ޣައްޒާގައި އިޒްރޭލުން ދިން ބަޑީގެ ހަމަލާތަކުގައި ފަލަސްތީނުގެ ދެ މީހުން މަރުވެ، ހަތަރު މީހަކަށް އަނިޔާވެއްޖެ

ކިޔާލާ.ކޮމް

ޣައްޒާ: އިޒްރޭލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާގެ އެކި ސަރަޙައްދުތަކަށް ދެމުންދާ ރަޙުމުކުޑަ ހަމަލާތަކުގައި ފަލަސްތީނުގެ ދެ މީހަކު މަރުވެ، އިތުރު ހަތަރު މީހަކު ޒަޚަމްވެއްޖެއެވެ.

ޣައްޒާގެ ޞިއްޙީ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، ޚާން ޔޫނުސްގެ ހުޅަނގު ފަރާތުގައި އޮންނަ ނާސިރު މެޑިކަލް ކޮމްޕްލެކްސްއަށް މަރުވި މީހެއްގެ ހަށިގަނޑާއި ޒަޚަމްވި ދެ މީހަކު ގެންދެވިފައިވެއެވެ. މި ހަމަލާ ދީފައިވަނީ ޚާން ޔޫނުސްގެ ބާނީ ސުހެއިލާ ރައުންޑްއަބައުޓް ކައިރިންނެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި އިޒްރޭލުގެ ޑްރޯނަކުން ބާނީ ސުހެއިލާ ކައިރީގައި ތިބި އާންމުންގެ ގްރޫޕަކަށް އަމާޒުކޮށް ދިން މި ހަމަލާގައި އެތައް ބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.

މި ހަމަލާގައި ޒަޚަމްވި ފަލަސްތީނުގެ ކުޑަކުއްޖަކު ވެސް ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ އިތުރުން، ޣައްޒާގެ އުތުރުގައި އޮންނަ ޖަބާލިއާ ރެފިއުޖީ ކޭމްޕަށް އިޒްރޭލުން ދިން އެހެން ހަމަލާއެއްގައި ފަލަސްތީނުގެ ދެ ޒުވާނަކު ވަނީ ޒަޚަމްވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، 2025 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވިފައި އޮތް ނަމަވެސް، އިޒްރޭލު ސިފައިން ދަނީ އެ އެއްބަސްވުމާ ޚިލާފަށް ޣައްޒާގެ އެކި ސަރަޙައްދުތަކަށް މެދުކެނޑުމެއްނެތި ހަމަލާތައް ދެމުންނެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އައި ފަހުންވެސް އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 877 މީހުން މަރުވެ، 2,602 މީހުން ވަނީ ޒަޚަމްވެފައެވެ.

އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ މި އުދުވާނުގެ ސަބަބުން ޣައްޒާގެ މަދަނީ އިންފްރާސްޓްރަކްޗާގެ 90 އިންސައްތަ ވަނީ ބޭނުންނުކުރެވޭ ވަރަށް ސުންނާފަތިވެފައެވެ. މި ނުރައްކާތެރި ހާލަތުގެ ސަބަބުން ޣައްޒާގެ ރައްޔިތުން ދަނީ އިންސާނީ ބޮޑު ކާރިސާއަކާ ކުރިމަތިލަމުންނެވެ.

Be the first to comment

Leave a Reply

Your email address will not be published.


*