިގެން ވަރުގަދަ މެސެޖެއް ދީފައެވެ. އދ. ގައި ބޭއްވި ފިލްމު ސްކްރީނިންއެއްގައި ވާހަކަދައްކަމުން އޭނާ ބުނީ، ނަކްބާ އަކީ ނިމިފައިވާ ކަމެއް ނޫން ކަމަށާއި، މިއަދުވެސް ޣައްޒާއާއި ހުޅަނގު އައްސޭރީގައި އެކަން ތަކުރާރުވަމުންދާ ކަމަށެވެ. ބާޑެމް ވަނީ އިސްރާއީލުން ހިންގާ ނަސްލު ނައްތާލުމުގެ ސިޔާސަތުތައް ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ.

ކުޅިވަރުގެ ދާއިރާއިން ބަލާއިރު، ތުރުކީގެ ގަލަޓަސަރާއީއަށް ކުޅޭ ފްރާންސްގެ ކުޅުންތެރިޔާ ސަޗާ ބޮއޭ އާއި، ބާސެލޯނާގެ ޒުވާން ތަރި ލަމީން ޔަމާލް ވަނީ ފަލަސްޠީނުގެ ދިދަ ހިފައިގެން އެ ގައުމުގެ ރައްޔިތުންނަށް އޮތް ތާއީދު ހާމަކޮށްފައެވެ. މި ހުރިހާ ހަރަކާތްތަކަކުންވެސް ހާމަވަނީ، ފަލަސްޠީނުގެ މިނިވަންކަމަށް ގޮވާލާ އަޑުތައް ޔޫރަޕްގެ ކަންކޮޅުތަކުގައި ކުރިއަށްވުރެ ބާރަށް އުފުލެމުންދާ ކަމެވެ.

Be the first to comment

Leave a Reply

Your email address will not be published.


*