އިރު އޮއްސި، މުޅި ދުނިޔެ އަނދިރިކަމުގެ ތެރެއަށް ގެނބެމުން ދިޔަ ވަގުތެވެ. މަގުމަތީގައި ހުރި ޒަކުވާންގެ ހިތަށް ވެރިވި ބިރުވެރިކަން ދިޔައީ ވަގުތަކަށްފަހު ވަގުތަކަށް އިތުރުވަމުންނެވެ. އޭނާއަށް އިހުސާސް ކުރެވެމުން ދިޔައީ އެ ބިރުވެރި ކަޅު ހިޔަނި އަދިވެސް އޭނާގެ ފަހަތުން އަންނަ ކަމެވެ. ކޮންމެ ފަހަރަކު ފަސްބަލާލާއިރު ފެންނަނީ ހުސް މަގެއް ނަމަވެސް، އޭނާގެ ކަންފަތް ކައިރީގައި މީހަކު ނޭވާލާ ފަދަ އިހުސާސެއް ކުރެވެމުން ދިޔައެވެ. އެއީ ހަމަ ހަގީގަތުގައިވެސް ކަޅު ހިޔަންޏެއް އޭނާގެ ފަހަތުން އައިސް، މުޅި ދިރިއުޅުމަށް ވެރިވެގަތީ ހެއްޔެވެ؟
މި ބިރުވެރި ވާހަކަތައް ހިއްސާ ކުރާނެ މީހެއް ޒަކުވާންގެ ގާތަކު ނެތެވެ. “ޒަކުވާން…” ކުއްލިއަކަށް މީހަކު އޭނާގެ ނަމުން މުހާތަބު ކުރި ކަހަލައެވެ. އެއީ މަޑުމައިތިރި، ނަމަވެސް ހިތް ހުއްޓޭ ފަދަ އަޑެކެވެ. ކުރިމަތިން ފެނިގެން ދިޔައީ މިއަދު އޮފީސް ކައިރީގައި ހުރި ގަސްބުޑު ކައިރިން އޭނާއަށް ފެނުނު ކުޑަ އަންހެން ކުއްޖާއެވެ. އެ ކުއްޖާ ލައިގެން ހުރީ ރަތް ކުލައިގެ ހެނދުމެކެވެ.
އިރުއޮއްސެމުން ދިޔަ ވަގުތު ކަމުން، ހަވީރު ފިންޏަށް ނިކުމެ އުޅުނު މީހުންތައް އަވަސް އަވަހަށް ގެޔަށް ވަންނަމުން ދިޔައެވެ. ޒަކުވާންގެ ހިތަށް އަރަމުން ދިޔަ ހެޔޮ އެއްޗެހި ކިޔައި، ހިތްހަމަޖައްސަން އޭނާ މަސައްކަތް ކުރަމުން ގެންދިޔައެވެ. ނަމަވެސް އޭނާގެ ދޫ ވަނީ ބައްދުވެފައެވެ. އެއްވެސް އެއްޗެއް ދުލުން ބޭރުވާ ގޮތެއް ނުވިއެވެ. ހަދާނެ ގޮތެއް ނޭނގި، ގަނޑުވެފައި ހުއްޓާ މުޅި ދުނިޔެ އަނދިރިވެ، އޭނާގެ ހޭވެރިކަން ފިލައިގެން ދިޔައެވެ.
އިރުކޮޅެއް ފަހެވެ. ޒަކުވާންއަށް ހޭވެރިކަން ވީއިރު އޭނާ އޮތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. އޭނާގެ ވަށައިގެން މީހުން ތިއްބެވެ. ވާނުވާ ނޭނގޭ ހާލުގައި އޮއްވާ، އޭނާގެ ގާތް އެކުވެރިޔާ ޒައިދާން ވާހަކަ ދެއްކިއެވެ.
“ޒަކުވާން، ރަނގަޅުތަ؟ ޒަކުވާން މަގުމައްޗަށް ވެއްޓިފައި އޮއްވާ ފެނިގެން މިތަނަށް ގެނައީ. އަނެއްކާ ކިހިނެއްވީ؟” ޒައިދާން ކަންބޮޑުވެފައި އަހާލިއެވެ.
“އާ… ޒައިދާން… އަހަންނަށްވެސް ނޭނގެ. އަހަރެން ރަނގަޅު،” ޒަކުވާން ބަލި އަޑަކުން ބުނެލިއެވެ.
ޒަކުވާންގެ ހިތުގައި ވާނުވާ ނޭނގޭ އެތަކެއް ސިއްރުތަކެއް ވިއެވެ. އެ ވަގުތު އޭނާގެ ހަނދާނަށް އައީ އޭނާގެ މަންމަގެ މަތިންނެވެ. ޒަކުވާންގެ އުމުރުން އެންމެ 6 އަހަރުގައި މަންމަ ވަނީ މި ދުނިޔެއާ ވަކިވެފައެވެ. މަންމަ ނިޔާވުމުން ބައްޕަ އެހެން މީހަކާ އިނދެގެން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކުރީއެވެ. އޭގެ ފަހުން ޒަކުވާންއާ ބައްޕައާ އޮތް ގުޅުން ކެނޑި، އޭނާ ދިރިއުޅެމުން ދިޔައީ މުޅިން އެކަނިވެރި ހާލެއްގައެވެ.
އެ ހިޔާލުތަކުގައި އޮއްވާ ޒަކުވާން ހަމަބިމަށް އައީ ޒައިދާން ގޮވާލުމުންނެވެ. “އޭ ޒަކުވާން… ދެން މީގެ ފަހުން ކަލޭ އުޅޭނީ އަހަރުމެން ގޭގައި،” ޒައިދާން ހިނިތުންވެލާފައި ބުނެލިއެވެ. ނަމަވެސް ޒަކުވާންއަށް އެއްލި ކަޅިއަކުން ބަލިމީހުން ތިބޭ ކޮޓަރީގެ ދޮރު ކައިރިން މިއަދު ހެނދުނާއި ހަވީރު ފެނުނު އެ ކުޑަ އަންހެން ކުއްޖާ ފެނިގެން ދިޔައެވެ. އެ ކުއްޖާގެ މޫނުމަތިން ފެންނަނީ ކޮންމެވެސް މީހެއްގެ އެހީއަށް ބޭނުންވެގެން، ނުވަތަ މުހިންމު އެއްޗެއް ކިޔައިދޭން އުޅޭ ފަދަ އަސަރެކެވެ.
“އޭ ކިހިނެއްވީ؟ ކާކު ފެންނަނީ؟” ޒަކުވާންގެ މޫނަށް ބަލާލަމުން ޒައިދާން އެހިއެވެ.
“ކަމެއް ނުވޭ،” ޒަކުވާން އެކަންތައް ހިންދާލިއެވެ. އެއީ ކާކުކަމެއް، އަދި އޭނާގެ ފަހަތުން އެ އަންނަނީ ކީއްވެގެން ކަމެއް ޒަކުވާންއަކަށް ނޭނގެއެވެ.
ހެނދުނުގެ ވަގުތެވެ. ޒަކުވާން ހޮސްޕިޓަލުން ދޫކޮށްލުމުން، ޒަކުވާންއާއި ޒައިދާން ހިނގައިގަތީ ޒައިދާންމެންގެ ގެޔާ ދިމާއަށެވެ. ނަމަވެސް ޒަކުވާންގެ ހިތް ބުނަމުން ދިޔައީ، އެ ކަޅު ހިޔަނީގެ ސިއްރު އަދިވެސް ވަނީ އޭނާގެ ފަހަތުގައި ކަމަށެވެ.

Leave a Reply