ބޮލީވުޑްގެ މަޝްހޫރު ކޮމެޑީ ފްރެންޗައިޒް “ވެލްކަމް” ސީރީޒްގެ ތިންވަނަ ފިލްމު “ވެލްކަމް ޓު ދަ ޖަންގަލް” ގެ ފުރަތަމަ ޓީޒާ އާންމުކޮށްފިއެވެ. ގިނަ އަދަދެއްގެ ތަރިން ފެނިގެންދާ މި ފިލްމުގެ ޓީޒާއިން ބެލުންތެރިންނަށް ބޮޑު ސްކްރީނުގައި ފެންނާނެ ހިތްގައިމު މަންޒަރުތަކުގެ ކުޑަ މިންވަރެއް ވަނީ ދައްކާލާފައެވެ.
މި ޓީޒާ ފެށިގެން އަންނަނީ ފިލްމުތަކުގައި އާންމުކޮށް ފެންނަ ޓްރެޑިޝަނަލް ޑިސްކްލެއިމަރގެ ތަފާތު ގޮތަކަށެވެ. އެގޮތުން “ފިލްމު ހެދުމުގައި އެއްވެސް ޖަނަވާރެއް ބޭނުން ނުކުރެވުނު… އަސްތަކާއި އަހަރެމެންގެ ކާޅުތައް ފިޔަވައި،” މިފަދަ އިބާރާތަކުން ފެށޭ މި ޓީޒާއިން ފިލްމުގެ މަޖާ ރޫހު ހާމަވެގެންދެއެވެ.
މުނިފޫހިފިލުވުމުގެ ސެލެބްރޭޝަނެއްގެ ގޮތުގައި އުފައްދާފައިވާ މި ފިލްމަކީ ވައިލްޑް ސަފާރީއެއް ފަދަ ތަޖުރިބާއެކެވެ. ޖަންގަލީގެ ބެކްޑްރޮޕެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ މި ފިލްމުގައި ދައްކުވައިދެނީ ހަލަބޮލިކަމާއި، ނުތަނަވަސްކަމާއި، އަދި ހިނިތުންވުން އެކުލެވިގެންވާ “މެޑްކެޕް ރައިޑް” އެކެވެ. ޓީޒާގައި ފެންނަ ގޮތުން ފިލްމުގެ ބައިވެރިން ޖަންގަލީގެ ތެރޭގައި އާދަޔާ ހިލާފު ހާލަތްތަކާ ކުރިމަތިލާއިރު، އެ މީހުން އުޅެނީ ވަރަށް ގިނަ އަދަދެއްގެ ފައިސާ ނުވަތަ އަގުހުރި އެއްޗެއް ހޯދުމުގެ މަސައްކަތެއްގައި ކަމަށް ބެލެވެއެވެ.
ފިލްމުގެ ލީޑް ތަރި އަކްޝޭ ކުމާރު ވަނީ މި ޓީޒާ ސޯޝަލް މީޑިއާގައި ހިއްސާކުރަމުން، “މެޑްނެސް އާއި، ހިނިތުންވުމާއި، ކްރޭޒީ ކެއޯސް އަދި ޔުނިވާސްގެ ވައިލްޑެސްޓް ޗެޕްޓަރަށް މަރުހަބާ ކިޔާށޭ” ބުނެފައެވެ. މީގެ ކުރިން އާންމުކުރި ޕޯސްޓަރުގައި އަކްޝޭ ފެންނަނީ ނޫ ކުލައިގެ ސޫޓަކާއި ކުލަގަދަ ސަންގްލާސްއެއް ލައިގެން ޖަންގަލީގެ ތެރޭގައި ރެޑް ކާޕެޓްގައި ހިނގާފައި ދަނިކޮށެވެ.
އަހުމަދު ޚާން ޑައިރެކްޓްކޮށްފައިވާ މި ފިލްމުގައި ބޮޑު ކާސްޓެއް ހިމެނެއެވެ. އޭގެ ތެރޭގައި އަކްޝޭ ކުމާރުގެ އިތުރުން ސުނީލް ޝެޓީ، ޖެކީ ޝްރޮފް، ރަވީނާ ޓެންޑަން، ދިޝާ ޕަޓާނީ، ޖެކްލިން ފެނާންޑޭޒް، އަރުޝަދު ވާރްސީ، ޕަރޭޝް ރާވަލް، ރާޖްޕާލް ޔާދަވް، ޖޮނީ ލީވަރ، ލާރާ ދައްތާ، އަދި ޝްރެޔާސް ތަލްޕަޑޭ ހިމެނެއެވެ. މީގެ އިތުރުން ވެސް ތުޝާރު ކަޕޫރު، ފަރީދާ ޖަލާލް އަދި ކްރިޝްނާ އަބީޝެކް ފަދަ ގިނަ ފަންނާނުންތަކެއް މި ފިލްމުން ފެންނާނެއެވެ.
ނަމަވެސް، މި ފިލްމުގައި ފުރަތަމަ ބައިގެ މަޝްހޫރު ދެ ކެރެކްޓަރ ކަމަށްވާ މަޖްނޫ ބާއީ (އަނިލް ކަޕޫރު) އަދި އުޑޭ ޝެޓީ (ނާނާ ޕަޓޭކަރް) އެނބުރި ނާންނާނެކަން ވަނީ ކަށަވަރުވެފައެވެ.
ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ކޮމެޑީ ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އަދި ފިލްމުގެ ޓައިޓްލް ޓްރެކް އަންނަ މަހުގެ 18 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް ޕްރޮޑަކްޝަން ޓީމުން ވަނީ ހާމަކޮށްފައެވެ.
https://www.youtube.com/watch?v=dy_urGMFwH4

Leave a Reply